Roadha Mihaaru
މެލޭޝިއާގައި ރާއްޖެ ލައިސެންސް ބޭނުންކުރެވޭގޮތް ހަދައިފި

މެލޭޝިއާގައި ރާއްޖޭގެ ލައިސެންސް ބޭނުންކުރެވޭ ގޮތް ހަދައިފި

12 އޯގަސްޓް 2022

މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސެންސް ބޭނުންކުރެވޭ ގޮތަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސެންސް ބޭނުންކުރެވޭ ގޮތަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ ގައުމުގައި ބޭއްވި ރަސްމިއްޔާތުގައި، ދެ ގައުމުގެ ލައިސެންސް އަނެއް ގައުމުން ބަލައިގަނެ، އެ ބޭނުންކޮށްގެން ދުއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަދި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންގް އެވެ.

ކިޔެވުމަށާއި ޗުއްޓީ ހޭދަކުރުމަށް ގިނަ ދިވެހިން ގޮސް އުޅޭ މެލޭޝިއާގައި ރާއްޖޭގެ ލައިސެންސް ބޭނުންކުރެވޭ ގޮތް ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެކަމަށް އަމަލީ ސިފައެއް ގެނެވުމުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ގިނަ ފަސޭހަތަކެއް ވެ، އިތުރު ލިޔެކިޔުމެއް ނެތި ލައިސެންސް ބޭނުންކުރެވޭނެ ކަމަށް އެ ރަސްމިއްޔާތުގައި ނަހުލާ ވިދާޅުވި އެވެ.

އެ އެއްބަސްވުމަކީ ރާއްޖެ އާއި މެލޭޝިއާގެ ބަދަހި ގުޅުން ރަމްޒު ކޮށްދޭ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދެ ގައުމުގެ ލައިސެންސްގައި އުޅަނދު ދުއްވުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އެއަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 12 އިން ފެށިގެންނެވެ.