Roadha Mihaaru
ވިފާގުގެ މޮޅު ލަނޑުން އެލްޓީން ވިކްޓަރީ ހިފަހައްޓައިފި

ވިފާގުގެ މޮޅު ލަނޑުން އެލްޓީ އިން ވިކްޓަރީ ހިފަހައްޓައިފި

19 ޖުލައި 2022

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކުލަބަށް ކުޅޭ އިސްމާއިލް ވިފާގު (އިއްސޭ) ޖެހި މޮޅު ލަނޑާ އެކު، ވިކްޓަރީ ސްޕޯޓްސް ކުލަބް ހިފަހައްޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކުލަބަށް ކުޅޭ އިސްމާއިލް ވިފާގު (އިއްސޭ) ޖެހި މޮޅު ލަނޑާ އެކު، ވިކްޓަރީ ސްޕޯޓްސް ކުލަބް ހިފަހައްޓައިފި އެވެ.

މިރޭ ގަލޮޅު ދަނޑުގައި އެލްޓީ ސްޕޯޓްސްއާ ވާދަކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. ވިކްޓަރީން ވަނީ ފުރަތަމަ މެޗެކޭ އެއްގޮތަށް މިރޭ ވެސް މެޗުގެ ވަރަށް ކުރީކޮޅު އެޓީމަށް ލީޑު ނަގައިދިނީ ލެބަނާން ފޯވާޑް މުހައްމަދު ގަދޫހު އެވެ. މެޗުގެ ފަސްވަނަ މިނިޓުގައި އޭނާ މި ލަނޑު ޖެހީ އެޓީމުގެ މިސްރު ކުޅުންތެރިޔާ މުހައްމަދު އޮސާމާ ނަގައިދިން ކޯނަރަކުން ބޮލުން ޖަހައެވެ.

އެލްޓީ ސްޕޯޓްސް އިން އެއްވަރުކުރި ލަނޑު ވިފާގު ޖެހީ، ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގަ އެވެ. ކުރިން ޒުވާން ގައުމީ ޓީމަށް ވެސް ކުޅުނު އިއްސޭ ވަނީ އަމިއްލަ ހާފުގެ މެދަކާ ހަމައިން ވިކްޓަރީގެ އިސްމާއިލް ނަސީމް ކައިރިން ބޯޅަ ހޯދައިފަ އެވެ. އަދި ކުރިޔަށް އެރި ބާރުމިނުގައި ވިކްޓަރީގެ ތިން ކުޅުންތެރިން ކައިރިން ދެމިގަނެ އޭރިއާ ތެރެއަށް ވަދެ، ވިކްޓަރީގެ ބިދޭސީ ގޯލްކީޕަރު އަހުމަދު ސަޔެދް އިބްރާހިމަށް ވެސް ފުރުސަތެއް ނުދީ، ގޯލުގެތެރަށް ވައްދައިލި އެވެ..

ކުރިން އީގަލްސްގެ ޔޫތު ޓީމަށް ވެސް ކުޅުނު ވިފާގު ވަނީ، ކްލަބް ވެލެންސިއާ އާއެކު އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަން މުބާރާތް ކާމިޔާބު ވެސް ކޮށްފަ އެވެ.

ވިކްޓަރީން މެޗުގެ ފަހު ވަގުތު ގޯލެއް ޖަހަން ވަރަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. އެލްޓީ ސްޕޯޓްސް ކުލަބުގެ ގޯލު ބެލެހެއްޓި ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ކީޕަރު އަހުމަދު އާތިފް ވަނީ މިރޭގެ މެޗުގައި މުހިއްމު ސޭވަތަކެއް ކޮށްފަ އެވެ.

އެލްޓީ ސްޕޯޓްސް ވަނީ ތަފާތު ބޮޑުކޮށް އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ބަލިކޮށްފަ އެވެ. އަދި ސަސްޕެންޝަނަކުން ސަލާމަތްވެ މިއަހަރު އަލުން އެނބުރި ފުޓުބޯޅައަށް އައިސް، ދެވަނަ ޑިވިޝަނުގައި ވާދަކުރާ ވިކްޓަރީން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ.

ގުރޫޕް ބީގެ އެލްޓީ ސްޕޯޓްސް އާއި ވިކްޓަރީ ވެސް މިހާތަނަށް ދެ މެޗް ކުޅެފައި ވާއިރު، ދެ ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މި ގުރޫޕުގައި ހިމެނޭ ނިއު ރޭޑިއަންޓަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، ބީޖީ ސްޕޯޓްސް އާއި ލޮރެންޒޯ ސްޕޯޓްސް އަދި ކްލަބް ޓީނޭޖަށް ޕޮއިންޓެއް ނުލިބެ އެވެ. ހަތް ޓީމު ހިމެނޭ މި ގުރޫޕުގައި ހިމެނޭ މަހިބަދޫ ސްޕޯޓްސް އަދި މެޗެއް ނުކުޅެ އެވެ.

ދެވަނަ ޑިވިޝަނުގައި މިއަދު ހަވީރު ވެސް ވަނީ މެޗެއް ކުޅެފަ އެވެ. ގުރޫޕް އޭގެ ކުޑަހެންވޭރު ޔުނައިޓެޑާއި ކްލަބް ޕީކޭ، ގަލޮޅު ދަނޑުގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރީ ކުޑަހެންވޭރު ޔުނައިޓެޑެވެ.

މިއީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާފަންނު ޓާފް ދަނޑުގައި ކުޅެން އޮތް މެޗެކެވެ. ނަމަވެސް މެޗު ފަސްކުރަން ޖެހުނީ، އެ ދުވަހުގެ މޫސުން ގޯސްވުމުގެ ސަބަބުން ޓާފް ދަނޑުގައި މެޗު ނުކުޅެވުމުންނެވެ.

ކުޑަހެންވޭރު ޔުނައިޓެޑާއި ކްލަބް ޕީކޭ ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. މިއަދުގެ މެޗުގައި ކުޑަހެންވޭރުން ޖެހި ފުރަތަމަ ލަނޑު 42 ވަނަ މިނިޓުގައި ކާމިޔާބު ކުރީ އެޓީމުގެ މިސްރު ފޯވާޑް އިސްލާމް ފެކްރީ ގަބާލާ އެވެ. އަދި ދެވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓުގައި، އިބްރާހިމް ރިޒްހާން (ރިޒްކޮ) ނަގައިދިން ހުރަހަކުން ޖެހީ، ކުރިން ފުރަތަމަ ޑިވިޝަނުގައި ނިއު ރޭޑިއަންޓުން ފާހަގަވި ޝަހީމް އަބްދުލް ގާދިރެވެ.

މި ނަތީޖާއާ އެކު ގުރޫޕް އޭގެ އަށް ޓީމަށް ވެސް ވަނީ ދެ މެޗު ކުޅެވިފަ އެވެ. ޓެންޓް ސްޕޯޓްސް އާއި ބުރު ސްޕޯޓްސް ކުޅުނު ދެ މެޗް ވެސް ކާމިޔާބު ކޮށްގެން ހަ ޕޮއިންޓް ހޯދާފައި ވާއިރު، ކުޑަހެންވޭރާއި ބިސްބުރު އަދި ދިވެހި ސިފައިންގެ ކްލަބާއި ޖޭޖޭ ސްޕޯޓްސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ޕީކޭ އާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މާދަމާ ގަލޮޅު ދަނޑުގައި ދެވަނަ ޑިވިޝަނުގެ ގުރޫޕް ބީގެ ދެ މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ޓީނޭޖް އާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ލޮރެންޒޯ ސްޕޯޓްސް ކްލަބެވެ.