Roadha Mihaaru
އައްޑު އަށް އެރި ސީލް އެނބުރި ނުދިޔަ!

އައްޑު އަށް އެރި ސީލް އެނބުރި ނުދިޔަ، ރޭ ވެސް ގޮނޑުދޮށުގައި!

08 އޯގަސްޓް 2022

އައްޑު އަށް ސީލަކީ އާ އެއްޗެއް ނޫނެވެ. މީގެ 20 އަހަރު ކުރިން އަދި މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ ސީލެއް ފެނިފަ އެވެ. ހިތަދޫ ކަނބިހާ ބީޗު ސަރަހައްދުން އެ ފަހަރު ސީލް ފެނި، އެ ބަލަން އެތައް ބަޔަކު އޭރު ވެސް އެ ތަނަށް ދިޔަ އެވެ. ފުލުހުންގެ އެހީގައި އެ ސީލް ފަޅުން ބޭރުކުރިތާ ވީ ހަފުތާއެއްހާ ދުވަހެވެ. އިއްޔެ އަނެއްކާ ވެސް އައްޑޫ ހިތަދޫ މީހުންނަށް މަރުހަބާ ކިޔާފައި ވަނީ ސީލެކެވެ. މި ފަހަރު ހިތަދޫ ބޭރުމަތި އަވަށު ފުއްޓަރު ފަރާތުންނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑު އަށް ސީލަކީ އާ އެއްޗެއް ނޫނެވެ. މީގެ 20 އަހަރު ކުރިން އަދި މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ ސީލެއް ފެނިފަ އެވެ. ހިތަދޫ ކަނބިހާ ބީޗު ސަރަހައްދުން އެ ފަހަރު ސީލް ފެނި، އެ ބަލަން އެތައް ބަޔަކު އޭރު ވެސް އެ ތަނަށް ދިޔަ އެވެ. ފުލުހުންގެ އެހީގައި އެ ސީލް ފަޅުން ބޭރުކުރިތާ ވީ ހަފުތާއެއްހާ ދުވަހެވެ. އިއްޔެ އަނެއްކާ ވެސް އައްޑޫ ހިތަދޫ މީހުންނަށް މަރުހަބާ ކިޔާފައި ވަނީ ސީލެކެވެ. މި ފަހަރު ހިތަދޫ ބޭރުމަތި އަވަށު ފުއްޓަރު ފަރާތުންނެވެ.

އެ ތަނުގައި ސީލް އޮތް ފޮޓޯ އާއި ވީޑިއޯތައް ވައިރަލްވެ، އައްޑޫގެ އެތައް ބަޔަކު ވަނީ ސީލް ބަލަން އެ ސަރަހައްދަށް ގޮސްފަ އެވެ. ކުދިބޮޑު ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެ، ސީލަށް ކާންދޭން އުޅުނެވެ. އޭތި މޫދަށް ބޭލުމަށްޓަކައި ދަނޑިއަކުން ސީލުގެ ގައިގައި ވިއްދައި މޫދަށް ފޮނުވައިލިޔަސް ރޭ ވެސް ހަމަ އެ ތަނަށް ސީލް ދިޔަ ކަމަށް ވެ އެވެ.

އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ، އިއްޔެ ފެނުނީ މީގެ ހަފުތާއެއް ކުރިން ހިތަދޫން ފެނުނު ސީލް ކަމަށް ބެލެވޭ ކަމަށެވެ.

ދިގު މިނުގައި ގާތްގަނޑަކަށް އަށް ފޫޓު ހުރި އެ ސީލު ރާއްޖެ އަށް އައިސްފައި ވަނީ މޫސުމީ ބަދަލުގެ ސަބަބުން ކަަމަށް ނައީމް ވިދާޅުވި އެވެ.

"ކުރިން އައްޑޫން ވެސް ފެނިފައި ހުރީ. އަރިއަތޮޅުން ވެސް ފެނިފައި ހުރީ ސީލް. އެ އެއްޗިއްސަކީ ފެނިލާފައި ދެތިން ހަފުތާ ކޮށްލާފައި ގެއްލޭނެ އެއްޗެހި،" އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވިގޮތުގައި، ސީލް ފަދަ ޖަނަވާރުތައް ފެނުނަސް އޮންނަ ގޮތަކީ އަޅާނުލައި ބޭއްވުމެވެ. ކާންދީ ނުހެދުމަށާއި ގައިގައި އަތް ނުލުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"މިހާރު އޮންނަނީ އެ ކަހަލަ ޖަނަވާރުތައް ފެނުނަސް ބާއްވަން އަތް ނުލައި. އޭތި ދާނެ އިރެއް ވަންދެން ހަމަ ބާއްވަންވީ. އިންސާނުން ދެން މާ ރަނގަޅުވާން ވެގެން ކާންދީ، ފިރުމައި ހަދަން އުޅެގެން އަނިޔާވުމުގެ ފުރުސަތު އޮންނަނީ،" ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ، އެ ކަހަލަ ޖަނަވާރުތައް އެއްގަމުގައި އޮންނަނީ ރެސްޓްކޮށްލުމަށެވެ. އެއަށް ކަމެއް ނުކުރާހާ ހިނދަކު މީހުންނަށް އަނިޔާ ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.