Roadha Mihaaru
ބަންދު ދުވަސްތަކުގައި ދިވެހިންނަށް ކުޑަގިރި ހިލޭ

ބަންދު ދުވަސްތަކުގައި ދިވެހިންނަށް ކުޑަގިރި ހިލޭ، އެ ނޫން ދުވަސްތަކުގައި 50ރ.

09 ފެބުރުއަރީ 2023

ޕިކްނިކް އައިލެންޑް ކުޑަގިރިއަށް އަރަން އަދި ފެރީއަށް ވެސް ބަންދު ދުވަސްތަކުގައި އެއްވެސް އަގެއް ނުނަގައި، އެ ނޫން ދުވަސްތަކުގައި ބޮލަކަށް 50ރ. ނަގަން ނިންމައިފި އެވެ.

ޕިކްނިކް އައިލެންޑް ކުޑަގިރިއަށް އަރަން އަދި ފެރީއަށް ވެސް ބަންދު ދުވަސްތަކުގައި އެއްވެސް އަގެއް ނުނަގައި، އެ ނޫން ދުވަސްތަކުގައި ބޮލަކަށް 50ރ. ނަގަން ނިންމައިފި އެވެ.

ކުޑަގިރި ތަރައްގީކުރީ މާލެ ސަރަހައްދުގައި ދިވެހިން ދަތުރުދާން އެއްވެސް ރަށެއް ނެތުމުގެ ޝަކުވާ ބޮޑުވުމުންނެވެ. ދަތުރުދާން ހަމައެކަނި އޮތް ރަށް, ކުޑަބަނޑޮސް ރިސޯޓެއްގެ ގޮތުގައި ހިންގަން ސަރުކާރުން 2013ގައި 50 އަހަރަށް ދޫކޮށްލީ އެވެ.

ހިއްކައިގެން ކުޑަގިރި ތަރައްގީކޮށް ދަތުރުދާން ތައްޔާރުކޮށްފައި އޮތް އިރު ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އެ ރަށުގައި ހުންނަވައި މީޑިއާއަށް ވިދާޅުވީ ކުޑަގިރިން ހަފުތާ ބަންދުގައި އެއްވެސް ދިވެއްސެއްގެ އަތުން ފީއެއް ނުނަގާނެ ކަަމަށެވެ. އެކަމަކު އެ ނޫން ދުވަސްތަކުގައި ރަށަށް އަރަން 50ރ. ނަގާނެ ކަމަށް ވިދާޅުވި އެވެ.

އެ އަގު ކަނޑައެޅީ ރަށުގެ މެއިންޓެނެންސް ކަންކަން ކުރަންޖެހޭތީ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ފީއެއް ނަގާ ގޮތަށް ހަމަޖައްސާފައި ވަނީ ހަޓް ބުކިން އާއި ރޫމް ބުކިން ފަދަ ހިދުމަތްތަކަށެވެ. ޕިކްނިކް ޕެޖޭކްތަކުގެ ތެރެއިން އެ މީހަކު ބޭނުންވާ ކުޅިވަރުތައް ހިމަނައިގެން، ހަޓް ނެގޭނެ އެވެ. ދިވެހިންނަށް ހާއްސަ ރަށަކަށް ވާތީ ޓޫރިސްޓުން ނުވަތަ ރިސޯޓްތަކުން ގެންނަ މީހުންނަށް ހިދުމަތުގެ އަގު ދިވެހިންނަށް ވުރެން ބޮޑުވާނެ އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް

● ހަތް ބީޗާ އެކު ހަޓުތަކެއް

● ދޮންވެލި ތުނޑިއެއް

● ރެކްރިއޭޝަން ހަރަކާތްތައް

● މޫދު ކުޅިވަރަށް ހާއްސަ ވަސީލަތްތައް

● މިސްކިތަކާއި ކްލިނިކެއް

● ފިހާރަ

● ކެފޭ/ރެސްޓޯރަންޓް

● އަންހެން/ފިރިހެން ޗޭންޖިން ރޫމް

● ޕްރައިވެޓް ރޫމްސް

● ދަތުރުދާން ފީއެއް ނުނަގާނެ. ޗާޖުކުރާނީ ހަޓް ބުކިންއަށް

● ސީސީޓީވީ 40 އަށް ވުރެން ގިނަ ކެމެރާ

ކުޑަގިރި ބަލަހައްޓަން ހަވާލުކޮށްފައިވާ އެޗްޑީސީން ފެރީ ހަމަޖައްސާގޮތަށް އޮތީ މާލެ އާއި ހުޅުމާލެ އިން ވެސް ދެވޭ ގޮތަށެވެ. މި ރަށް މި ހަފުތާ ބަންދުގައި އާއްމުންނަށް ހުޅުވާލަން އޮތީ ނިންމައިފަ އެވެ.

ކުޑަގިރި

ކުޑަގިރި

ކުޑަބަނޑޮހަށް ކުރިން ދަތުރުދިޔަ ގޮތާ ކުޑަގިރީގެ ކޮންސެޕްޓް މުޅިން ތަފާތެވެ. ޕިކްނިކް މިއޮތީ އެންމެން ބޭނުންވާ ގޮތަށް ޒަމާނީކޮށްފަ އެވެ.ވީކެންޑް ހަދަން ދުރާލައި ރާވަން ނުޖެހި، ކުރު މަޖާ ވީކެންޑެއްގެ ފުރުސަތު ލިބެ އެވެ. ހާހެއްހާ މީހުންނަށް އެއްފަހަރާ ދަތުރު ދެވޭ ޖާގައިގެ ބޮޑު މި ރަށަށް ލޯންޗުގައި 15 މިނެޓުން އާދެވެ އެވެ. ފެރީ ދަތުރަށް ހޭދަވަނީ 40 މިނެޓެވެ. މި ރަށް އާއްމުންނަށް ހުޅުވާއިރު ތޮއްޖެހުން ބޮޑުވިޔަ ނުދީ ދަތުރު ފަސޭހަކޮށްލަން ދުވާލަކު އަދި އަރުވާ ގޮތަށް އޮތީ 500 މީހުންނެވެ. އެއީ ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރާ މި ރަށުގެ ހިދުމަތް ފުރިހަމަކުރުމުގެ ބައެއް މަސައްކަތް އަަދިވެސް ކުރިއަށްދާތީ އެވެ.