Roadha Mihaaru
ކުޑަގިރި ތަރައްގީކުރުމުގެ މާސްޓާ ޕްލޭން އެކުލަވާލައިފި

ކުޑަގިރި ތަރައްގީކުރުމުގެ މާސްޓާ ޕްލޭން އެޗްޑީސީން އެކުލަވާލައިފި

17 ޖުލައި 2022

ކުޑަގިރި ޕިކްނިކް އައިލެންޑްގެ މާސްޓާ ޕްލޭން އެޗްޑީސީން އެކުލަވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުޑަގިރި ޕިކްނިކް އައިލެންޑްގެ މާސްޓާ ޕްލޭން އެޗްޑީސީން އެކުލަވާލައިފި އެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ ޕްލޭނިން ޑިޕާޓްމަންޓުން އެކުލަވާލި މާސްޓާ ޕްލޭންގެ ދަށުން ކުޑަގިރި އަށް ދަތުރު ދާ މީހުންނަށް ބޭނުންވާ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ރަށުގައި ހަޓްތަކާއި ފާހާނާ ބަރިތަކުގެ އިތުރުން ދަތުރުދާ މީހުން ކުޅިވަރުކުޅެވޭނެ ތަންތަން ހެދުމަށް ވެސް ޕްލޭންގައި ހިމެނެ އެވެ.

މާސްޓާ ޕްލޭންގެ ދަށުން ޔުނިޓިލީ ހިދުމަތްތައް ގާއިމުކުރުމުގެ ގޮތުން ޕްލޭން އެކުލަވާލައި އެސްއޯއީތަކާ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ފެނާއި ނަރުދަމާ އާއި ކަރަންޓު އަދި އިންޖީނުގޭގެ އާރޯ ޕްލާންޓްގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. އަދި ވޭސްޓް މެނޭޖްމަންޓް ޕްލޭނެއް ހަދާ ކުނިމެނޭޖްކުރާނެ ގޮތާއި ކުނި ނަގާނެ ތަންތަނާއި ކުނި ރަށުން ބޭރުކުރާނެ ގޮތުގެ ޕްލޭން ވެސް ހަދާފައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ކުޑަގިރީގައި ލައިފް ގާޑް ހަޓްތަކުގައި ސާޗް ލައިޓް ލުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެމްއެންޑީއެފާއި ގުޅިގެން ރައްކާތެރިވުމުގެ ޕްލޭން ހަދައި ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭނެއް ވެސް ޑިޒައިންކޮށްފައިވާ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ އެ ރަށުގައި ޓެލެ ކޮމިއުނިކޭޝަން ކޮމްޕޯނެންޓްތައް ގާއިމުކުރުމަށާއި ނެޓްވޯކް އަދި މޮބައިލް ކަވަރޭޖް ރަނގަޅުކުރުމަށް ޑިވައިސްތައް ހަރުކުރުމުގެ މަސައްކަތް އެ ކުންފުނީގެ ސްމާޓް އިންފްރާސްޓްރަކްޗާ ޓީމުންކުރާނެ ކަމަށެވެ.

ޖުލައި 26 އާ ދިމާކޮށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކުޑަގިރީގައި އަންނަނީ މިސްކިތެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކުޑަގިރީގެ މަސައްކަތް ނިމޭއިރު އެ ރަށަކީ އާއިލާއާ އެކު ދަތުރު ދިއުމަށް ވަރަށް ހިތްފަސޭހަ މަންޒިލަކަށް ވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުޑަގިރީގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑްގެ މަސައްކަތް ބައްލަވާލެއްވުން-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުޑަގިރީގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑްގެ މަސައްކަތް ބައްލަވާލެއްވުން-- ފޮޓޯ: ރައީސް އޮފީސް

މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރުގެ ދުރުގައި އޮންނަ ކުޑަގިރި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަނީ މާލެ ކައިރީގައި ޕިކްނިކް ދިއުމަށް ރަށެއް ނެތުމުންނެވެ. އެހެންވެ، މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި މާލޭގައި އުޅޭ މީހުންނަށް ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަށް ވައުދުވި އެވެ.

ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެން ދަތުރު ދާނެ ރަށެއް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 41 މިލިއަން ރުފިޔާއަށެވެ. ޒަމާނީ ފެންވަރަށް ތަރައްގީކުރާ އެ ރަށް އާންމުންނަށް ހުޅުވާލުމުގެ ކުރިން ފެހި ކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

ކުރިން ސަރުކާރުން ޕްލޭންކުރީ މާލެ އަތޮޅުގައި އޮންނަ އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ދަތުރު ދިއުމަށް ހަމަޖެއްސުމަށެވެ. އެކަމަކު ރަށް ތަރައްގީކުރާނެ ގޮތުގެ ޕްލޭން އާންމުކުރި ފަހުން ސަރުކާރުގެ ނިންމުން ބަދަލުކޮށް ދަތުރުދިއުމަށް ކުޑަގިރި ހަމަޖެއްސީ އެވެ.