Roadha Mihaaru
130 ކިލޯ ޑްރަގް:ކުޑަކުއްޖާ ދޫވި މައްސަލަ ހައިކޯޓަށް

130 ކިލޯގެ ޑްރަގްގެ މައްސަލަ: ކުޑަކުއްޖާ ސަލާމަތްވި މައްސަލަ ހައި ކޯޓަށް

26 ޖުލައި 2022

ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

އޮކްޓޫބަރު، 2020 ގައި ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯގެ ޑްރަގްގެ މައްސަލައިގައި ދައުލަތުން ފަސް މީހަކަށް ދައުވާ ކުރިއިރު، 16 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާ އަށް ތުހުމަތުކުރީ މަސްތުވާތަކެތި ދޯންޏަށް އެރުވުމާއި އެ ތަކެތި ހުޅުމާލެ އަށް ގެންދިއުމަށްޓަކައި ބައިވެރިވި ކަމަށެވެ.

އެ ކުއްޖާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ކުރުމުން މިދިޔަ އޭޕްރީލް މަހު ޖުވެނައިލް ކޯޓުން ނިންމީ އެ ދެ ދައުވާ ވެސް ސާބިތުނުވާ ކަމަށެވެ. މިއީ މަސްތުވާތަކެތީގެ އެހާ ބޮޑު މައްސަލައެއްގައި ކުޑަކުއްޖަކަށް ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ޖުވެނައިލް ކޯޓުން ނިންމީ އެ ކުއްޖާ ދޯންޏަށް އަރައި، ދަތުރުގައި ބަައިވެރިވީ އޭގައި މަސްތުވާތަކެތި ހުރިކަން އެ ކުއްޖާ އަށް އެނގި ހުރެ ކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނީ ފުލުހުން އެ ދޯންޏަށް އަރައި، އޭގައި ހުރި ބަސްތާތަކެއް ކެނޑުމުން ކަމަށް ވާއިރު، އޭގެ ކުރިން އޭގައި މަސްތުވާތަކެތި ހުރިކަން އެ ކުއްޖާ އަށް އެނގޭނެ ގޮތެއް އޮންނާނެކަން ހެކިންގެ ބަހުން އެނގެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ މައްސަލައިގައި ދައުލަތުން ދެން ދައުވާކުރަނީ އެކަމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލީ ލައިޓްހައިސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާގެ މައްޗަށެވެ. އެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި އަދިވެސް ދަނީ ކުރިއަށެވެ.