Roadha Mihaaru
ޑްރަގް ޓްރެފިކިންގެ ދައުވާ މަލްގެ މައްޗަށް ސާބިތެއްނުވި

ޑްރަގް ޓްރެފިކިންގެ ދައުވާ ފިލްމީތަރި މަލްގެ މައްޗަށް ސާބިތެއްނުވި

11 އޯގަސްޓް 2022

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަލް އާއި އިތުރު މީހެއްގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ އޮގަސްޓް، 2019 ގައި އެ ދެ މީހުން އދ. މާމިގިއްޔަށް ދިޔައިރު އެ މީހުން ގެންގުޅުނު ދަބަހުން 15 ގްރާމްގެ މަސްތުވާތަކެތި ފެނުނު ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނު ދަބަސް މަލް އަދި ދެވަނަ މީހާ ވެސް ގެންގުޅެނިކޮށް ފެނިފައިނުވާ ކަމަށާއި އެ ދަބަސް ފުލުހުން ނެގީ ބަނދަރުމަތީގައި ހުއްޓާ ކަމަށް ހެކިން ބުނާ ކަމަށެވެ. އަދި މަސްތުވާތަކެތި އަޅާފައި އޮތް ސިގިރެޓް ފޮށީގެ ތެރެއިން އެ މީހުންގެ ފިންގަޕްރިންޓް ފެނިފައި ނުވާއިރު އަދި ދަބަހުން އެ މީހުންގެ އަންނައުނު ފަދަ އެއްޗެއް ފެނުނު ކަމަށް ވެސް ފުލުހުން ބުނެފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

"އެއްވެސް ފޮރެންސިކް ތަހުލީލެއްގެ ނަތީޖާއަކުން މި މައްސަލާގައި ދައުވާލިބޭ ފަރާތްތަކާ ގުޅުވާލެވޭނެ އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. މިއީ ކުރެވޭ ތުހުމަތުތަކުން ދައުވާލިބޭ ފަރާތްތައް ދުރުކޮށްދޭ ކަމެކެވެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ދަބަސް އޭރު ހުރީ ތަޅުނުލާ ކަމަށްވާތީ އެ ދަބަހަށް ވާސިލްވުމުގެ ފުރުސަތު އެހެން މީހުންނަށް އޮތެވެ. އެހެންވެ، ދައުވާލިބޭ ދެ މީހުންނާ އެ މަސްތުވާތަކެއްޗާ ގުޅުވާލެވޭނެ އިތުރު ހެއްކެއް ނެތީސް، ކުށް ސާބިތު ނުކުރެވޭނެ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި ހުކުމުގައިވެ އެވެ.

އެ ދައުވާ ސާބިތުވި ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު އެއް ލައްކަ ރުފިޔާއިން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އެ މައްސަލާގައި މަލް އޭރު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.