Roadha Mihaaru

ޔޫކްރޭންގައި ރަޝިޔާގެ 15000 ސިފައިން މަރުވެއްޖެ

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މިހާތަނަށް ރަޝިޔާގެ ގާތްގަނޑަކަށް 15000 ސިފައިން މަރުވެފައިވާ ކަމަށް، އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އިން އިއްޔެ ބުނެފި އެވެ.

އެމެރިކާގެ އަސްޕެން އިންސްޓިޓިއުޓްގެ ފަރާތުން އަހަރަކު އެއްފަހަރު ބާއްވާ ސިލްސިލާ ފޯރަމްގެ ތެރެއިން މިއަހަރުގެ އަސްޕެން ސެކިއުރިޓީ ފޯރަމްގައި އިއްޔެ ވާހަކަ ދައްކަވަމުން، ސީއައިއޭގެ ޑިރެކްޓަރ ވިލިއަމް ބާންސް ވިދާޅުވީ ރަޝިޔާގެ 45000 ސިފައިން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޔޫކްރޭން ސިފައިންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށާއި، ނަމަވެސް ރަޝިޔާ ސިފައިންނަށް ވުރެ މަދު ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭން ސަރުކާރުން މިދިޔަ މަހު ބުނެފައިވާ ގޮތުން، މިހާރު ކުރަމުންދާ ހަނގުރާމައިގައި، އެގައުމުގެ އިރުމަތީ ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި، އެ ގައުމުގެ ސިފައިންގެ ތެރެއިން ދުވާލަކު އެވްރެޖް ގޮތެއްގައި 100 އެއްހާ ސިފައިން މަރުވެ އެވެ.

ވިލިއަމް ބާންސް ވިދާޅުވީ ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްގެން ހާސިލުކުރަން ބޭނުންވި އެއްވެސް ކަމެއް މިހާތަނަށް ހާސިލްނުވި ކަމަށެވެ. އެ ގޮތުން، ހަނގުރާމައިގެ އެންމެ ކުރީކޮޅުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފައި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ވެރިކަން ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވި ކަން ބާންސް ފާހަގަކުރެއްވި އެވެ.

"ޕުޓިން މުޅި ދުނިޔެއަށް ގޮން ޖެއްސެވީ، ލޭ އޮހޮރުވުން ބޮޑު ހަނގުރާމައެއް ފަށައިގެން ޔޫކްރޭންގެ އަސްކަރިއްޔާ ބަލިކޮށްލުމުގައި އޭނާ ކާމިޔާބު ހޯއްދަވާނެ ކަމަށް. އަދި ވިލާތުގެ ގައުމުގެ ސަރުކާރުތަކާއި ރައްޔިތުން ވެސް ބަލިކޮށްލައި އެންމެ ފަހުން އެމެރިކާ ވެސް ރަޝިޔާގެ ފައިބުޑަށް ތިރިކުރެވޭނެ ކަމަށް އޭނާ އުންމީދުކޮށްގެން އެ ހުންނެވީ،" ބާންސް ވިދާޅުވި އެވެ.

ޖުލައި 19، 2022؛ އީރާންގެ ވެރިރަށް ތެހެރާންގައި ބޭއްވި، ތުރުކީ ވިލާތާއި އީރާނާއި ރަޝިޔާގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން (ވ) ތެހެރާނަށް ވަޑައިގަތުމުން، އީރާންގެ ރައީސް އިބްރާހީމް ރައީސީ، ޕުޓިން އަށް މަރުހަބާ ދަންނަވަނީ. --އޭއެފްޕީ

"ހުޅަނގުގެ ގުޅިފައިވާ އިއްތިހާދު ބައިބައިކޮށްލެވޭނެ ކަމަށް، އަދި ޔޫކްރޭން ރައްޔިތުން ބައިބައިކޮށްލެވޭނެ ކަމަށް، ހަނގުރާމަ ފެށުމުގެ ކުރިން ޕުޓިން ލަފާކުރި ކުރުންތައް މުޅިން ގޯސް. އަދި މިހާރު ހަނގުރާމަ ކުރަމުންދާ އިރު އޭނާ ޖައްސަވާ ހިސާބުތައް ވެސް މުޅިން ގޯސް."

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި އީރާންގެ ރައީސް އިބްރާހީމް ރައީސީއާ ދެބޭފުޅުން، މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން، ބާންސް ވިދާޅުވީ އެއީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ނުކުރައްވާ ދެ ބޭފުޅުން ކަމަށެވެ. އެހެން ނަމަވެސް އެ ދެ ގައުމަކީ ވެސް ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އޮތް ދެ ގައުމު ކަމަށްވާތީ، އެއް ގައުމަށް އަނެއް ގައުމުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ބާންސް ވިދާޅުވި އެވެ.

"އީރާން ރައްޔިތުންނާއި ރަޝިޔާ ރައްޔިތުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރުކުރާ ބައެއް ނޫން. އެއީ ހަކަތައިގެ (ތެލުގެ ވިޔަފާރީގެ) ވާދަވެރިން، އަދި ތާރީޚީ ގޮތުން ވެސް އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރަމުން އަންނަ ބައެއް. އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދެވެން ހުރި ގޮތްތައް މިހާރު ވަރަށް މަދުވާނެ."