Roadha Mihaaru

ޑްރައިވިން ލައިސަންސް ނަގަން ތިއަރީ އިމްތިހާނު ހަދަން ދެން ދާން ޖެހޭނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް

މާލެ ސަރަހައްދުގައި ޑްރައިވިން ލައިސަންސް ނަގަން ތިއަރީ އިމްތިހާނު ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ދާން ޖެހޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

ލައިސަންސްގެ ތިއަރީ އިމްތިހާނު ހެދުން މިނިސްޓްރީގައި
އިފްރާޒް އަލީ
އިފްރާޒް އަލީ

06 މާޗް 2025

މާލެ ސަރަހައްދުގައި ޑްރައިވިން ލައިސަންސް ނަގަން ތިއަރީ އިމްތިހާނު ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ދާން ޖެހޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު މިއަދުން ފެށިގެން ކުރިއަށް ގެންދާނީ މިނިސްޓްރީގައި ކަމަށެވެ.

އެހެންވެ، މިއަދުން ފެށިގެން މާލެ ސަރަހައްދުން މި ހިދުމަތަށް އެދި ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް ހުށަހަޅާއިރު، ތިއަރީ އިމްތިހާނު ހަދާ ސެންޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިހުތިޔާރު ކުރުމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މީގެ ކުރިން ނޮވެމްބަރު 15، 2023 އިން ފެށިގެން މާލެ ސަރަހައްދުގައި ޑްރައިވިން ލައިސަންސް ނަގަން ތިއަރީ އިމްތިހާނު ހެދުން ބޭއްވީ މޯލްޑިވްސް ޕޮލިޓެކްނިކްގަ އެވެ. އޭގެ ކުރިން އެ ހިދުމަތް ދިނީ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގިއިރު އެތަނުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ މިހާރު ހިންގަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގްގަ އެވެ.