Roadha Mihaaru
ނޭޓޯ އިން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ފޮނުވަނީ

ނޭޓޯ އިން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ފޮނުވަނީ

16 ޖެނުއަރީ 2023

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިން އެ ގައުމު ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތަށް ވާގިވެރިވުމުގެ ގޮތުން، ނޭޓޯ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ވަރަށް އަވަހަށް، އިތުރު ބަރު ހަތިޔާރު ފޮނުވާނެ ކަމަށް، ނޭޓޯ އިން އިއްޔެ ބުނެފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިން އެ ގައުމު ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތަށް ވާގިވެރިވުމުގެ ގޮތުން، ނޭޓޯ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ވަރަށް އަވަހަށް، އިތުރު ބަރު ހަތިޔާރު ފޮނުވާނެ ކަމަށް، ނޭޓޯ އިން އިއްޔެ ބުނެފި އެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓެންބާގް އިއްޔެ ވިދާޅުވީ ރަޝިޔާގެ އުދުވާނާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ފޯރުކޮށްދޭ އެހީތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ވަރަށް ކައިރި ކުރިމަގެއްގައި އިތުރު ހަތިޔާރު ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭނަށް ހުޅަނގުގެ އިތުރު ބަރު ހަތިޔާރު ފޮނުވާނެކަން ނޭޓޯ އިން މި އިއުލާން ކުރީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ޑިނެޕްރޯ ސަހަރުގެ އެޕާޓްމެންޓް އިމާރާތްތަކަކަށް ރަޝިޔާ އިން މިސައިލް ހަމަލާތަކެއް ދީ، އާންމުންގެ ބަޔަކު މަރާލާފައިވަނިކޮށެވެ. އެ ހަމަލާތަކުގައި މަދުވެގެން 30 މީހަކު މަރުވެ 100 އެއްހާ މީހުން ޒަޚަމްވި އެވެ.

ނޭޓޯ އިން ބުނި ގޮތުގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް އިތުރަށް ފޮނުވާނެ ހަތިޔާރުތަކާ ބެހޭ ގޮތުން ޔޫކްރޭން ސަރުކާރާ އެކުގައި މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޔޫކްރޭނަށް އިތުރު ހަތިޔާރު ފޮނުވާއިރު، އެންމެ ބޮޑަށް އިސްކަން ދޭނީ، ހަނގުރާމަ ދެމެހެއްޓުމުގެ ބަދަލުގައި، ރަޝިޔާ ސިފައިންގެ މައްޗަށް ޔޫކްރޭން ސިފައިންނަށް ކާމިޔާބު ހޯދޭނެ ފަދަ ހަތިޔާރު ފޯރުކޮށްދިނުމަށެވެ.

ޔޫކްރޭންގެ މިނިވަންކަމުގެ ދިފާއުގައި އެ ގައުމުން ކުރަމުން ދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިނގިރޭސި ވިލާތުން ވެސް އިތުރު ބަރު ހަތިޔާރާއި ޓޭންކާއި ބޮޑުބަޑި ފޮނުވާނެކަން، މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ އިތުރުން ޖަރުމަން ވިލާތާއި ޕޮލެންޑާއި ފިންލެންޑުން ވެސް ވަނީ ޔޫކްރޭނަށް ޓޭންކާއި އިތުރު ބަރު ހަތިޔާރު ފޮނުވަން ނިންމައިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ، ހުޅަނގުގެ ގައުމުތަކުގެ އިތުރު އަސްކަރީ ހަތިޔާރު ޔޫކްރޭނަށް ފޮނުވުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ޓެރަރިސްޓް ހަރަކާތްތައް ހުއްޓުވޭނެ ހަމައެކަނި ގޮތަކީ، ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ ބަލިކުރުމެވެ.

"އެކަން ކުރުމަށްޓަކައި އަހަރެމެންނަށް ބޭނުންވަނީ ކޮން ކަމެއްތޯ؟ އެއީ ހުޅަނގުގެ އަސްކަރީ ގުދަންތަކުގައި ރައްކާކޮށްފައި ހުރި ހަތިޔާރުތައް،" ޒެލެންސްކީ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހު، ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ އިރުމައްޗާއި ދެކުނުގެ ބައެއް ބިންތައް ހިފައި، ރަޝިޔާގެ އިމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މި ހަނގުރާމައަށް އަހަރެއް ފުރެން ކައިރިވެފައިވާ އިރު، ހަނގުރާމަ ހުއްޓަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ރަޝިޔާ އިން ނުދެ އެވެ.

ޔޫކްރޭންގައި ރަޝިޔާ ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލު ނުވެ، ހަނގުރާމަ ދިގުލައިގެން ދާއިރު، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވަމުންދާ ހަތިޔާރުތަކުގެ ސަބަބުން، ހަނގުރާމައިގެ ނުރައްކާތެރިކަން ދަނީ އިތުރަށް ބޮޑުވަމުންނެވެ. ހަނގުރާމަ ހިނގަނީ ރަޝިޔާ އާއި ޔޫކްރޭނާ ދެމެދުގައި ކަމަށް ވިޔަސް، ހަނގުރާމައިގެ ތެރެއަށް ހުޅަނގުގެ ނުފޫޒު ފޯރާފައިވާ މިންވަރަށް ބަލާއިރު، މިއީ ހުޅަނގުގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު ކުރާ ހަނގުރާމައެއް ކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.