Roadha Mihaaru
ބަންގްލަދޭޝްގެ 34،000 މީހަކު ގަވައިދަށް ފައްތަނީ

34،000 ބަންގްލަދޭޝް މީހަކު ގަވައިދަށް ފެއްތުމުގެ ޕްރޮގްރާމެއް ފަށައިފި

08 އޯގަސްޓް 2022

ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ 34،000 މީހަކު ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ 34،000 މީހަކު ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ގައުމުގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ދިވެހި ސަރުކާރުން އެ މަސައްކަތް ކުރަނީ އެމްނެސްޓީގެ ފަރާތުން ފަށާފައިވާ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

ބަންގްލަދޭޝްގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ސޮހެލް ޕަރްވޭޒް ވިދާޅުވީ، އެ ގައުމުގެ މީހުންގެ ލިޔެކިޔުންތައް ހޯދުން އަވަސް ކުރުމަށް އެ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ލިޔެކިޔުންތައް ލިބުމާއެކު މަސައްކަތްތެރިންނަށް ހެލްތު އިންޝުއަރެންސާއި އެހެނިހެން އިނާޔަތްތައް ހަމަޖެހޭނެ ކަމަށާއި އޭގެ އިތުރުން ބޭންކިން ނިޒާމުގެ ތެރެއިން ބަންގްލަދޭޝް އަށް ފައިސާ ރެމިޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އެ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، އަވަހަށް ޕާސްޕޯޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން،" ސޮހެލް ވިދާޅުވި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުންގެ ތެރެއިން 2019 ވަނަ އަހަރު 45،000 އެއްހާ މީހުން ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ. މި އަހަރުގެ މޭ މަހާ ހަމައަށް އޭގެ ތެރެއިން 11،000 އެއްހާ މީހުން ރެގިއުލަރައިޒް ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ސޮހެއިލް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، އެމްނެސްޓީގެ ޕްރޮގްރާމް އަނެއްކާވެސް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ެބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން ރެގިއުލަރައިޒް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.