Roadha Mihaaru
މަޝްރޫއުތައް އަވަސްކުރަން 100މިލިއަން ޑޮލަރުގެ ލޯނެއް

އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

02 އޯގަސްޓް 2022

ރާއްޖޭގައި އިންޑިއާއިން ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް އެ ގައުމުން އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ލޯނު ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި އިންޑިއާއިން ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް އެ ގައުމުން އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ލޯނު ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

މޯދީ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ މުޅިން އާ ހަ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފަ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފަހު، ދެ ގައުމުގެ ސަރުކާރުން ދިން ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި މޯދީ ވިދާޅުވީ ދެ ގައުމު ގުޅިގެން ކުރާ މަސައްކަތާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އެ މަސައްކަތްތަކާ އެކު ދެ ގައުމުގެ ގުޅުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަރަށް ވަރުގަދަވެފައިވާ ކަމަށް މޯދީ ވިދާޅުވި އެވެ.

"އިންޑިއާ އިން ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމުގެ ގޮތުން މަސައްކަތް އަވަސްކުރުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދިނުމަށް ވެސް ވަނީ ނިންމައިފައި،" މޯދީ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ، މާލެ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދޭން ނިންމާފައިވާކަން އިއުލާންކުރައްވައިފަ އެވެ. އިންޑިއާގެ އެހީގައި ހުޅުމާލޭގައި މިހާރު ވެސް 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކަކީ؛

1. އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ކައުންސިލްތަކަށް ތަމްރީނުދިނުމުގެ އެއްބަސްވުމެއް.

2. ސައިބާ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ދެ ގައުމުގެ ދެމެދު ބަދަލުކުރުމުގެ އެއްބަސްވުމެއް.

3. މަސްވެރިކަން ކުރެވޭނެ ސަރަހައްދުތައް ދެނެގަތުމުގެ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއް.

4. ކާރިސާތަކުގައި ދިމާވާ ކަންކަން މެނޭޖުކުރުމުގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއް.

5. ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން 41 މިލިއަން ޑޮލަރުގެ ލޯނެއް ދަށުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުގެ އެއްބަސްވުން.

6. މާލެ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓް އެޅުމަށް ހެދި އެއްބަސްވުން.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާގެ އެހީއާ އެކު މި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ ވެސް އަޅުއްވައިދެއްވައިފަ އެވެ.

މާލެ ސަރަހައްދު ގުޅާލާ ބްރިޖް މަޝްރޫ އަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއު އަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު އެ މަޝްރޫއު އަށް ދީފައިވެ އެވެ.

އެއީ މަޝްރޫއު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.

ބްރިޖް މަޝްރޫއާ ގުޅޭ ގޮތުން އެފްކޮންސް އިން ބުނެފައިވާ ގޮތުގައި، މާލެ އިން ވިލިމާލެ އަށް ގުޅާލުން އަންނަ އަހަރުގެ ޖުލައި 23 އަށް ނިންމައި، މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފަށާނެ އެވެ.