ސަރުކާރުން ތިބީ ކިޔަވާ ކުދިންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން ކަމަށާއި އާ އަޒުމަކާއެކު ހިތްހަމަޖެހިގެން ތިބެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
07 އޯގަސްޓް 2022
ސަރުކާރުން ތިބީ ކިޔަވާ ކުދިންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން ކަމަށާއި އާ އަޒުމަކާއެކު ހިތްހަމަޖެހިގެން ތިބެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ތައުލީމީ އާ އަހަރު ފެށުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ މަނިކުފާނު ވިދާޅުވީ، ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭ ކަމެއް ކަމަށެވެ.
އޭގެ ތެރެއިން އަހުލާގީ އެންމެ ރީތި ސިފަތައް ލިބިގަތުމަކީ ސްކޫލަށް ހާޒިރުވެގެން ކިޔެވުމުގެ އެންމެ މުހިންމު މަގުސަދު ކަމަށާއި ފިލާވަޅުތައް ދަސްކުރާ ގޮތަށް ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށް ވުމަކީ ވެސް ސްކޫލެއްގައި ކިޔެވުމުގެ ވަރަށް މުހިންމު އެއްބައި ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ކަންކަން ހަގީގަތަކަށް ވުމުގެ ނަތީޖާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، ތަރައްގީގެ އައްސޭރި އަށް ގައުމުގެ މިސްރާބު ހިފާނެ އިލްމީ، ހުނަރުވެރި ނެވިންތަކެއް އުފެދުމެވެ. އެ މަނިކުފާނު ވިދާޅުވީ، ސްކޫލު ތެރެއިން ފެންނާނީ އުންމީދާ ގުޅިފައިވާ މޫނުތަކެކެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް އަމީނިއްޔާ ސްކޫލްގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (ވ) އަދި އެ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"މިއިން ކޮންމެ ދަރިވަރަކީ ވެސް، ގައުމަށް ބޭނުންތެރި އަދި ގައުމަށް ހިދުމަތް ކުރުމަށް ތައްޔާރަށް ހުރި ދަރިވަރެއް ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކިޔެވުމަކީ ދިރިއުޅެން ދަސްކުރުން ކަމަށެވެ. ޓީޗަރުން ކުދިން ހާނުވައި ހޭލުންތެރިކުރުވަނީ ވެސް ދިރިއުޅުމުގެ އަމަލީ މައިދާނާ ކުރިމަތިލުމަށް ކަމަށާއި ކަންކަމުގައި އިސްނެގުމާއެކު، އަމިއްލަ އަށް ކަންކަން ކުރަން އާދަކުރި ކަމުގައި ވިޔަސް ހުރިހާ ހާލަތެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭން ވާނީ ކިޔެވުމުގެ ކަންކަމަށް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުވާ ސިފައެކެވެ.
ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި ކިޔެވުމުގެ ކޮންމެ ކަމެއް ވެސް ތިމާވެއްޓާ ރައްޓެހި އާދަތަކެއްގެ މަތީގައި ބައްޓަންކުރުން ވަރަށް މުހިންމު ވާއިރު، އިގުތިސޯދު ކުރުމަކީ އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހަރުލައްވަންޖެހޭ ވަރަށް މުހިއްމު އާދައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ކޮންމެ ކަމެއްގައި ވެސް ތިޔަ ކުދިންނަށް އެންމެ ރީތި ނަމޫނާއެއް ފެންނަން އޮތީ އިސްލާމީ އަދަބު އަހުލާގުގެ ތެރެއިން. ދުވަސްވީ މީހުންނަށާއި އަވަށްޓެރިންނަށް އޯގާތެރިވެ، ބޮޑެތި މީހުންނަށް އިހުތިރާމް ކުރުމުން އެ މީހުންގެ ލޯތްބާއި އެހީތެރިކަން ތިޔަ ކުދިންނަށް ލިބޭނެ. ތިޔަ ކުދިންގެ ސްކޫލަކީ، ތިޔަ ކުދިންގެ ދެވަނަ އާއިލާކަން އަބަދު ވެސް ހަނދާނުގައި ބަހައްޓަންވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް އަމީނިއްޔާ ސްކޫލްގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި، އެ ސްކޫލްގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"ސްކޫލްގެ ކޮންމެ ކުއްޖަކީ ވެސް ތިޔަ ކުދިންގެ އެއްބަނޑު އެއްބަފާ ކުދިން ކަމުގައި ދެކި، އެ ކުދިންނާ މުއާމަލާތް ކުރަންވާނީ އެކުވެރިކަމާއި ހިތްހެޔޮކަމާއެކު. މި ފެށޭ ދިރާސީ އަހަރު، ތިޔަ ކުދިންގެ އަޒުމަކަށް ހަދަންވީ، ކޮންމެ ދުވަހަކުވެސް، ސްކޫލްގެ އެހެން ކޮންމެވެސް ކުއްޖަކަށް ކިތަންމެ ކުޑަ ކަމެއްގައިވިޔަސް އެހީތެރިކަމެއް ފޯރުކޮށްދިނުން."
ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކޮށް، ކުރިއަރުވަން މަގުތައް ކޮށައިދެނީ ހަމައެކަނި ކުދިންނަށް ނޫން ކަމަށެވެ. ޓީޗަރުންނަށް ވެސް ރަނގަޅު ގޮތްތައް ހަދައިދިނުމާއެކު، ސްކޫލްތަކުގެ އުމްރާނީ ތަރައްގީ އަށް ވެސް ގިނަ ކަންތައްތަކެއް ސަރުކާރުން ކޮށްދޭ ކަމަށް ވިދާޅުވި އެވެ. ހަމަ އެފަދައިން ޓީޗަރުންނާއި އެ މީހުންގެ އިލްމީ ގާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިފަދަ ކަންކަމުގެ ސަބަބުން، ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުގުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އޭރުން، ދިވެހި ދަރިންނަށް ދެވޭ ތަޢުލީމުގެ ފެންވަރު މަތިވެ، އިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް މި ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދަރިވަރުން ރަނގަޅު ކަންކަމަށް އިލްތިމާސް ކުރާއިރު، އޭގެ އަމަލީ ނަމޫނާ ދައްކަން ތިބީ އެ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން ކަމަށް ރައީސް ވިދާޅުވި އެވެ. ސްކޫލް މާހައުލުގައި އެ ކުދިންގެ ބެލެނިވެރިންނަކީ ޓީޗަރުންނަށް ވާތީ ކޮންމެ ކަމެއްގައި ވެސް ކުދިންނަށް އަމަލީ ގޮތުން ރީތި ނަމޫނާ ދެއްކުމަށް، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ވެރިންނަށާއި ޓީޗަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރެއްވި އެވެ.
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރު ކުރިން ބަދަލުކުރީ ގިނަ މީހުންނާ ދެކޮޅަށް
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ޓީޗަރުންގެ މުސާރަ ބޮޑުކުރަން އެބަ މަސައްކަތްކުރަން: ރައީސް
ކުދި ރަށްރަށަށް ދާ ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ދެނީ
ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟