Roadha Mihaaru
އިމްރާން ޚާންގެ ވާހަކަތައް ތަހުގީގު ކުރަނީ

އިމްރާން ޚާންގެ ވާހަކަތައް ތަހުގީގު ކުރަނީ

22 އޯގަސްޓް 2022

އިތުބާރު ނެތް ކަމުގެ ވޯޓެއްގައި މިދިޔަ އެޕްރީލް މަހު މަގާމުން ދުރުކޮށްފައި ހުރި، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ސަރުކާރުގެ މުއައްސަސާތަކާއި އިސް ވެރިންނާ ދެކޮޅަށް ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ މައްސަލަ، ޕާކިސްތާނު ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓެއްގައި މިދިޔަ އެޕްރީލް މަހު މަގާމުން ދުރުކޮށްފައި ހުރި، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ސަރުކާރުގެ މުއައްސަސާތަކާއި އިސް ވެރިންނާ ދެކޮޅަށް ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ މައްސަލަ، ޕާކިސްތާނު ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މިހާރު ތަހުގީގު ކުރަމުން ދަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެއްވުމެއްގައި، ޕާކިސްތާނުގެ ޝަރުއީ ނިޒާމާއި ފުލުހުންގެ އަގު ވެއްޓޭ ގޮތަށް އަދި އެ ދެ ދާއިރާއާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކެވެ. އެ އެއްވުމުގައި އިމްރާން ޚާން ވަނީ، އިސްލާމް އާބާދުގެ ފުލުހުންގެ ވެރިޔާ އާއި އަންހެން ފަނޑިޔާރަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނުސީދާ އިންޒާރުތަކެއް ދެއްވައިފަ އެވެ.

އެ ވާހަކަތަކާ ގުޅޭ ގޮތުން ފުލުހުން ފަށާފައިވާ ތަހުގީގުގައި އިމްރާން ޚާނާ ސުވާލު ކުރުމަށް، އޭނާގެ ގެކޮޅަށް ފުލުހުން އިއްޔެ ދިއުމާ ގުޅިގެން، އެތައް ހާސް ބަޔަކު އޭނާގެ ގޭ ދޮށަށް އިއްޔެ އެއްވެ ފުލުހުންނާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރި އެވެ. އެމީހުން ބުނަމުން ދިޔައީ، އިމްރާން ޚާން ހައްޔަރުކޮށްފި ނަމަ، އެމީހުން މަގުތަކަށް ނުކުމެ، މުޅި އިސްލާމް އާބާދު އެމީހުންގެ ބާރުގެ ދަށަށް ގެންދާނެ ކަމަށެވެ.

މިދިޔަ އެޕްރީލް މަހު މަގާމުން ދުރުކުރުމާ އެކު، އިމްރާން ޚާން ގެންދަވަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އާންމު އެއްވުންތައް ބާއްވައި، ސަރުކާރުގެ އިސް ވެރިންނަށާއި ސިފައިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އަވަސް އިންތިޚާބެއް ބާއްވައި އާ ސަރުކާރެއް އެކުލަވައިލުމަށް ގޮވައިލެއްވުން ވެސް މިފަހަކަށް އައިސް ވަނީ އިތުރު ކުރައްވައިފަ އެވެ.

ޕާކިސްތާނުގެ ފުލުހުންނާއި ޝަރުއީ ނިޒާމަށް އިމްރާން ޚާން ފާޑުވިދާޅުވާން ފެއްޓެވީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ލީޑަރު ޝާހްބާޒް ގިލް ހައްޔަރުކުރުމާ ގުޅިގެންނެވެ. އާންމު ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި، ޕާކިސްތާނު ސިފައިންނަށް ފާޑުވިދާޅުވެ، ސިފައިންނާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކަކާ ގުޅިގެން، ފުލުހުން ޝާހްބާޒް ހައްޔަރުކުރީ މި މަހުގެ 9 ވަނަ ދުވަހު އެވެ.

ޝާހްބާޒްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ބުދަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން، އިތުރު ދެ ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް، އިސްލާމް އާބާދުގެ ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.

ޝާހްބާޒް ހައްޔަރުކުރުމުން ފުލުހުންނަށް ފާޑުވިދާޅުވެ، އިމްރާން ޚާން ވިދާޅުވީ ފުލުހުން ޝާހްބާޒް ހައްޔަރުކޮށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދެމުންދާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ދެއްކެވި ވާހަކައިގައި އިސްލާމް އާބާދުގެ ފުލުހުންގެ ވެރިޔާ އާއި ކޯޓުގެ ފަނޑިޔާރަށް އިޝާރާތް ކުރައްވައި އިމްރާން ޚާން ވިދާޅުވީ، "އަހަރެމެން ކަލޭމެންނާ ދެކޮޅަށް ފިޔަވަޅު އަޅަންވާ އިރަށް، ކަލޭމެން ވެސް ތައްޔާރުވެގެން ތިބެންވާނެ" ކަމަށެވެ.

ފުލުހުން ބުނީ އިމްރާން ޚާންގެ މި ވާހަކަތަކަކީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކުށްވެރިވެދާނެ ފަދަ ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް، މިހާރު ކުރިއަށް ދާ ތަހުގީގުތަކުގައި އިމްރާން ޚާން ހައްޔަރުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހު އިމްރާން ޚާން ދެއްކެވި ވާހަކަތަކާ ގުޅިގެން، ސިޔާސީ އެއްވުންތަކުގައި އިމްރާން ޚާން ދައްކަވާ ވާހަކަތައް ޓީވީ ޗެނަލްތަކުން ވަގުތުން ދެއްކުން، ޕާކިސްތާންގެ އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ އިއްޔެ އިން ފެށިގެން މަނާކޮށްފަ އެވެ. އެ އިދާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، "އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކޮށް، ސަރުކާރުގެ މުއައްސަސާތަކާއި އިސް ވެރިންނާ ދެކޮޅަށް، ނަފްރަތު އުފެދޭ ވާހަކަތައް ފަތުރަމުން ގެންދިއުމަކީ، ޕާކިސްތާނުގެ ގާނޫނުއަސާސީގެ 19 ވަނަ މާއްދާއާ ޚިލާފު އަމަލެއް ކަމަށެވެ.