Roadha Mihaaru
އިޒްރޭލުގެ ހަމަލާތަކުގައި 32 މީހުން ޝަހީދުކޮށްލައިފި

އިޒްރޭލުގެ ހަމަލާތަކުގައި 32 މީހުން ޝަހީދުކޮށްލައިފި

07 އޯގަސްޓް 2022

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާ އަށް ދެމުން ދާ ހަމަލާތަކުގައި މިއަދުގެ ފަތިހާ ހަމައަށް، ފަލަސްތީނުގެ 32 މީހަކު ޝަހީދުވެއްޖެ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާ އަށް ދެމުން ދާ ހަމަލާތަކުގައި މިއަދުގެ ފަތިހާ ހަމައަށް، ފަލަސްތީނުގެ 32 މީހަކު ޝަހީދުވެއްޖެ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

އިއްޔެ މެންދުރު ފަހު ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު، ރޭ އިރާކޮޅު ކޮންމެވެސް ވަރަކަށް ހަމަލާތަކަށް މަޑުޖެހުމެއް އައެވެ. ނަމަވެސް މިއަދު ފަތިހުގެ ވަގުތުގައި އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ގާޒާގެ އެކި ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ.

ގާޒާގައި ހުންނަ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 215 އަށް އަރައިފަ އެވެ.

އަލް ޖިހާދުލް އިސްލާމީގެ އަސްކަރީ ގޮފި، ސަރާޔާ އަލްގުދުސް އިން ބުނި ގޮތުގައި އިޒްރޭލުން މިހާރު ފަށައިގެން ކުރިއަށް ގެންދާ އަސްކަރީ ހަމަލާތަކުގައި، އެ ޖަމާއަތުގެ އިސް ކޮމާންޑަރެއް ކަމަށްވާ ޚާލިދު މަންސޫރު ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލު ސިފައިން އޭނާ ޝަހީދު ކޮށްލީ، ރަފަހްގައި އޭނާ ދިރިއުޅޭ ގެއަށް ދިން މިސައިލް ހަމަލާއެއްގަ އެވެ.

އިޒްރޭލުގެ މިސައިލް ހަމަލާގައި އެ ގެ ބިމާ ހަމަވެފައިވާ އިރު، ވެއްޓުނު އިމާރާތުގެ ގާކުނޑިތަކުގެ އަޑިން، މަރުވެފައިވާ އަށް މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށް، ގާޒާގެ ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. އޭގެ ތެރޭގައި ޚާލިދު މަންސޫރު ވެސް ހިމެނެ އެވެ. އާންމުން ދިރިއުޅޭ، ތިން ބުރިއަށް ހަދާފައި ހުރި އެ ގެއަށް، އިއްޔެ އިރު އޮއްސުނުތަނާ އިޒްރޭލު ސިފައިން މިސައިލް ހަމަލާއެއް ދިނީ، ދުރާލައި އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެވެ.

ގާޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނި ގޮތުގައި ޖަބަލާޔާ ރެފިއުޖީ ފޭލިގެ އަވަށަށް އިޒްރޭލު ސިފައިން އިއްޔެ ދިން ހަމަލާގައި ހަ ކުޑަކުދިން ވެސް ޝަހީދުވި އެވެ. ނަމަވެސް އިޒްރޭލުން ބުނި ގޮތުގައި ޖަބަލާޔާ ރެފިއުޖީ ފޭލިގެ އަވަށަށް، އިޒްރޭލު ސިފައިން އިއްޔެ އެއްވެސް ހަމަލާއެއް ނުދެ އެވެ. އެ ސަރަހައްދަށް ވެއްޓުނީ، އެ ފޭލިގޭ އަވަށުގައި ތިބި ސަރާޔާ އަލް ގުދުސްގެ ހަނގުރާމަވެރިން، އިޒްރޭލަށް އަމާޒުކޮށް ފޮނުވައިލި ރޮކެޓްތަކުގެ ތެރެއިން، މިސްރާބުން ކައްސައިލި ރޮކެޓެއް ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ.

މިދިޔަ ހުކުރު ދުވަހު އިޒްރޭލުން ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ، އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރަކު މަރައިލުމުގެ ބޭނުމުގަ އެވެ. ހަމަލާތައް ފެށިފަހުން، އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށާއި ބައެއް ގެތަކާއި ފޭލިގެ އަވަށަށް ވެސް، އިޒްރޭލު ސިފައިން ދަނީ ހަމަލާތައް ދެމުންނެވެ.

އިޒްރޭލުގެ މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ ހަނގުރާމަވެރިން ވަނީ، އިޒްރޭލުގެ ތެރެއަށް 400 އަށް ވުރެ ގިނަ ރޮކެޓް ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން ގިނަ ރޮކެޓްތައް ވަނީ، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުގައި ބޭނުންކުރާ މިސައިލްތަކުން ހަމަލާދީ ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ.

ސަރާޔާ އަލް ގުދުސް އިން ދިން މި ރޮކެޓް ހަމަލާތަކުގައި އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ސީރިއަސް ޒަޚަމެއް ނުލިބޭ ކަމަށް އިޒްރޭލުގެ އެމްބިއުލާންސްތަކާ ބެހޭ އިދާރާ އިން ބުނެ އެވެ. ނަމަވެސް ބައެއް ރޮކެޓްތައް ވެރިރަށް ތެލް އަބީބްގެ ބައެއް ތަންތަނަށް ވެއްޓި، ބައެއް މީހުންނަށް ކުދިކުދި ޒަޚަމްތައް ލިބުނެވެ.

އޮގަސްޓް 6، 2022: އިޒްރޭލުން ދިން މިސައިލް ހަމަލާއެއްގައި ތުއްތު ކުއްޖެއްގެ ހަށިގަނޑު، ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށްޓަކައި މޯޗަރީގައި ބާއްވަނީ. --އޭއެފްޕީ

އޮގަސްޓް 6، 2022: އިޒްރޭލުން ދިން މިސައިލް ހަމަލާއެއްގައި ތުއްތު ކުއްޖެއްގެ ހަށިގަނޑު، ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށްޓަކައި މޯޗަރީގައި ބާއްވަނީ. --އޭއެފްޕީ

މެއި 10-21، 2021 ގައި އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމަ އަށް ފަހު، ދޭތެރެ ދޭތެރެއިން، އިޒްރޭލުގެ ސިފައިން ގެންދަނީ ގާޒާ އަށް ހަމަލާތައް ދެމުންނެވެ. ނަމަވެސް މިހާރު ދެމުންދާ ފަދަ ވަރުގަދަ ހަމަލާތަކެއް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން ނުދެ އެވެ.

ގާޒާއަކީ ފަލަސްތީނުގެ ޒާތީ ވެރިކަން ހިނގާ ގޮތަށް އޮންނަ ސަރަހައްދެއް ކަމަށް ވިޔަސް، އެ ސަރަހައްދުގައި ހިނގަމުން އަންނަނީ ހަމާސް ޖަމާއަތުގެ ނުފޫޒާއި ބާރެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ފަތަހް ޖަމާއަތާ ދެމެދު 2007 ވަނަ އަހަރު ހިނގި ދާޚިލީ ހަނގުރާމައިގައި ހަމާސް ޖަމާއަތުން ކުރި ހޯދައި، ހަމާސް ޖަމާއަތުގެ ފުރިހަމަ ބާރުގެ ދަށަށް ގާޒާ ދިއުމާ ގުޅިގެން، އިޒްރޭލުން ވަނީ ގާޒާ ހިސޯރުކޮށްފަ އެވެ. އޭގެ އިތުރުން ގާޒާގެ ދެކުނުން އޮންނަ މިސްރުން، ގާޒާގެ ރަފަހް ބޯޑަރު ބަންދުކުރުމާ ގުޅިގެން، ގާޒާ އޮންނަނީ ވަށައިގެން ހިސޯރު ކުރެވިފަ އެވެ.