Roadha Mihaaru
ބީޗު ހަދަން ހޭޅިފަށަށް ގެއްލުން ދިން މައްސަލަ ބަލަނީ

ބީޗެއް ހަދަން ހިތަދޫގެ ހޭޅިފަށަށް ގެއްލުން ދިން މައްސަލަ ބަލަނީ

24 އެޕްރީލް 2022

އައްޑޫ ހިތަދޫގައި އާޓިފިޝަލް ބީޗެއް ހަދަން ހޭޅިފަށުން ގިނަ އަދަދެއްގެ ގަސްތައް ނެގި މައްސަލަ އީޕީއޭ އިން ބަލަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ހިތަދޫގައި އާޓިފިޝަލް ބީޗެއް ހަދަން ހޭޅިފަށުން ގިނަ އަދަދެއްގެ ގަސްތައް ނެގި މައްސަލަ އީޕީއޭ އިން ބަލަން ފަށައިފި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި އައްޑޫގެ މޭޔަރު އަލީ ނިޒާރަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހިތަދޫ ކުނިކޮށީގެ ދެކުނުން އޮތް ސަރަހައްދުގައި އެއްގަމާއި މޫދު ކޮނެ، ހޭޅިފަށުން ގަސްތައް ނަގައި، އެ ހިސާބުގެ އާނުގަނޑު ވެސް ނަގައި ހަލާކުކޮށްފައިވާ ކަމުގެ މައުލޫމާތު އެ އެޖެންސީ އަށް ލިބިފައިވާ ކަމަށެވެ. އެއީ އީޕީއޭގެ ހުއްދަ ނެތި ހިންގާފައިވާ އަމަލެއް ކަމުގެ ކަންބޮޑުވުން ނައީމް ފާޅުކުރައްވާފައިވެ އެވެ.

އެހެންވެ އީޕީއޭ އިން އެދުނީ އެ މަސައްކަތުގެ ތަފުސީލާއި ބޭނުމާއި އެ މަސައްކަތް ކުރި ތާރީހާއި އަދި މަސައްކަތުގައި އިސްކޮށް ޝާމިލުވި ފަރާތްތަކުގެ މައުލޫމާތު އެ އެޖެންސީ އަށް ހުށަހަޅައިދިނުމަށެވެ.

އައްޑޫ ހިތަދޫ ކުނިކޮށީގެ ދެކުނު ސަރަހައްދުގެ މޫދު ކޮނެ، ނަގާފައިވާ އާނުގަނޑުގެ ބައެއް.

އައްޑޫ ހިތަދޫ ކުނިކޮށީގެ ދެކުނު ސަރަހައްދުގެ މޫދު ކޮނެ، ނަގާފައިވާ އާނުގަނޑުގެ ބައެއް.

އީޕީއޭ އިން އެންގީ އެ މައުލޫމާތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށެވެ. ތިމާވެއްޓަަށް ގެއްލުން ލިބޭ ކަންކަން ކުރުމަކީ ގާނޫނުން ބޮޑު ޖޫރިމަނާއެއް އަންނަ މައްސަލައެކެވެ.

އެކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.