Roadha Mihaaru
މިސްކިތުން ވައްކަންކުރަނިކޮށް ދެ މީހަކު ހައްޔަރުކޮށްފި

މިސްކިތުން ވައްކަން ކުރަނިކޮށް ސީސީޓީވީން ފެނިގެން ދެ މީހަކު ހައްޔަރުކޮށްފި

27 ޖުލައި 2022

މާލޭގެ ޖަލާލުއްދީން މިސްކިތަށް ވަދެ ދެ މީހަކު ވައްކަން ކުރާ މަންޒަރު ސީސީޓީވީން ފެނިގެން މާލޭ ސިޓީ ކައުންސިލުން ފުލުހުންނަށް ރިޕޯޓްކުރުމުން އެ ދެ މީހުން ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ ޖަލާލުއްދީން މިސްކިތަށް ވަދެ ދެ މީހަކު ވައްކަން ކުރާ މަންޒަރު ސީސީޓީވީން ފެނިގެން މާލޭ ސިޓީ ކައުންސިލުން ފުލުހުންނަށް ރިޕޯޓްކުރުމުން އެ ދެ މީހުން ހައްޔަރުކޮށްފި އެވެ.

ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް 24 ގަޑިއިރު މޮނިޓާކުރެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްކިތުން ވައްކަކުރަން އުޅެނިކޮށް ފެނުނީ އެ ކައުންސިލުން ގާއިމުކޮށްފައިވާ ސީސީޓީވީ ނިޒާމުގެ އެހީގައި ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ދެ މީހުން ވަގަށް ގެންދަން އުޅުނު ތަކެތީގެ ތަފްސީލެއް ކައުންސިލުން އާއްމެއް ނުކުރެ އެވެ.

މުއިއްޒު ވަނީ މިސްކިތްތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

މާލެ އާއި ވިލިމާލޭގެ ޖުމްލަ 39 މިސްކިތަކާއި މާލޭގެ ޕާކުތަކުގައި ކައުންސިލުން ވަނީ ސީސީޓީވީ ކެމެރާ ހަރުކޮށްފަ އެވެ.

މިސްކިތްތަކާއި ޕާކުތަކުގައި ކެމެރާ ހަރުކުރުމަކީ މާލޭ ސިޓީ ކައުންސިލުން ވައުދުވި ކަމެކެވެ. ކައުންސިލްގެ ސީސީޓީވީ މޮނިޓަރިން ސެންޓަރުގައި މުވައްޒަފުން 24 ގަޑިއިރު ޑިއުޓީކުރާ ގޮތަށް ހަމަޖައްސާފައިވާއިރު އޭގެ ސަބަބުން މިސްކިތްތަކާއި ޕާކުތަކުގައި ހިނގާ ނޭދެވޭ ކަންކަމަށް ވަގުތުން ފިޔަވަޅު އެޅޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އެ މަސައްކަތްކުރަމުން ދަނީ ފުލުހުންގެ އެއްބާރުލުމާ ވެސް އެކުގަ އެވެ.