Roadha Mihaaru
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި

ރައީސަށް، މޯދީ ގުޅުއްވައި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި

14 ޖުލައި 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އިންޑިއާގެ ބޮޑުވަޒީރު ނަަރެންދުރަ މޯދީ މިއަދު ގުޅުއްވައި މުހިއްމު ބައެއް ކަންތައްތަކާ މަޝްވަރާ ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އިންޑިއާގެ ބޮޑުވަޒީރު ނަަރެންދުރަ މޯދީ މިއަދު ގުޅުއްވައި މުހިއްމު ބައެއް ކަންތައްތަކާ މަޝްވަރާ ކުރައްވައިފި އެވެ.

ރައީސަށް ގުޅުއްވުމަށް ފަހު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެ އަށް އިންޑިއާ އިން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވާނެ ކަމަށެވެ. އަދި ދެ ގައުމު ގުޅިގެން ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މޯދީ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވެފައިވާތީ މަރުހަބާ ދެންނެވި ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

މޯދީގެ އެ ޓްވީޓަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދެ ގައުމުގެ މަސްލަހަތު އޮތް މުހިއްމު ގިނަ ކަންތައްތަކަކާ ބެހޭ ގޮތުން މޯދީއާ މަޝްވަރާ ކުރެއްވި ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމުން ދިފާއުވުމަށް ކުރާ މަސައްކަތާއި އެ ބަލިމަޑުކަމަށް ފަހު އިގްތިސާދީ ގޮތުން އަލުން ބިނާކުރުމަށް ކުރާ މަސައްކަަތްތައް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މޯދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވީ އިންޑިއާގެ އެހީގައި ހިންގާ ބޮޑު މަޝްރޫއެއް ކަމަށްވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް އަލުން ބިނާކުރުމާ ގުޅޭ މުހިއްމު މަޝްވަރާތަކެއް، ހަނިމާދޫ ރައްޔިތުންނާ އެކު ސަރުކާރުން ބާއްވަން ތައްޔާރުވެފައިވާ ވަގުތެއްގަ އެވެ. މި ހަފުތާގެ ބަންދުގައި ރައީސް އުތުރުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ހަނިމާދު އަށް ވަޑައިގަންނަވާނެ އެވެ.

ހަނިމާދު އަށް ރައީސް ވަޑައިގަންނަވާއިރު،، އެ ރަށުގެ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްޓަކައި ނަގާ ބިންތަކުގެ ތެރޭގައި، ގޯތި ދޭން ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއާޕޯޓް ތަރައްގީ ކުރުމުގައި ސަރުކާރުން ކޮށްދޭން އެދޭ ކަންތައްތަކެއް ހިމެނޭ ޕެޓިޝަނެއް ވެސް ވަނީ ރައީސް އޮފީހަށް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަނުގައި 800 އަށް ވުރެ ގިނަ މީހުން ސޮއިކުރި އެވެ.

އެނގިފައިވާ ގޮތުގައި، ހަނިމާދޫގެ ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ މެދު ރައީސްގެ ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ އެވެ. މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް ވުރެ ގާތްވެފައިވާއިރު، އެކި ގޮތްގޮތުން ބޮޑެތި އެހީތައް ވެސް އެ ގައުމުން އަންނަނީ ދެމުންނެވެ.