Roadha Mihaaru
ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ ގާނޫނާ ހިލާފަށް

ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދީ ގާނޫނާ ހިލާފަށް: ކްރިމިނަލް ކޯޓް

07 އޯގަސްޓް 2022

މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް ލިބޭ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓް ފުލުހުން ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް ލިބޭ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓް ފުލުހުން ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށް، ޕެސްޓްގެ މައްޗަށް ގިނަ ދައުވާތަކެއް ދައުލަތުން ކުރެ އެވެ. ޕެސްޓާއި އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ އެ މީހުންގެ އެކައުންޓްތަކުގެ މައުލޫމާތު ހޯދީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި ވަނީ ޕެސްޓާއި އެ މައްސަލައިގައި ދެން ދައުވާ ލިބޭ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ކަމަށް ވިޔަސް، އެ ގާނޫނުގައި އެ ގޮތަށް ބޭންކް ސްޓޭޓްމަންޓް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ. އަދި ބޭންކިންގެ ގާނޫނުގައި ވެސް އެ ގޮތަށް ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެންވެ، އެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދި ގޮތެއް އެނގެން ނެތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

އެ ނިންމުމުގައިވާ ގޮތުން ބޭންކް ސްޓޭޓްމަންޓް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ފުލުހުން ސިޓީއަކުން އެދިގެން ކަމަށް ބުންޏަސް، އެ ސިޓީގައި އެގޮތަށް ބުނެފައެއް ނުވެ އެވެ. އަދި އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކްތަކުން ދޫކުރަނީ ބޭންކް ސިޓީއަކާ އެކު ކަމަށާއި އެކަމަކު އެ މައްސަލައިގައި އެފަދަ ސިޓީއެއް ވެސް އޮތްކަން އެނގެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.

ބޭންކިން ގާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެންގުމުގެ ބާރު ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށް އޮތަސް، އޭގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓްތަކާއި އެކައުންޓްތަކުން ކޮށްފައިވާ މުއާމަލާތުތައް ނުބެލޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެހެންވެ، ދައުލަތުން ޕެސްޓާ ދެކޮޅަށް ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓްތައް ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމީ އެވެ.

އެ މައްސަލައިގައި ޕެސްޓް އަދިވެސް ހުރީ ބަންދުގަ އެވެ. އޭނާ މި އަހަރު ކްރިމިނަލް ކޯޓުން ބޭސްފަރުވާ އަށް ބަންދުން ދޫކޮށްލިޔަސް، ހައި ކޯޓުން އެންގީ އޭނާ އަލުން ބަންދު ކުރުމަށެވެ.