Roadha Mihaaru
އައިސީޓީއެސްއާރު ކޮންފަރެންސް ނިންމާލައިފި

ކްލިކް ކޮލެޖުގެ އައިސީޓީއެސްއާރު ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލައިފި

07 އޯގަސްޓް 2022

ކްލިކް ކޮލެޖުން އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އާއި އިނގެރޭސިވިލާތުގެ ނޮޓިންގްހަމް ޓްރެންޓް ޔުނިވާސިޓީއާ ގުޅިގެން އއ. އުކުޅަހުގައި ބޭއްވި ބައިނަލްއަގުވާމީ ޓޫރިޒަމް ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ކްލިކް ކޮލެޖުން އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އާއި އިނގެރޭސިވިލާތުގެ ނޮޓިންގްހަމް ޓްރެންޓް ޔުނިވާސިޓީއާ ގުޅިގެން އއ. އުކުޅަހުގައި ބޭއްވި ބައިނަލްއަގުވާމީ ޓޫރިޒަމް ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސާޗު (އައިސީޓީއެސްއާރު 2022)ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ކޮންފަރެންސަކީ މި ފެންވަރުގައި ރާއްޖޭގައި ބޭއްވި ފުރަތަމަ ދިރާސީ ފަތުރުވެރިކަމުގެ ކޮންފަރެންސެވެ.

ކޮންފަރެންސްގެ ސެޝަނެއްގައި ބައިވެރިންގެމެދުގައި މަޝްވަރާތަކެއް ކުރިއަށް ދަނީ. -- ފޮޓޯ: ކްލިކް ކޮލެޖު

ކޮންފަރެންސްގެ ސެޝަނެއްގައި ބައިވެރިންގެމެދުގައި މަޝްވަރާތަކެއް ކުރިއަށް ދަނީ. -- ފޮޓޯ: ކްލިކް ކޮލެޖު

ކްލިކް ކޮލެޖުން ބުނީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އިޖްތިމާޢީ އެކި މައްސަލަތަކާ މެދު މަޝްވަރާކޮށް، ބައިނަލްއަގުވާމީ އެކި ފަރާތްތަކާ އެކު ހިޔާލު ބަދަލުކޮށް، ދާއިރާ ކުރިއެރުވުމަށް އެކި ފަރާތްތަކުން ކޮށްފައިވާ ދިރާސާތައް ހިއްސާކުރުން ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ޓޫރިޒަމަށް ބަރޯސާ ވާއިރު، އެ ދާއިރާ ތަރައްގީކުރުމަށް ކުރެވެން ހުރި ކަންތައްތައް ހޯދުމާއި، ކޮވިޑްގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ކުރިމަތި ގޮންޖެހުންތަކުގެ ތަޖުރިބާ ހިއްސާކުރި އެވެ. އަދި މިކަންކަމުން އެކި ގައުމުތަކުން އަރައިގަންނަން ކުރި މަސައްކަތް ތައްވެސް ވަނީ މިކޮންފަރެންސްގެ އެކި އެކި ސެޝަންތަކުގައި ހިއްސާކުރި އެވެ. އޭގެ އިތުރުން ކޮވިޑްގެ ހާލަތުން އާންމު ހާލަތަށް ދުނިޔެ ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި ދާއިރާއަށް މިހާރު އައިސްފައި ހުރި ބަދަލުތަކަށް އެ ކޮންފަރެންސްގައި ވާހަކަ ދެއްކި އެވެ.

އައިސީޓީއެސްއާރު ކޮންފަރެންސްގައި ތީމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ރީތިންކިން ޓުއަރިޒަމް، ހޮސްޕިޓަލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓާ ފިއުޗާ" އެވެ. އެ ކޮންފަރެންސުގައި އެ ތީމަށް ކަރުދާސް ހުށަހަޅައި، ކީނޯޓުސްޕީކަރުންނާއި ބައިވެރިން ވަނީ ވާހަކަ ދައްކާފަ އެވެ. އެގޮތުން އެ ކޮންފަރެންސްގައި ޑެސްޓިނޭޝަން މާކެޓިން އާއި ޓޫރިޒަމްގައި ހުރި އިންކްލޫޝަން އަދި ޑައިވާސިޓީގެ މައްސަލަތަކަށް ވަނީ ބަލައިފަ އެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރި އެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާ ފުޅާކުރުމަށް ޓެކްނޮލަޖީގެ ދައުރަށް ވެސް ވަނީ ބަލައިފަ އެވެ.

ކީނޯޓު ސްޕީކަރު، ޕްރޮފެސަރު ބަބެކް ޓަހޭރީ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ކްލިކް ކޮލެޖު

ކީނޯޓު ސްޕީކަރު، ޕްރޮފެސަރު ބަބެކް ޓަހޭރީ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ކްލިކް ކޮލެޖު

ކްލިކް ކޮލެޖުން އިންތިޒާމުކުރި އައިސީޓީއެސްއާރު ކޮންފަރެންސްގެ ޗެއާކަން ކުރައްވާފައި ވަނީ ކްލިކް ކޮލެޖުގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު މުހައްމަދެވެ. ކޯ ޗެއާކަން ކުރައްވާފައި ވަނީ ކާޓިން ޔުނިނވާސިޓީގެ ޕްރޮފެސާ ކްރިސްޓޮފް ފޯ އާއި ނޮޓިންގްހަމް ޓްރެންޓް ޔުނިވާސިޓީގެ ޕްރޮފެސާ ބަބަކް ޓަހެރީ އެވެ. އެ ކޮންފަރެންސުގައި ހަ ކީނޯޓު ސްޕީކަރުން ވާހަކަ ދެއްކެވި އެވެ. އޭގެ ތެރޭގައި ޕްރޮފެސާ ބަބަކް ޓަހެރީ އާއި ޕްރޮފެސާ ފެވްޒީ އޮކިއުމަސް އަދި އެސޯސިއެޓް ޕްރޮފެސާ މައިކަލް ވޮލްގާ ހިމެނެ އެވެ. އަދި ޕްރޮފެސާ މަރިއާނާ ސިގާލާ އާއި ޕްރޮފެސާ ޖަސްޓިން ޕޯލް އާއި ޕްރޮފެސާ ޖޭން އަލީ ނައިޓް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ޕްރޮފެސަރުންނަކީ އިނގިރޭސިވިލާތާއި އެމެރިކާ، އޮސްޓްރޭލިއާ އަދި ގްރީސްގެ ޔުނިވާސިޓީތަކުގެ ޕްރޮފެސަރުންނެވެ.

އައިސީޓީއެސްއާރު ކޮންފަރެންސްގައި 14 ގައުމަކުން 34 ފަރާތަކުން ބައިވެރިވެ ކަރުދާސް ހުށަހެޅި އެވެ. އޭގެތެރޭގައި އެމެރިކާ، ބަހާމަސް، ސައުތު އެފްރިކާ، އޮސްޓްރޭލިއާ، ސްޕެއިން، ޔޫއޭއީ އަދި ފްރާންސް ފަދަ ގައުމުތައް ހިމެނެ އެވެ.

މި މަހުގެ 2-5 އަށް ކުރިއަށް ދިޔަ އެ ކޮންފަރެންސްގެ ނިމުމުގެ ރަސްމިއްޔާތް ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމެވެ. ނިމުމުގެ ރަސްމިއްޔާތުގައި ކީނޯޓު ސްޕީކަރުންނަށާއި ކަރުދާސްހުށަހެޅުއްވި ފަރާތްތަކަށް ވަނީ އެވޯޑު ހަވާލު ކޮށްފަ އެވެ. އަދި އެންމެ މޮޅު ދެ ކަރުދާހެއް ހޮވައި އެ ކަރުދާސް ތައްޔާރު ކުރި ފަރާތްތަކަށް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.

ކްލިކް ކޮލެޖުން ބުނީ އެ ކޮންފަރެންސްގެ ސަބަބުން ދާއިރާއާ ގުޅުން ހުރި އެތައް މައްސަލައަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވި އެކަންތައްތައް ހައްލުކުރުމަށް މަގުފަހިވެފައިވާ ކަމަށެވެ. އަދި އެ ކޮންފަރެންސްގެ ސަބަބުން ދާއިރާގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ގިނަ ބަޔަކާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް ވެސް ބުންޏެވެ.

އައިސީޓީއެސްއާރު ކޮންފެރެންސުގެ ބައިވެރިން. އެ ކޮންފަރެންސުގައި ޓޫރިޒަމާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ މަޝްވަރާ ކޮށްފަ. ފޮޓޯ: ކްލިކް ކޮލެޖު

އައިސީޓީއެސްއާރު ކޮންފެރެންސުގެ ބައިވެރިން. އެ ކޮންފަރެންސުގައި ޓޫރިޒަމާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ މަޝްވަރާ ކޮށްފަ. ފޮޓޯ: ކްލިކް ކޮލެޖު

އައިސީޓީއެސްއާރު ކޮންފަރެންސަކީ ޓުއަރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ. އެ ކޮންފަރެންސްގެ ސަޕޯޓިން ޕާޓްނަރުންނަކީ ޔޫއެންޑީ،އެމްއެމްޕީއާރުސީ އަދި ސީޓީއެޗް(ކޮންފެޑަރޭޝަން އޮފް ޓޫރިސަމް އެންޑް ހޮސްޕިޓައިލިޓީ) އަދި އުކުޅަސް ކައުންސިލެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އަދި ޕްރިންޓިން ޕާޓްނަރަކީ ނޮވެލްޓީ އެވެ.

ނޯޓު: މިއީ ކްލިކް ކޮލެޖުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.