Roadha Mihaaru
ޔޫކޭގެ ޔުނިވާސިޓީއެއްގެ ސްކޮލާޝިޕަށް ހުޅުވާލައިފި

ޔޫކޭގެ ޔުނިވާސިޓީއެއްގެ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

01 އޯގަސްޓް 2022

ޔޫރަޕްގެ އާގާ ހާން ޔުނިވާސިޓީގެ މާސްޓާސް ލެވެލްގެ ފަސް ސްކޮލާޝިޕަކަށް ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޔޫރަޕްގެ އާގާ ހާން ޔުނިވާސިޓީގެ މާސްޓާސް ލެވެލްގެ ފަސް ސްކޮލާޝިޕަކަށް ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީން ކުރި އިއުލާނުުގައި ބުނީ މާސްޓާ އޮފް އާޓްސް އިން މުސްލިމް ކަލްޗާގެ ދާއިރާއިން ކިޔެވުމަށް މާސްޓާ ޑިގްރީގެ ފަސް ފުރުސަތަކަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ސްކޮލާޝިޕްގެ ދަށުން ކޯހުގެ 50 ޕަސެންޓް ހިލޭ ލިބޭނެ ކަމަށާއި 100 ޕަސެންޓް އެކޮމޮޑޭޝަން ސަބްސިޑައިސްޑް އަދި ކޮންމެ މަހަކު 400 ބްރިޓިޝް ޕައުންޑްގެ ސްޓައިފަންޑެއް ކޯހުގެ މުއްދަތުގައި ލިބޭނެ ކަމަށް ބުންޏެވެ. ކޯހުގެ އިތުރު ހަރަދުތައްކުރަން ޖެހެނީ ކޯހަށް ހޮވޭ ފަރާތުންނެވެ.

އެ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު އޮކްޓޫބަރު 30 ވަނަ ދުވަހުގެ 12:30 ނިޔަލަށް އޮންނާނެ އެވެ.

ކޯހަށް އެދޭ ފަރާތަކީ ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ. ކޯހާ ގުޅޭ ޔުނިވާސިޓީގެ މައުލޫމާތު ޝީޓްގައިވާ އިތުރު ޝަރުތުތައް ވެސް ފުރިހަމަވާންޖެހޭ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

އިއުލާނުގައި ބުނީ ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ކިޔެވުމަށް ލޯނެއް ނަގާފައިވާ ނަމަ، ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި ކިޔެވުމަށް އެދޭ ކޯހަކީ މިހާރު ފުރިހަަމަކުރާ ކޯހަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާންޖެހޭއިރު ކިޔެވުމަށް އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ދަރިވަރަކަށް ވެގެން ނުވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސްޓޫޑެންޓް ލޯނު ލިބި ކިޔަވަން ނުފަށާ ފަރާތްތަކަށް މި ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު ސްޓޫޑެންޓް ލޯނު ދޫކޮށްލަން ޖެހެ އެވެ. އަދި ކޯހަށް ކަނޑައަޅާފައިވާ އަދަދަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާ ނަަމަ، އެ ޖާގަ ހަމަކުރަން ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ ހުށަހަޅާފައިވާ ލެވެލްތަކުން މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

އެ ސްކޮލާޝިޕަށް މީހުން ހޮވުމުގައި އިސްކަންދޭނީ ބެޗްލާސް ނުވަތަ މާސްޓަސް ޑިގްރީ ނިންމުމަށް ފަހު ރާއްޖެއަށް ހިދުމަތްކޮށްފައިވާ މުއްދަތަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޯހަށް ނޮމިނޭޓްވެ އެކަން އަންގާ ފަހުން ކޯސް ދޫކޮށްލައިފި ނަމަ، އެ އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.