Roadha Mihaaru

ފަރުމަތިން ޕްލެޓްފޯމް ނެގުން ލަސްވާތީ ކައުންސިލުން ކަންބޮޑުވެއްޖެ

މާލެ ސަރަހައްދު ގުޅާލާ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އިއްޔެ އަރައި ހިނގި ހާދިސާގައި ފަރަށް ގެއްލުންވަމުންދާ ކަމަށާއި އެ ޕްލެޓްފޯމް ނުނެގި ލަސްވާތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަރުމަތިން ބްރިޖް ޕްލެޓްފޯމް ނެގުން ލަސްވާތީ ކަންބޮޑުވެއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 އޯގަސްޓް 2022

މާލެ ސަރަހައްދު ގުޅާލާ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އިއްޔެ އަރައި ހިނގި ހާދިސާގައި ފަރަށް ގެއްލުންވަމުންދާ ކަމަށާއި އެ ޕްލެޓްފޯމް ނުނެގި ލަސްވާތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރަށްވާތީ އެތަނަށް ޕްލެޓްފޯމް އެރި ހާދިސާއާ ގުޅިގެން ނުހަނު ކަންބޮޑުވާ ކަމަށެވެ.

"ގުޅީފަޅު ހިއްކުމާއި ބްރިޖު މަޝްރޫއުގެ ސަބަބުން ނޭދެވޭ އަސަރު މިހާރު ވެސް ފޯރަމުންދާ ފަރަކަށްވީ ހިނދު ބްރިޖް ޕްލެޓްފޯމް ފަރަށް އަރާ ރާޅާ އެކު ފަރު މައްޗަށް ޖެހިޖެހި އެކަން ހައްލުނުކުރެވުމަކީ ވަރަށް ހިތާމަކުރި ކަމެއް،" އެ ބަޔާނުގައި ބުންޏެވެ.

ކައުންސިލުން ވަނީ ބްރިޖް މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް އާއި ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު ހިންގުމުގައި ބަލަންޖެހޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އެއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ބުނެ އެ މައްސަލަ ރަނގަޅަށް ބަލައި، ތަހުގީގުކޮށްދިނުމަށް އީޕީއޭ އާއި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ވެސް ކައުންސިލުން ގޮވާލި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި ވިލިމާލޭ ފަރު މައްޗަށް އަރާފައިވާ އެ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެކަމަކު އެ ހާދިސާ ހިނގިތާ 24 ގަޑިއިރަށް ވުރެ ގިނައިރުވީއިރު ވެސް ޕްލެޓްފޯމް ނަގަން ފަށާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުން އެބަދެ އެވެ.

އެ މައްސަލައާ ގުޅިގެން އީޕީއޭ އިން ބުނީ ވިލިމާލެ ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ފަރަށް ގެއްލުން ލިބިފައިވާ ނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެވެ.

ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ، އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ.

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަަޅު ގުޅާލާ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ މި މަހު ވަނީ އަޅައިފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި އެ ބްރިޖުގެ ފުރަތަމަ ފިޔަވަހި ކަމަށްވާ، މާލެ އާއި ވިލިމާލެ ގުޅާލުން އަންނަ އަހަރު މެދުތެރެ އަށް ނިމޭނެ އެވެ.