Roadha Mihaaru
ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކަށް ޖޫރިމަނާ

ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި

12 ޖުލައި 2023

ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކު 8،600ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކު 8،600ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކާރެއްގައި ބަނގުރާ އުފުލަނިކޮށް ފުލުހުން އަތުލައިގަތީ ސިނަމާލެ ބްރިޖް ކައިރިންނެވެ. އެ ކާރުން 250 އަށް ވުރެ ގިނަ ބަނގުރާ ފުޅި ފެނުނެވެ. ކާރުގައި އިން މީހާގެ މައްޗަށް ދައުލަތުން ކުރީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އޭނާ އެ ކުށަށް އެއްބަސްވެފައިވާތީ އޭނާގެ އިއުތިރާފުން ކުށް ސާބިތުވާ ކަމަށެވެ. އަދި އޭނާގެ އަދަބު ލުއިކޮށްދޭން އެދިފައިވާތީ ޖަލަށްލުމުގެ ބަދަލުގައި އެހެން ބާވަތުގެ އަދަބެއް ދިނުމަކީ މަސްލަހަތު ބޮޑު ގޮތް ކަމަށް ހުކުމުގައިވެ އެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ކުށަށް އިއުތިރާފްވުމުން އަދަބުގެ މިންވަރު އެއް މަހާއި 24 ދުވަހުގެ އަދަބަކަށް ކުޑަވި އެވެ. އަދި ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި 11 ދުވަސް ހޭދަ ކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހެނީ އެއް މަހާއި 13 ދުވަހުގެ އަދަބެވެ. އެ އަދަބު ގާނޫނުލް އުގޫބާތުގެ ދަށުން ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމުން ޖެހެނީ 8،600ރ. ގެ ޖޫރިމަނާ އެކެވެ.

ކޯޓުގެ ހުކުމުގައި އަންގާފައިވަނީ އެ ފައިސާ ދެ މަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.