Roadha Mihaaru
ބީޖީއާ އެއްވަރުވެ ޓީނޭޖުން ފުރުސަތު ނަގާލައިފި

ދެ ވަނަ ޑިވިޝަން: ބީޖީއާ އެއްވަރުވެ ޓީނޭޖުން ފުރުސަތު ނަގާލައިފި

06 އޯގަސްޓް 2022

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ކްލަބް ޓީނޭޖާއި ބީޖީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ޓީނޭޖުން ގްރޫޕުގެ ދެ ވަނަ މަގާމަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ކްލަބް ޓީނޭޖާއި ބީޖީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ޓީނޭޖުން ގްރޫޕުގެ ދެ ވަނަ މަގާމަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ގުރޫޕް ބީ ގައި އިއްޔެ ހަވީރު ނިއު ރޭޑިއަންޓް ބަލިކޮށް އެލްޓީ ސްޕޯޓްސް ކްލަބް ވަނީ 13 ޕޮއިންޓް ހޯދައި، ގުރޫޕްގެ އެއް ވަނައަށް އަރައިފި އެވެ. ނިއުގެ ފުރަތަމަ ބައްޔާ އެކު އެ ޓީމު ދެ ވަނަ އަށް ވެއްޓުނީ އެވެ. ލިބިފައިވަނީ 12 ޕޮއިންޓެވެ.

ގަލޮޅު ދަނޑުގައި ރޭ ބީޖީ އަތުން މޮޅުވެ، ނިއުއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް، ފައިދާ ގޯލުގެ ތަފާތުން ދެ ވަނަ އަށް އަރަން ޓީނޭޖަށް ފުރުސަތު އޮތެވެ.

ޓީނޭޖް މެޗުން މޮޅުވާން ދަނިކޮށް ބީޖީ އިން އެއްވަރުކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖެހި ލަނޑުންނެވެ.

މެޗުގެ އަށް ވަނަ މިނިޓުގައި ބީޖީގެ މުހައްމަދު ޔަފާއު (ޔާ) ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑާ އެކު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ނަމަވެސް ޓީނޭޖުން ވަނީ ފަހު ހާފުގައި ފަހަތުން އަރައި ދެ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. އެއްވަރުކުރި ލަނޑު 57 ވަނަ މިނިޓުގައި ޖަހައިދިނީ އުޒްބެކިސްތާނުގެ ޑިފެންޑަރު ފުރްކަޓް ޚަސަންބޮއެވް އެވެ. އަދި ލީޑު ނެގީ 74 ވަނަ މިނިޓުގައި ބިދޭސީ ފޯވާޑް އަހުމަދު އަލީ އަފީފީ ގެހި ގޯލުންނެވެ.

ހަނި ލީޑަކާ އެކު ޓީނޭޖް މެޗު ކާމިޔާބު ކުރަން ދަނިކޮށް، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓުގައި ބީޖީ އަށް ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ އުމަރު އަހުމަދެވެ.

މި ނަތީޖާއާ އެކު ޓީނޭޖް ތިންވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ވިކްޓަރީ އަށް ހަތް ޕޮއިންޓް ލިބިފައި ވާއިރު، ފަސް ވަނައިގައި އޮތް ބީޖީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް މަހިބަދޫ އަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، އެންމެ ފުލުގައި އޮތް ލޮރެންޒޯ ސްޕޯޓްސް ކުލަބަށް ޕޮއިންޓެއް ނުލިބެ އެވެ.

މަހިބަދޫ ފިޔަވައި މި ގުރޫޕުގައި ހިމެނޭ ހުރިހާ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. މަހިބަދޫ އަށް ބާކީ ދެ މެޗު އެބަ އޮތެވެ. ގްރޫޕުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ސެމީ ފައިނަލުގެ ޖާގަ ލިބޭއިރު، އެ ދެ ޖާގައަށް ވާދަކުރަނީ އެލްޓީ އާއި ނިއު އަދި ޓީނޭޖް އެވެ.

ސެމީގެ ޖާގައަށް ވާދަކުރާ ތިން ކުލަބަށް ބާކީ ހުރި މެޗުތަކުގެ ތެރެއިން، އެންމެ ފުރަތަމަ އޮތީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ، އެލްޓީ އާއި ޓީނޭޖްގެ ކުރިމަތިލުމެކެވެ. އަދި އެއަށް ފަހު ނިއުގެ ފަހު މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ހަވީރު މަހިބަދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.