Roadha Mihaaru
ނޭމާ ދެއްކި ވާހަކަތަކަށް ކޯޗު ޖަވާބުދީފި

ނޭމާ ދެއްކި ވާހަކަތަކަށް ކޯޗު ޖަވާބުދީފި

13 އޯގަސްޓް 2018

ޕެރިސް (އޮގަސްޓް 13) - ޕީއެސްޖީ ބަރޯސާވަނީ އޭނާ އަށް އެކަނި ނޫން ކަމަށް ބުނެ ނޭމާ ދެއްކި ވާހަކަތަކަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ޖަވާބުދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޮގަސްޓް 13) - ޕީއެސްޖީ ބަރޯސާވަނީ އޭނާ އަށް އެކަނި ނޫން ކަމަށް ބުނެ ނޭމާ ދެއްކި ވާހަކަތަކަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ޖަވާބުދީފި އެވެ.

މިިދިޔަ ހަފްތާގައި ފްރެންޗް ސުޕަ ކަޕްގެ ކާމިޔާބީ އަށް ފަހު މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ނޭމާ ބުނީ ޕީއެސްޖީ އަކީ ގިނަ ތަރިން ހިމެނޭ ޓީމެއް ކަމަށާއި އޭނާ އަށް މުޅި ޓީމު ބަރޯސާނުވާ ކަމަށެވެ. ފްރެންޗް ލީގުގެ ފުރަތަމަ މެޗުން ރޭ ޕީއެސްޖީ ވަނީ ނޭމާގެ ގޯލާ އެކު 3-0 އިން ކާއެން އަތުން މޮޅުވެފަ އެވެ.

"ނޭމާ ބުނީ ގޯސްވާހަކައެއް ނޫން. އޭނާގެ ވިސްނުމަށް އިހުތިރާމްކުރަން ޖެހޭ. ފުޓްބޯޅަ އަކީ ޓީމް ގޭމެއް މުޅިން ނޭމާ އަށް ބަރޯސާވެގެން ހުރިހާ ކަމެއް ރަނގަޅެއް ނުވާނެ. އެކަމަކު ކޮންމެ ޓީމެއްގައި ވެސް ލީޑަރެއް. ކެޕްޓަނެއް. ތަރިއެއް ހުންނާނެ. އެގޮތަށް ބަލާއިރު އަހަރެމެންނަށް ނޭމާގެ މުހިއްމުކަން ބޮޑު. ނޭމާ އަކީ މި ޓީމުގެ ހަތިޔާރު،" ޓުޗެލް ބުންޏެވެ.

ރޭގެ މެޗުގައި ނޭމާ ލަނޑު ޖެހިއިރު މިއީ މިދިޔަ ފެބްރުއަރީ މަހު ލިބުނު އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އައި ފަހުން އޭނާ އެ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. އަނިޔާވުމުގެ ކުރިން ނޭމާ ވަނީ ޕީއެސްޖީ އަށް ލީގުގައި ކުޅެދިން 20 މެޗުން 19 ގޯލު ކާމިޔާބު ކޮށްފަ އެވެ.

ޕީއެސްޖީގެ އަނެއް ދެ ލަނޑު ޖެހީ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ މިޑްފީލްޑަރު އެޑްރިއަން ރަބިއޮޓް އާއި ލައިބީރިއާގެ ރައީސް އަދި ކުރީގެ މަޝްހޫރު ފޯވާޑް ޖޯޖް ވެއާގެ ދަރިފުޅު ޓިމޮތީ ވެއާ އެވެ. މިއީ ޓިމޮތީ ވެއާ ވާދަވެރި މެޗެއްގައި ޖެހި ފުރަތަމަ ގޯލެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ގޯލު ބެލެހެއްޓީ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ. އުމުރުން 40 އަހަރުގެ ބުފޮން އަށް ޕީއެސްޖީގެ އެއް ވަނަ ކީޕަރުކަން ޔަގީންނުވާ ކަމަށް މިދިޔަ ހަފްތާގައި ޓުޗެލް ވަނީ ބުނެފަ އެވެ.

"ބުފޮން އަކީ އެއް ވަނަ ކީޕަރަށް ވާން ޖެހޭ ބައިވަރު ސަބަބުތައް މި މެޗުން ވެސް ފެނިއްޖެ،" ޓުޗެލް ބުންޏެވެ.