ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ފައިނަލުގައި ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އަޖުފާން ރަޝީދާއި ނިބާލް އަހުމަދު ވާދަކުރަން ޖެހިއްޖެ އެވެ.
16 އޮކްޓޯބަރ 2018
ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ފައިނަލުގައި ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އަޖުފާން ރަޝީދާއި ނިބާލް އަހުމަދު ވާދަކުރަން ޖެހިއްޖެ އެވެ.
ތަޖުރިބާކާރު ކުޅުންތެރިޔާ އަޖުފާން ފައިނަލުގެ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޒަޔާން ޒަކީ ބަލިކުރުމަށް ފަހު އެވެ. އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުން އަޖުފާން މޮޅުވީ 21-04، 21-12 އިންނެވެ. މިދިޔަ އަހަރު ފައިނަލުގައި ޒަޔާން އަތުން ބަލިވި ނަމަވެސް ރޭގެ ސެމީ މެޗުން އަޖުފާން ވަނީ ފަސޭހައިން މޮޅުވެފަ އެވެ.
ޒުވާން ކުޅުންތެރިޔާ ނިބާލް އަންނަނީ ފަހަރަކަށް ވުރެ ފަހަރެއް ނަތީޖާ ރަނގަޅު ކުރަމުންނެވެ. މި ފަހަރުގެ ފައިނަލުން އޭނާ ފުރުސަތު ހޯދިއިރު، މިއީ ފައިނަލުގައި އޭނާ ވާދަކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ. ނިބާލް ފައިނަލުގެ ފުރުސަތު ހޯދީ ސެމީގައި ރިޝްވާން ޝިޔާމް ބަލިކުރުމަށް ފަހު އެވެ. ނިބާލް ސެޓުތައް ގެންދިޔައީ 21-08، 21-19 އިންނެވެ.
އަންހެން ސިންގަލްސް ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އައިމިނަތު ނަބީހާ އަށް ފުރުސަތު ނުލިބެ އެވެ. އޭނާ ވަނީ ކުއާޓާ ފައިނަލުގައި ނީލާ ނަޖީބު އަތުން ބަލިވެފަ އެވެ. އެކަމަކު ނީލާ އަށް ފައިނަލުގެ ޖާގަ ނުލިބުނީ ސެމީގައި ފާތިމަތު ނަބާހާ އަތުން ބަލިވުމުންނެވެ. ނަބާހާ މޮޅުވީ 23-21، 21-16 އިންނެވެ.
އަންހެން ސިންގަލްސް ފައިނަލުގެ އަނެއް ޖާގަ ހޯދީ އައިމިނަތު ޝަހުރުނާޒް އެވެ. އޭނާ ވަނީ ސެމީ ފައިނަލުގައި އައިޝަތު އަފްނާން ރަޝީދު އަތުން މޮޅުވެފަ އެވެ. ޝަހުރުނާޒް ސެޓުތައް ގެންދިޔައީ 21-17، 21-16 އިންނެވެ.
އަންހެން ސިންގަލްސް ފައިނަލުގައި ވާދަކުރާ ޝަހުރުނާޒް (ކ) އާއި ނަބާހާ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއުގެ ޕެއާ އާއި ނަޝްފާން މުހައްމަދު އާއި ނަޝީއު ޝަރަފުއްދީންގެ ޕެއާ އެވެ. ޝާމިއު އާއި އަފްޝީންގެ ޕެއާ ފައިނަލަށް ދަތުރުކުރީ ސެމީގައި އަހުމަދު އަދީމް އާއި ހުސެއިން ރިފާއުގެ ޕެއާ 21-11، 23-21 އިން ބަލިކޮށްފަ އެވެ. ނަޝްފާން އާއި ނަޝީއު ފައިނަލަށް ދަތުރުކުރީ ނިބާލް އާއި ޒަޔާންގެ ޕެއާ 21-17، 21-18 އިން ބަލިކުރުމަށް ފަހު އެވެ.
އަންހެން ޑަބަލްސް ބައިން ފައިނަލަށް ދަތުރުކުރީ ނަބާހާ އާއި ނަބީހާގެ ޕެއާ އާއި ޝަހުރުނާޒް އާއި އަފްނާންގެ ޕެއާ އެވެ. ޝަހުރުނާޒް އާއި އަފްނާންގެ ޕެއާ ވަނީ ސެމީ ފައިނަލުގައި އައިމިނަތު އަހުމަދު ދީދީ އާއި މާޝާ ރަޝީދުގެ ޕެއާ 21-08، 21-09 އިން ބަލިކުރުމަށް ފަހު އެވެ.
މިދިޔަ އަހަރުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދި ޒަޔާން އާއި ނަބާހާ މި ފަހަރުގެ ފައިނަލުގައި ނުކުންނާނީ އަހުމަދު ތޯއިފް އާއި ނަބީހާގެ ޕެއާއާ ދެކޮޅަށެވެ. ތޯއިފް އާއި ނަބީހާގެ ޕެއާ ފައިނަލަށް ދަތުކުރީ ސެމީ ފައިނަލުގައި ނަޝީއު އާއި ޝަހުރުޒާންގެ ޕެއާ ބަލިކުރުމަށް ފަހު އެވެ.
މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި މިއަދު ހަވީރާއި މިރެ އެވެ.
އަޖުފާން އާއި ނަބާހާ ގައުމީ ޗެމްޕިއަންކަން ހޯދައިފި
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ދައްތައާ ދެކޮޅަށް ކުޅެން ޖެހުމުން އުނދަގޫވޭ: ނަބާހާ
އަޖްފާނަށް އަނިޔާވެއްޖެ، ޒަޔާން ސެމީ ފައިނަލަށް
އިންޑިވިޖުއަލް ކުޅިވަރު އެވޯޑް ނަބާހާ އާއި އަޖުފާނަށް
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ނަބީހާ އާއި ނަބާހާއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް