Roadha Mihaaru
ސަރުކާރަށް 17 ބިމެއް ވިއްކީ ފްލެޓް އަޅަން: އެޗްޑީސީ

ސަރުކާރަށް 17 ބިމެއް ވިއްކީ 4،000 ފްލެޓް މަޝްރޫއުއަށް: އެޗްޑީސީ

01 މާޗް 2023

ހުޅުމާލޭ ދެ ވަނަ ފޭސް އިން ސަރުކާރަށް 17 ބިމެއް ވިއްކީ 4،000 ފްލެޓް އެޅުމުގެ މަޝްރޫއުއަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭ ދެ ވަނަ ފޭސް އިން ސަރުކާރަށް 17 ބިމެއް ވިއްކީ 4،000 ފްލެޓް އެޅުމުގެ މަޝްރޫއުއަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ދެ ވަނަ ފޭސް އިން 17 ބިމެއް އެޗްޑީސީން 878 މިލިއަން ރުފިޔާއަށް ސަރުކާރަށް ވިއްކުމުން އެ ބިމުގެ މިލްކުވެރިކަން ސަރުކާރަށް ލިބިފައިވާ ކަމަށް ސިވިލް ކޯޓުން މި ހަފުތާގައިވަނީ ހުކުމްކޮށްފަ އެވެ. ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އޮންނަނީ އެޗްޑީސީއަށެވެ.

އެކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައިވަނީ އެ ބިންތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ 4،000 ޔުނިޓްގެ ހައުސިން މަޝްރޫއަށް ވިއްކަން އެއްބަސްވެފައިވާ ބިންތަކެއް ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި އެ ކުންފުނިން ސަރުކާރަށް ބިން ވިއްކަނީ ހުޅުމާލޭ ދެ ވަނަ ފޭސްއަކީ އެ ކުންފުނިން ލޯނު ނަގައިގެން ހިއްކައި އަދި ތަރައްގީ ކޮށްފައިވާ ތަނަކަށް ވާތީ ކަމަށެވެ. އެކަމަކު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެ ކުންފުނިން ބިން ވިއްކަނީ ލުއި އަގުތަކެއްގައި ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މީގެ ކުރިން ވެސް ދައުލަތުގެ އެހެން ބޭނުންތަކަށް ސަރުކާރުން ވަނީ އެޗްޑީސީ އަތުން ބޮޑު އަގުގައި ބިން ގަނެފަ އެވެ. ކުރިން އެގޮތަށް ބިން ގަތީ ބޭރުގެ އެމްބަސީތައް ބިނާކުރުމަށް ހާއްސަ ކޮށްފައިވާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުންނެވެ.