Roadha Mihaaru
ކުއްޖަކު ބަލަހައްޓަން ކުރި އަމުރެއް ބާތިލްކޮށްފި

ކުށުގެ ވެށީގައި އުޅޭ ކުއްޖަކާ ހަވާލުވާން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ކުރި އަމުރެއް ހައި ކޯޓުން ބާތިލްކޮށްފި

16 މާޗް 2018

މަސްތުވާތަކެތި ބޭނުންކުރުމާއި ޖިންސީ އެކި މައްސަލަތަކާ ގުޅިގެން ތަކުރާރުކޮށް ކޯޓަށް ހާޒިރުކުރަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ބަލަހައްޓަން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި އަމުރެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި ޖިންސީ އެކި މައްސަލަތަކާ ގުޅިގެން ތަކުރާރުކޮށް ކޯޓަށް ހާޒިރުކުރަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ބަލަހައްޓަން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި އަމުރެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

ހައި ކޯޓުން ޖުވެނައިލް ކޯޓުގެ އަމުރު ބުދަ ދުވަހު ބާތިލްކުރީ، ކުޑަކުއްޖާއާ ހަވާލުވާނެ ޒިންމާދާރު ފަރާތެއް ހަމަޖެހެންދެން އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓަން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް 2016 ވަނަ އަހަރު ނެރެފައި އޮތް އަމުރު ދައުލަތުން އިސްތިއުނާފު ކުރުމުންނެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރުގެ އިއްތިފާގު ހުކުމުގައިވާ ގޮތުން ޖުވެނައިލް ކޯޓުން އަމުރު ނެރުނީ އެ ކުއްޖާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމާ ގުޅިގެން ކޯޓަށް ހާޒިރުކޮށް އެކި ފަހަރުމަތިން ބަންދުގެ މުއްދަތު އިތުރުކޮށް އަދި އެ އަމުރުތަކާއި ޝަރުތުތަކާ ތަކުރާރުކޮށް ޚިލާފުވަމުން ދާތީ އެ ކުއްޖާ ހަވާލުކުރާނެ ފަރާތަކާ މެދު މަޝްވަރާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ފުލުހުންގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. އެ އަމުރު ނެރެފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާއި ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކަށް ބަލާއިރު މިފަދަ ކުދިންނަށް 18 އަހަރު ފުރެންދެން ނުވަތަ ކުށުގެ ވެއްޓަށް ނުދާނެ ފަދަ އިންތިޒާމެއް ހަމަޖެހެންދެން ބެލެހެއްޓުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވާތީ ކަމަށް ބުނެފަ އެވެ.

ޖުވެނައިލް ކޯޓުގެ އަމުރުގައިވާ ގޮތުން މައްސަލާގައި ހިމެނޭ ކުއްޖާ ބަލަހައްޓަން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މައްޗަށް އަމުރުކުރީ އެއީ ކުށުގެ ތުހުމަތުގައި ތަކުރާރުކޮށް ހައްޔަރުކުރާ ކުއްޖެއް ކަމަށް ވެފައި އޭނާ ކުށުގެ ވެއްޓަށް ދަނީ އާއިލާގެ މައްސަލަތަކާ ހެދި އަމިއްލަ ނަފްސު ކުށްވެރިކޮށް އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ބޭނުމުގައި ކަމަށް، ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހެދި އެސެސްމަންޓް ރިޕޯޓުން ދައްކާތީ އެވެ. އަދި އެ ކުއްޖާ ގިނައިން ހައްޔަރުކުރަނީ ގެސްޓްހައުސްތަކުގައި ބަދުއަޚްލާގީ އަމަލު ހިންގުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށާއި ކުއްޖާ އަށް ޖިންސީ އަނިޔާ ލިބިފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ޖުވެނައިލް ކޯޓުގެ އަމުރު ބާތިލްކުރީ އެއީ އެ ކޯޓުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ކަމަށް ނުވާތީ އާއި އެ ކޯޓަށް ލިބިގެންވަނީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކާއި ކުށުގެ ތުހުމަތުގައި ބަންދުކުރާ ކުޑަކުދިންގެ މައްސަލަތައް ބެލުން ކަމަށް ވެފައި އެއީ ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހަވާލުވާން ޖެހޭ ކުއްޖެއް ކަމަށް ވެސް ނުވާތީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެ ހުކުމުގައިވާ ގޮތުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ޒިންމާ އަކީ ކުށް ކުރާ ކުދިން މުޖުތަމައުއަށް އަނބުރާ ގެންނަން ކުރަން ޖެހޭ މަސައްކަތް ކުރުމެވެ. އަދި އެ މަގްސަދު ހާސިލް ކުރުމަށް "ކަރެކްޝަނަލް ސެންޓަ ފޯ ޗިލްރަން" ގެ ނަމުގައި ސެންޓަރެއް އުފައްދަން ޖެހޭއިރު އެތަނަށް ފޮނުވާ ކުދިންނަކީ ޖިންސީ ކުށާއި މަސްތުވާތަކެތީގެ ރެކޯޑް އޮތް ކުދިންނަށް ވެގެން ނުވާނެ ކަމަށް ގަވައިދުގައި ބުނާކަން ވެސް ފާހަގަކޮށްފައިވެ އެވެ.