Roadha Mihaaru
ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަނީ

ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަނީ

09 އޯގަސްޓް 2022

ހުޅުމާލޭގެ ގެއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގެ ގެއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ޕޮލިހަށް މި މައްސަލަ ރިޕޯޓްކުރުމަށް ފަހު، ލިބުނު ޖަވާބާ މެދު ހިތްހަމަނުޖެހިގެން އަންހެންމީހާ ވަނީ ހާދިސާ ހިނގި ގޮތް ކަމަށް ގިނަ ވާހަކަތަކެއް ޓުވިޓާގައި ތަފްސީލްކޮށްދީފަ އެވެ.

އޭނާ ބުނާ ގޮތުގައި އެކަމެއް ހިނގީ މިދިޔަ ހުކުރުދުވަހު ރައްޓެހިންތަކަކާ އެކު ހުޅުމާލެއަށް ގޮސް އުޅެނިކޮށެވެ. ވަރަށް ގިނަ ބަޔަކު އެކުގައި ތިބުމަށް ފަހު އޭނާގެ ލޯބިވެރިޔާ ދިޔައީ އޭގެތެރެއިން އެކަކު ގެއަށް ލާން ކަމަށާއި އެ ވަގުތު އޭނާ ހުންނަން ޖެހުނީ ހަމަ އެ ބައްދަލުވުމުގައި އިން އެހެން ފިރިހެނަކާ އެކުގައި އެކަނި ކަމަށް ލިއެފައިވެ އެވެ.

"އޭނާ އަހަރެންގެ ފައިގައި ހިފީ. ދެން ގަދަކަމުން އުފުއްލާފައި ސޯފާ މައްޗަށް އެއްލައިލި. އަހަރެން ހަޅޭއްލަވާފައި އޭނާ ދުރު ކުރަން މަސައްކަތް ކުރިން. އެކަމަކު އޭނާ އަހަރެން ރޭޕް ކުރީ،" ފިރިހެން މީހާގެ ނަމާއި ފޮޓޯއާ އެކު ކުރި ޓުވީޓުގައި ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރައްޓެހިވެގެން އުޅޭ މީހާ އެނބުރި އައިއިރު އޭނާ ހުރީ ޝޮކެއްގައި ވާހަކަ ނުދެއްކިފަ އެވެ.

"އަހަންހަނަށް ކުރެވުނު ހާ ކަމަކީ ރުއިން. ގެއަށް ގޮސް ކިހިނެތްވޯތީ އެހީމަ ވީ ގޮތް ކިޔައިދިނިން. އެއަށް ފަހު އެ މައްސަލަ ފުލުހަށް ހުށަހެޅިން،" އޭނާ ބުންޏެވެ.

މައްސަލަ ފުލުހަށް ހުށަހަޅާ ބަޔާން ދިނުމުން "ލައިގެން ހުރީ ކިހާ ކުރު ހެދުމެއްތޯ" ފުލުހުން ސުވާލު ކުރި ކަމަށް އޭނާ ބުންޏެވެ. ރައްކާތެރިކަމާއި އިންސާފަށް އެދި ދިޔަ މުއައްސަސާގެ ތެރެއިން އެފަދަ ގޮތަށް ސުވާލުކުރި ކަމަށް ބުނެ ހިތްހަމަނުޖެހުންފާޅުކުރި އެވެ.

މުއައްސަސާ އިން އަމަލުކުރި ގޮތަކީ އެ މައްސަލައިގައި އިންސާފު ނުލިބި ރޭޕިސްޓަކު މުޖުތަމައު ތެރެއަށް ދޫވެފައި ހުރެދާނެ ގޮތެއް ކަަމަަށް ބުނެ އޭނާ ކަންބޮޑުވުންފާޅުކުރި އެވެ.

ފުލުހުން މިހާތަނަށް ބުނީ މައްސަލަ ރިޕޯޓްކުރުމާ އެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެ އަންހެން މީހާ އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަމުންނެވެ.

ސޯޝަލް މީޑިއާގައި މީގެ ކުރިން ހިންގި "މީ ޓޫ" މޫވްމަންޓެއްގެ ތެރެއިން ވެސް ގިނަ އަންހެނުންތަކެއް ވަނީ އެ މީހުންނަށް ދިމާވެފައިވާ ރޭޕާއި ޖިންސީ ގޯނާގެ ހާދިސާތައް ހިއްސާ ކޮށްފަ އެވެ. އަދި ބައެއް މައްސަލަތައް ފުލުހުން ބަލައި ފިޔަވަޅު ވެސް އެޅި އެވެ.