Roadha Mihaaru
އައްޑޫގެ ގިނަ މަޝްރޫއުތައް ހަ މަސް ތެރޭ ފަށާނެ:ރައީސް

އައްޑޫގެ ގިނަ މަޝްރޫއުތައް ހަ މަސް ތެރޭ ފަށާނެ: ރައީސް

04 ފެބުރުއަރީ 2021

އައްޑު އަށް މި ވެރިކަމުގައި ކޮށްދޭން ވެފައިވާ ވައުދުތަކުގެ މައްޗަށް ކަނޑައެޅި ގިނަ މަޝްރޫއުތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އައްޑު އަށް މި ވެރިކަމުގައި ކޮށްދޭން ވެފައިވާ ވައުދުތަކުގެ މައްޗަށް ކަނޑައެޅި ގިނަ މަޝްރޫއުތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން އެ މަނިކުފާނު ވިދާޅުވީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް އެބަދާ ކަމަށެވެ. ބީލަމުގެ މަރުހަލާ ނިންމައި މި މަ މަހުގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"ގިނަ މަޝްރޫއުތައް މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ފެށުމަށް މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އައްޑޫގެ މަޝްރޫއުތައް ލަސްވެފައި ވުމަކީ އެ ރަށުގެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އޮތް ކަމެކެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ ރަށްރަށުގެ މަގުތަކާއި ބަނދަރުތައް ހަދަން ނިންމާފައި ވަނީ ރާއްޖެ އަށް އިންޑިއާ އިން ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އިންނެވެ. އައްޑޫގެ ތަރައްގީ އަށް އިންޑިއާ އިން އެކަނި 200 މިލިއަން ޑޮލަރު ހޭދަކުރާ އިރު މި ސިޓީގެ އެހެނިހެން ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މި ސަރުކާރުން ކުރިން ވަނީ އިއުލާން ކޮށްފަ އެވެ.

އައްޑޫ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން ކަަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލަ ހައްލުކޮށް އެއާޕޯޓު އިތުރަށް ތަރައްގީކޮށް، ޓޫރިޒަމް ކުރިއެރުވޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދުތަކެވެ. މުޅި ރާއްޖޭގެ ތަރައްގީ އަށް ބަލާ އިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަކީ ތަރައްގީގެ ހަބަކަށްވާން ޖެހޭ ކަމަށާއި ވިސްނުމާއި އަމާޒު ވެސް ހުރީ އެ ދިމާއަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.