Roadha Mihaaru
މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ

މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ މި އަހަރު ހުށަހަޅާފައިވޭ: ޕޮލިސް

21 ޖޫން 2024

މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މާލޭގެ އެކި މިސްކިތްތަކުން ވައްކަން ކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"މި މައްސަލަތަކުގައި ހިމެނޭ ހަ ފަންކާ، ދެ ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލުކޮށްފައި،" ފުލުހުން ބުންޏެވެ.

މި މައްސަލަތަކާ ގުޅޭ އިތުރު ތަފުސީލު ފުލުހުން އަދި ނުދެ އެވެ.

މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެގެން، އެ ތަންތަން ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ވައްކަންތަކާ ގުޅިގެން ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި އެކި ފަހަރު މަތިން ޕޯސްޓުތައް ކޮށްފައި ވެސް ވެ އެވެ.

މީގެ ކުރިން ފުލުހުން ވަނީ މިސްކިތްތަކުން ވައްކަން ކުރި ބައެއް މީހުންގެ ވީޑިއޯ އާންމުކޮށްފަ އެވެ.

މާލޭގެ ތަގުވާ މިސްކިތުން ފަންކާއެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ވީޑިއޯ މިދިޔަ އެޕްރީލް މަހު ފުލުހުން އާންމުކުރި އެވެ. ތިން ރޭ މަތިން އެ މިސްކިތުން ހަ ފަންކާ ވަގަށް ގެންދިޔަ އެވެ.

ފުލުހުން އޭރު ބުނި ގޮތުގައި، އެ މީހާ ވަނީ އެހެން ބައެއް މިސްކިތްތަކުން ވެސް ފަންކާ ވަގަށް ނަގައިފަ އެވެ. އަދި އެ ފަންކާތައް ފުލުހުންނަށް ހޯދުނީ ވިއްކާލި ފަހުންނެވެ.