Roadha Mihaaru
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް ދަށަށް

15 އޯގަސްޓް 2022

ޗައިނާގެ އިގްތިސޯދަށް އައި ހީނަރު ކަމާ އެކު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު އަނެއްކާ ވެސް ދަށަށް ހިނގައްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޗައިނާގެ އިގްތިސޯދަށް އައި ހީނަރު ކަމާ އެކު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު އަނެއްކާ ވެސް ދަށަށް ހިނގައްޖެ އެވެ.

ބާޒާރުގައި ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) އަދި ބްރެންޓް ކްރޫޑްގެ އަގު މިއަދު ވަނީ ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ޑަބްލިއުޓީއައި ކްރޫޑްގެ އަގު މިއަދު އުޅެނީ ފީފާއެއް 87 ޑޮލަރަށެވެ. އެއީ މި އަހަރުގެ ތެރޭގައި ރެކޯޑު ކުރެވުނު އެންމެ ދަށް އަގެވެ. އަދި ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 84 ޑޮލަރަށް ވެއްޓިފަ އެވެ.

މިއަދު ތެލުގެ އަގު ދަށްވެފައިވަނީ ޗައިނާއިން ބަލިކަށި އިގްތިސޯދީ ތަފާސްހިސާބުތަކެއް އާންމުކުރުމާއި އަދި އެ ގައުމުގެ އިންޓަރެސްޓް ރޭޓް ބޮޑުތަނުން ދަށްކުރި ފަހުންނެވެ. ތެޔޮ މާކެޓުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޗައިނާގެ އިގްތިސޯދު މިހާރު ހުރި ހާލަތުން، އެ ގައުމުން ހަކަތައަށް އޮތް ޑިމާންޑު ދަށްވާނެ އެވެ.

"ބްލޫންބާގް" ނޫހުން ކުރި ދިރާސާއެއްގައި ވާގޮތުން، ޗައިނާއިން ތެލަށް އޮތް ޑިމާންޑު ވަނީ މިދިޔަ މަހު 9.7 ޕަސެންޓް ދަށްވެފަ އެވެ.

ޗައިނާއިން އުފައްދާ ޖުމްލަ ތަކެތި ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ. އަދި ރީޓެއިލް ވިޔަފާރިތަކުން ލިބޭ އާމްދަނީ މަދުވުމާއި އެ ގައުމުގެ ވަޒީފާ ނެތް ޒުވާނުންގެ އަދަދު ވެސް ރިކޯޑް އަދަދަކަށް ވަނީ މައްޗަށް ގޮސްފަ އެވެ.

ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އިން އިންޓަރެސްޓް ރޭޓް ދަށްކުރީ އެ ގައުމުގެ ހީނަރުވެފައިވާ އިގްތިސޯދު ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ. ނަމަވެސް، މި ދަށްވުމާއެކު އެ ގައުމުގެ އިގްތިސޯދު ރަނގަޅުވާނެ ކަމާމެދު ގިނަބަޔަކު ޝައްކު އުފައްދަ އެވެ.

މިދިޔަ މަހު އެމެރިކާއިން ވަނީ އެ ގައުމުގެ އަރަމުން އައި އިންފްލޭޝަނާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގައި 0.75 ޕަސެންޓް އިންޓަރެސްޓް ރޭޓް އިތުރުކޮށްފަ އެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ދެ މަސް ދުވަހަށް ފަހު 100 ޑޮލަރުން ތިރިވި އެވެ.

މި އަހަރުގެ ތެރޭ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުނެވެ. އެގޮތުން ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 140 ޑޮލަރަށް އެރި އެވެ. އެކަމަކު ފާއިތުވި ހަފްތާތަކުގައި ދުނިޔެ ރިސެޝަނަށް ހިނގައިދާނެ ކަމުގެ ބިރާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ތެލުގެ މާކެޓުގެ ބައިވެރިން ޗައިނާ އާއި އެމެރިކާގެ ޑިމާންޑަށް ހާއްސަ ސަމާލުކަން ވަނީ ދީފަ އެވެ.