Roadha Mihaaru
ޓީސީ ބަލިކޮށް ގްރީންއިން ގަދަ ހަތަރެއް ޔަގީންކޮށްފި

ޓީސީ ބަލިކޮށް ގްރީންއިން ގަދަ ހަތަރެއް ޔަގީންކޮށްފި

01 އޯގަސްޓް 2022

ޓީސީ ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް ގްރީން ސްޓްރީޓްސް އިން ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ކަށަވަރު ކޮށްފި އެވެ.

ޓީސީ ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް ގްރީން ސްޓްރީޓްސް އިން ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ކަށަވަރު ކޮށްފި އެވެ.

ބޯ ވާރޭ ތެރޭގައި މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗާ އެކު ޓީސީ އާއި ގްރީން އަށް ވެސް ވަނީ ލީގު ނިމިފަ އެވެ. ގްރީން ވަނީ ޖުމުލަ 30 ޕޮއިންޓް ހޯދައިފަ އެވެ. މިވަގަތު އެ ޓީ އޮތީ ތިންވަނައިގަ އެވެ. ހަތަރުވަނައިގައި އޮތީ 29 ޕޮއިންޓާއެކު އޮތް ކްލަބް ވެލެންސިއާ އެވެ.

ލީގުގެ ފަހު ދުވަހުގެ ކުޅުން މާދަމާ އޮންނާނެވެ. މާދަމާ ހަވީރު ވެލެންސިއާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. މެޗު އެއްވަރު ކޮށްލައިގެން ވިޔަސް ގަދަ ހަތަރެއްގެ މަގާމުގައި ވެލެންސިއާ އަށް އޮވެވޭނެ އެވެ.

މިރޭ މެޗުގައި ފެނިގެން ދިޔަ ތިން ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ގްރީން އިން ލީޑް ނެގީ 58 ވަނަ މިނެޓްގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ. ޓީސީގެ އޭރިއާގެ ބޭރުން ދަނޑުގެ ޓަޗް ލައިނާ ކައިރިން ލިބުނު ހިލޭ ޖެހުން އަންސަރު އިބްރާހިމް ނަގައިދިނުމުން ރީބައުންސް ވެގެން އައިސް ޓީސީގެ އޭރިއާގެ ތެރޭގައި ޖެހުނެވެ. ސާއިފް ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ގްރީންގެ އަންސަރު ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: ވިއްސާރަވުމުގެ ސަބަބުން ދަނޑުގައި ކުޅެން ވެސް އުނދަގޫވި --- ފޮޓޯ: އެފްއޭއެމް

ގްރީންގެ އަންސަރު ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: ވިއްސާރަވުމުގެ ސަބަބުން ދަނޑުގައި ކުޅެން ވެސް އުނދަގޫވި --- ފޮޓޯ: އެފްއޭއެމް

ވާރޭ ވެހުމުގެ ސަބަބުން ދަނޑުގެ އެކި ހިސާބުތަކުގައި ޗަކަ ހެދިފައިވުމުގެ ސަބަބުން ދެ ޓީމަށް ވެސް ކުޅެން އުނދަގޫވި އެވެ. ރަނގަލަށް ބޯޅަ ފޮނުވާ ނުލެވުމާއި ފޮނުވާލާ ބޯޅައިގެ ސްޕީޑަށް ވެސް އަސަރު ކުރި އެވެ.

ގްރީންގެ ދެވަނަ ލަނޑު ޖެހީ މުހައްމަދު ޖައިލަމް (އޮގީ) އެވެ. އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަ ކުރުމަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައި ޖައިލަމް ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ އަށް ލިބުނު ބޯޅަ އޭނާ ގޯލްގެ ތެރެއަށް އޮއްސާލީ އޭގެ ކުރިން ޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ޓީސީގެ ޑިފެންސުން ދިފާއު ކުރުމުން ރީބައުންސްވުމުންނެވެ.

ޓީސީގެ ލަނޑު އެ ޓީމުގެ މުހައްމަދު މުސްލިހް (މުއްޓި) ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަްލތީ އަކީ ގްރީންގެ އޭރިއާގެ ތެރެއިން ޓސީގެ އިބްރާހިމް ނޫރައްދީން (ނޫރު) އަށްފައުލު ކުރުމުން ދިން ޕެނަލްޓީ އެކެވެ. މުސްލިހް ޕެނަލްޓީ ފޮނުވާލީ ގްރީންގެ ކީޕަރު ސަގީބް ހަނީފް އަށް ބޯޅައިގެ މިސްރާބު އޮޅުވާލުމަށް ފަހު އެވެ.