Roadha Mihaaru
ކުނި ގިނަވާތީ އީޕީއޭގެ އިލްތިމާސް ސިޓީ ކައުންސިލަށް!

މާލޭގެ މަގުތަކުގައި ހުރި ކުނި ނަގަން އީޕީއޭގެ އިލްތިމާސް ސިޓީ ކައުންސިލަށް

29 ޑިސެމްބަރ 2022

މާލެ ސަރަހައްދުގެ މަގުތަކުން ކުނި ނެގުމަށް ވެމްކޯ އާއި ސިޓީ ކައުންސިލާ ދެމެދު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވެ، މަގުތަކުގައި ކުނި ގިނަވެފައިވާތީ އެ ޒިންމާ ހަވާލުވެފައިވާ ސިޓީ ކައުންސިލުން އެކަން ކުރުމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެ ސަރަހައްދުގެ މަގުތަކުން ކުނި ނެގުމަށް ވެމްކޯ އާއި ސިޓީ ކައުންސިލާ ދެމެދު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވެ، މަގުތަކުގައި ކުނި ގިނަވެފައިވާތީ އެ ޒިންމާ ހަވާލުވެފައިވާ ސިޓީ ކައުންސިލުން އެކަން ކުރުމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކުން ކުނި ނަގަން ވެމްކޯއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ކުންފުނިން ވަނީ މަގުތަކުން ކުނި ނެގުން ހުއްޓާލައިފަ އެވެ. އެކަމަކު ސިޓީ ކައުންސިލުން ބުނާގޮތުން ގޭގެެއިން ނެރޭ ކުނިތައް ވެސް ވެމްކޯއިން ނެގުމަށް ވެމްކޯއިން ދަނީ ދެކޮޅު ހަދަމުންނެވެ.

އީޕީއޭއިން ނެރުނު އިއުލާނެއްގައި ވަނީ މަގުތަކުގައި ކުނި ގިނަވާތީ އާންމުންނަށް އުނދަގޫ ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ، މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނީ ގޮތުން މަތިކުރެވިފައިވާ ފަރާތުން މަގުތައް ސާފުކުރަން އިލްތިމާސްކުރާ ކަމަށް އެ އިއުލާނުގައިވެ އެވެ.

މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނީ ގޮތުން އޮންނަނީ ސިޓީ ކައުންސިލަށެވެ. ވެމްކޯއާ ސަރުކާރުން ހަވާލުކޮށްފައި އޮންނަނީ ގޭގެއިން ނެރޭ ކުނިތައް ނެގުމުގެ މަސައްކަތެވެ.

މި މައްސަލާގައި އެންވަޔްރްމަންޓް މިނިސްޓްރީން ވެސް ބުނެފައިވަނީ މަގުތަކުގައި ހުންނަ ކުންޏާ ހަވާލުވުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި މައިޒާންތައް ސާފުކުރުމަށް ވެމްކޯއާ ހަވާލު ކޮށްފައިވީ ނަމަވެސް ސިޓީ ކައުންސިލުން އެއްބަސްވުން އާ ނުކުރީ އެ ކުންފުނިން އެ ކަން ގަވާއިދުން ނުކުރާތީ ކަމަށް ބުނެފައި ވެ އެވެ. އެ މަސައްކަތަށް ކޮންމެ މަހަކު ސިޓީ ކައުންސިލުން ބޮޑު ހަރަދެއް ކުރާ ކަމަށް ކައުންސިލުން ބުންޏެވެ.