Roadha Mihaaru
އަޔެކްސްއަށް ޓެންހާގް ގެންދިޔަ މާޓިނޭޒް ޔުނައިޓެޑަށް

އަޔެކްސްގެ އެންމެ މޮޅު ކުޅުންތެރިޔާ މާޓިނޭޒް، ޓެން ހާގް ޔުނައިޓެޑަށް ގެންގޮސްފި

18 ޖުލައި 2022

މެންޗެސްޓާ (ޖުލައި 18) - މިދިޔަ ސީޒަންގައި އެރިކް ޓެން ހާގްގެ ކޯޗުކަމުގެ ދަށުން އަޔެކްސް އަށް ކުޅެ އެ ޓީމުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިސަންޑްރޯ މާޓިނޭޒް، ޓެން ހާގްގެ މިހާރުގެ ކްލަބް، މެންޗެސްޓާ ޔުނައިޓެޑަށް ގެންގޮސްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ޖުލައި 18) - މިދިޔަ ސީޒަންގައި އެރިކް ޓެން ހާގްގެ ކޯޗުކަމުގެ ދަށުން އަޔެކްސް އަށް ކުޅެ އެ ޓީމުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިސަންޑްރޯ މާޓިނޭޒް، ޓެން ހާގްގެ މިހާރުގެ ކްލަބް، މެންޗެސްޓާ ޔުނައިޓެޑަށް ގެންގޮސްފި އެވެ.

އާޖެންޓީނާގެ ޒުވާން ޑިފެންޑަރު މާޓިނޭޒް، ވނީ މިދިޔަ ސީޒަންގައި އަޔެކްސް އިން ހޮވި އެ ކްލަބްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޔުނައިޓެޑާ ގުޅެން އެއްބަސް ވެއްޖެ އެވެ. އޭނާ ވަނީ އަޔެކްސް ގައި ޓެން ހަގް އާއެކު 2021 އަދި 2022 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދި އެވެ. މިދިޔަ އަހަރުގެ ނެދަލެންޑްސް ކަޕް ވެސް އޭނާ ވަނީ ކާމިޔާބު ކޮށްފަ އެވެ.

އުމުރުން 24 އަހަރުގެ ޑިފެންޑަރު، ޔުނައިޓެޑާ ގުޅޭކަން އެ ކުލަބުން ވެސް ވަނީ ހާމަ ކޮށްފަ އެވެ. ޔުނައިޓެޑުން އަންނަނީ، ލިސަންޑްރޯ މާޓިނޭޒް ފަސް އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ތައްޔާރު ވަމުންނެވެ. އަޔެކްސް އަށް ޓްރާންސްފާ ފީގެ ގޮތުގައި ފުރަތަމަ 58 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން ޖެހޭ އެވެ. އަދި އެޑޯންސްގެ ގޮތުގައި އިތުރު 10 މިލިއަން ޑޮލަރު ވެސް އަޔެކްސް އަށް ލިބޭނެ އެވެ. އޭނާ ކުރިން ކުޅުނު ކުލަބުތަކަށް ވެސް މި ޓްރާންސްފާއިން 2.6 މިލިއަން ޑޮލަރު ލިބިގެންދާނެ އެވެ.

މާޓިނޭޒް އަކީ، ޓެން ހާގް ޓީމާ ހަވާލުވެ، ޔުނައިޓެޑުން ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. އެންމެ ފުރަތަމަ ނެދަލެންޑްސްގެ ފޭނޫޑަށް ކުޅެމުން އައި އެ ގައުމުގެ ޒުވާން ފުލްބެކް ޓީރެލް މަލަސިއާގެ ސޮއި ހޯދާފަ އެވެ. އަދި ހިލޭ ޓްރާންސްފާގައި ޑެންމާކު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ވެސް ސޮއި ކުރިވި އެވެ.

"ޑިފެންޑަރު އަދިވެސް ހުރީ 30 ޖޫން 2025 އާ ހަމައަށް އަޔެކްސްގެ ކޮންޓްރެކްޓުގައި. އަޔެކްސް ވަނީ އިނގިރޭސި ކުލަބާ އެކު 57.37 މިލިއަން ޔޫރޯގެ ފީއަކަށް އެއްބަސް ވެފައި. އަދި އިތުރު ޝަރުތުތަކާ އެކު މި އަގު 67.37 މިލިއަން ޔޫރޯ އަށް ވެސް އުފުލިދާނެ،" އަޔެކްސް އިން ނެރުނު ބަޔާނެއްގައި ވެއެވެ.

ރަސްމީކޮށް ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި މާޓިނޭޒް ދައްކާލުން އޮތީ، މެޑިކަލް އާއި އެގްރީމަންޓުތަކުގެ އިތުރުން އޭނާގެ ވޯކް ޕާމިޓްގެ ކަންކަން ފުރިހަމަ ވުމުންނެވެ.

އަޔެކްސް އަށް 2019 ވަނަ އަހަރު ބަދަލު ވުމުގެ ކުރިން މާޓިނޭޒް ވަނީ އާޖެންޓީނާ ލީގުގެ ޑިފެންސާ ވައި ޖަސްޓީޝިއާ އަދި ނިއު ވޭލްސް އޯލްޑް ބޯއީޒް އަށް ކުޅެފަ އެވެ. ޑިފެންސާ ވައި ޖަޗްޓީޝިއާ އިން 6.3 މިލިއަން ޕައުންޑަށް އަޔެކްސް އަށް ބަދަލުވެ، އޭނާ ވަނީ ތިން ސީޒަނުގައި ޓެން ހަގް ގެ ދަށުން އެޓީމަށް 120 މެޗު ކުޅެދީފަ އެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 2019 ވަނަ އަހަރު ކުޅެން ފެށި މާޓިނޭޒް ވަނީ ގައުމީ ޖޯޒީގައި ނުވަ މެޗު ކުޅެދީފަ އެވެ. އާޖެންޓީނާ އިން އެންމެ ފަހުން ކޮޕާ އެމެރިކާ އާއި، އިޓަލީއާ ދެކޮޅަށް ކުޅުނު ފައިނަލިސިމާ ކާމިޔާބުކުރި ޓީމުގައި ވެސް މާޓިނޭޒް ހިމެނެ އެވެ.