ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތާ އެކަށީގެންވާ ވަރަށް މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
10 އޯގަސްޓް 2021
ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތާ އެކަށީގެންވާ ވަރަށް މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ގާތްގަނޑަކަށް ދޮޅު އަހަރަށް ފަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފެށުމާއި ދިރާސީ އާ އަހަރު ފާހަގަކުރަން ރެހެންދި ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ކޮވިޑު-19 ގައި ސްކޫލުތައް ބަންދުކުރި ނަމަވެސް އެންމެ ބޮޑު ބުރައެއް އުފުލި ބަޔަކީ ޓީޗަރުން ކަމަށެވެ. ކޮވިޑުގެ ދަތިކަން ކުރިމަތިވުމުގެ ކުރިން ވެސް އެ މުވައްޒަފުން ކުރަމުން ގެންދިޔައީ ވަޒަން ނުކުރެވޭ ވަރުގެ ބުރަ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ހިދުމަތްތައް ބަލައިގަނެ، ޓީޗަރުންގެ ބުރަ މަސައްކަތާއި ހޭދަކުރާ ވަގުތަކާ އެކަށޭނެ މުސާރައަކާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، ޓީޗަރުން ލިބުން ދަތިވެފައިވާ ބައެއް މާއްދާތައް ކިޔަވައިދިނުމަށް އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ބަދަލުވާނަމަ އިތުރު އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މީގެ އިތުރުން، ޓީޗަރުން ލިބުން ދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްދީ އެކަމަށްޓަކައި ލިބެންޖެހޭ އިނާޔަތްތައް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.
ދިރާސީ އާ އަހަރު ފަށަން ރެހެންދި ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައި ވެސް ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހަދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް. މުޖުތަމައުއަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ، ހަރުކަށި ފިކުރު ފެތުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން."
ރައީސް ވިދާޅުވީ މިދިޔަ ދިރާސީ އަހަރު މާލެ އާއި އެހެން ބައެއް ރަށްރަށުގައި ދަރިވަރުން ތިބެން ޖެހުނީ ސްކޫލަށް ދާނެ ފުރުސަތެއް ނުލިބި ވަރަށް ބޮޑު ނުތަނަވަސްކަމެއްގަ އެވެ. ފާއިތުވި ދޮޅު އަހަރު ހޭދަކުރީ ވަރަށް ދަތި، އުނދަގޫތަކެއްގެ ތެރޭގައި ވިޔަސް މިއަދު ލިބުނު ފުރުސަތުގެ ބޭނުން ހިފައި ހުރިހާ ދަރިވަރުން ވެސް އާ އަހަރުގެ ކިޔެވުން ކުރިއަށް ގެންދަންވީ އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރު ފެށޭ ދުވަހަކީ އުފާވެރި އިހުސާސްތަކެއް ކުރެވޭ ދުވަހަކަށް ވިޔަސް މި އަހަރުގެ ދިރާސީ އަހަރު ފެށިގެން މި ދަނީ ވަރަށް ތަފާތު އިހުސާސްތަކަކާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ. ދޮޅު އަހަރުގެ ދަތި، އުނދަގޫ ދުވަސްތަކަށް ފަހު އިރާދަކުރެއްވިއްޔާ ދެން ވެގެންދާނީ ވަރަށް އުފާވެރި، ވަރަށް ހަމަޖެހޭ އަހަރަކަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮވިޑް-19 ގެ ދަތި އުނދަގޫތަކުގެ ތެރޭގައި ވެސް އަޅުގަނޑުމެން މިއަދު ދިރާސީ އާ އަހަރަކާ ބައްދަލުކުރާ އިރު ދުނިޔޭގެ އެހެން ގައުމުތައް އަދިވެސް އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި. ގިނަ ގައުމުތައް އަދިވެސް އޮތީ ފުރަބަންދުގެ ހާލަތުގައި. ސްކޫލް މަދަރުސާތައް އެ ހުރީ ބަންދުކޮށްފައި. އާންމު ވިޔަފާރިތަކާއި ދަތުރުފަތުރުތައް އެހުރީ ހުއްޓިފައި. ގިނަ ބަޔަކު އަދިވެސް ތިބީ ކޮވިޑް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖެހިފައި."
— The President's Office (@presidencymv) August 10, 2021
"އަޅުގަނޑުމެން މިއަދު ގަދައަޅައި މަސައްކަތްކުރަންވީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި މި ލިބުނު ކުރިއެރުން އެ ގޮތުގައި ދަމަހައްޓަން. އަޅުގަނޑުމެންގެ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ދާއިރު ވެސް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިން ވެސް ފުރިހަމައަށް އަމަލުކުރެއްވުން ވަރަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.
ކޮވިޑުގެ ދަތިތަކުގެ ތެރޭގައި ކުރެވުނު އެންމެ މުހިންމު ތަޖުރިބާއަކީ ކޮންމެ ހާލަތެއްގައި، ކޮންމެ ތަނެއްގައި ތިބެގެން ވެސް ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ކަން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށާއި ހުރިހާ ދަރިވަރުން ވެސް އަޒުމް ކަނޑައަޅަންވީ، ކުރިމަތިވާ އުނދަގޫތައް ގިރާކޮށްގެން ވެސް ތައުލީމު ހޯދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ދަރިވަރުންގެ ތައުލީމީ އަދި އިޖުތިމާއީ ހަޔާތުން ގެއްލިގެން އެ ދިޔައީ ވަރަށް މުހިންމު ބަޔަކަށް ވާތީ އެބައި އަލުން އަނބުރާ ހޯދޭތޯ ދަރިވަރުން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެތައް ދުވަހަކަށް ފަހު ރައްޓެހިންނާ ބައްދަލުވެ، ހިނިތުންވުމާ އެކު މަރުހަބާ ކިޔައި ކުރިން އޮތް އެކުވެރި ގުޅުން އާލާކުރަން މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ އާ އާއްމު ހާލަތާއެކު ކުރިއަށް ދިއުމަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް ފަށައިފަ އެވެ. މި ހަފުތާގެ ތެރޭގައި 12-17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން ފަށާނެ އެވެ.
ދިރާސީ އަހަރު ކުރިން ބަދަލުކުރީ ގިނަ މީހުންނާ ދެކޮޅަށް
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
ޓީޗަރުން ހަމަވާނެ، ދިރާސީ އަހަރަށް ސްކޫލުތައް ތައްޔާރު
400 ޓީޗަރުން ހޯދަނީ ގިނަ ދިވެހިންނަށް ފުރުސަތު ދޭން
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 28 ގައި
ސްކޫލްތަކުގެ މައުލޫމާތާއެކު އެޑިއުކޭޝަންގެ އާވެބްސައިޓެއް
ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓުފޮތްތައް ބަހަން ފަށައިފި
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ސިލަބަސް ކަވަރުކުރަން ސްކޫލްތަކުން ވަގުތު އިތުރުކޮށްފި