Roadha Mihaaru
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް

ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް

26 މާޗް 2023

ރަޝިޔާގެ ނިއުކްލިއާ ހަތިޔާރުތަކެއް އަވައްޓެރި ބެލަރޫސްގައި ގާއިމުކޮށްފައި ބެހެއްޓުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ނިއުކްލިއާ ހަތިޔާރުތަކެއް އަވައްޓެރި ބެލަރޫސްގައި ގާއިމުކޮށްފައި ބެހެއްޓުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް ޕުޓިން އެކަން އިއުލާން ކުރެއްވި އިރު، އެ ގައުމުން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ދަނީ އިތުރުވަމުންނެވެ. އޭގެ އިތުރުން ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ވެސް، ހުޅަނގުގެ ބައެއް މަސްދަރުތަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ރަޝިޔާގެ އިމުން ބޭރަށް ނިއުކްލިއާ ހަތިޔާރު ގެންދިއުމުގައި، ބައިނަލްއަގުވާމީ އެއްވެސް ހުރަހެއް ނެތް ކަން ކަށަވަރުކޮށްދެއްވަމުން، ޕުޓިން ވިދާޅުވީ، އެއީ ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއާ ޚިލާފު ކަމެއް ނޫން ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުން ޕުޓިން ވިދާޅުވި ގޮތުގައި އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް ވެސް އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުގައި ބަހައްޓާފައި އެބަ ހުއްޓެވެ.

"އަހަރެމެން މި އެއްބަސްވީ އަހަރެމެން ވެސް ހަމަ އެ ގޮތަށް އަމަލުކުރުމަށް. އެއީ އަހަރެމެން ބައިވެރިވެފައިވާ، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގެ ދަށުން އަހަރެމެންގެ މައްޗަށް ލާޒިމުކުރާ ކަންކަމާ ޚިލާފު ނުވާނެ ގޮތަށް. ބާރުލައި މި ބުނަނީ، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގެ ދަށުން ބައިނަލްއަގުވާމީ ގޮތުން އަހަރެމެންގެ މައްޗަށް ލާޒިމުކުރާ އެއްވެސް ކަމަކާ ޚިލާފު ނުވެ އެކަން ކުރާނަން،" ރަޝިޔާގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވި އެވެ.

ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ބެލަރޫސްގައި ރަޝިޔާގެ ނިއުކްލިއާ ހަތިޔާރުތަ ގާއިމުކޮށްފައި ބެހެއްޓުމުގެ ބޭނުންތެރިކަން، އެ ގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ފާހަގަ ކުރައްވާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ބެލަރޫސްގެ އިރުމަތީ ސަރަހައްދު، ރަޝިޔާއާ އިންވެގެން އޮންނަ އިރު، ބެލަރޫސްގެ ހުޅަނގު ފަރާތުން އިންވެގެން އޮންނަނީ ނޭޓޯގެ މެމްބަރު ގައުމެއް ކަމަށްވާ ޕޮލެންޑެވެ. އަދި ދެކުނުން އޮންނަނީ ޔޫކްރޭނެވެ.

ބެލަރޫސް އަށް ނިއުކްލިއާ ހަތިޔާރުތަކެއް ގެންދާ އިރު، އެ ހަތިޔާރުތައް ބަހައްޓާނެ ތަން ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ނިއުކްލިއާ ހަތިޔާރުތައް ރައްކާކޮށްފައި ބެހެއްޓުމަށް، ބެލަރޫސްގައި މިހާރު ހަދަމުން އަންނަ ތަން، ޖުލައި މަހުގެ ފުރަތަމަ ދުވަހަށް ނިންމައިލެވޭނެ އެވެ.

ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ބެލަރޫސްގައި ނިއުކްލިއާ ހަތިޔާރުތައް ގާއިމުކުރިޔަސް، އެ ހަތިޔާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ރަޝިޔާގަ އެވެ. އަދި އެ ހަތިޔާރު ބެލެހެއްޓުމާއި ބޭނުންކުރުމުގެ އެއްވެސް ކަމެއްގައި ބެލަރޫސް ސިފައިން ބައިވެރިއެއް ނުކުރާނެ އެވެ.

ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ، ރަޝިޔާގެ އަސްކަރީ 10 މަތިންދާބޯޓެއް މިހާރު ވަނީ ބެލަރޫސް އަށް ފޮނުވައިފަ އެވެ. އަދި ނިއުކްލިއާ ވޯހެޑް ހިފައިގެން ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ އިސްކަންދަރު މަރުކާގެ މިސައިލް ނިޒާމުތަކެއް ވެސް ވަނީ ބެލަރޫސް އަށް ފޮނުވައިފަ އެވެ.

ޕުޓިން އިއްޔެ ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުން ޔޫކްރޭނަށް މިފަހަރު ފޮނުވާ ޓޭންކުތަކާ އެކު، އެ ޓޭންކުތަކުގައި ބޭނުންކުރުމަށް އުފައްދާފައި ހުންނަ، ބާރު ދަށްކޮށްފައިވާ ޔޫރޭނިއަމް އަޅާފައި ހުންނަ އުންޑަ ފޮނުވައިފި ނަމަ، ރަޝިޔާ އިން ވެސް، ހަނގުރާމައިގެ މައިދާނަށް އެފަދަ ހަތިޔާރު ނެރޭނެ އެވެ.