Roadha Mihaaru
އިމްރާން ޚާން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

އިމްރާން ޚާން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

25 ޖުލައި 2023

އިސްލާމްއާބާދު (ޖުލައި 25) - ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމުގެ އަމުރެއް، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން އިއްޔެ ނެރެފި އެވެ.

އިސްލާމްއާބާދު (ޖުލައި 25) - ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމުގެ އަމުރެއް، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން އިއްޔެ ނެރެފި އެވެ.

އިމްރާން ހައްޔަރުކޮށްގެން އިންތިޚާބުތަކާ ބެހޭ ކޮމިޝަނަށް ހާޒިރުކޮށްދިނުމަށް އެދި، އެ ކޮމިޝަނުން، ޕާކިސްތާނު ފުލުހުންގެ މައްޗަށް އިއްޔެ ނެރުނު އަމުރަކީ ކަފާލާތު ގަބޫލު ނުކުރެވޭނެ އަމުރެކެވެ. އޭނާ ހައްޔަރުކުރުމަށް އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ އަމުރެއް މި ނެރުނީ، އެހެން މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައި ހުއްޓައި، ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ އަމުރެއް ނެރުނު ފަހުންނެވެ.

ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމަށް ފާސްކޮށް، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މަގާމުން ދުރުކުރި ފަހުން، ޕާކިސްތާނު ސަރުކާރުން އިމްރާންގެ މައްޗަށް ވަނީ 150 އަށް ވުރެ ގިނަ ދައުވާ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާ ވެސް ހިމެނެ އެވެ.

އެ ކޮމިޝަނުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި، އިމްރާން ޚާން ހައްޔަރުކުރުމަށް އަމުރެއް ނެރެނީ، އެ ކޮމިޝަންގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގައި އޭނާއާ ސުވާލުކުރުމަށް، މިއަހަރުގެ ކުރީކޮޅު އެ ކޮމިޝަނަށް ހާޒިރުވުމަށް އަމުރު ކުރުމުން ވެސް ހާޒިރު ނުވުމުންނެވެ. އެ ކޮމިޝަނުން މިހާރު ބަލަމުން އަންނަނީ، އެ ކޮމިޝަނާ ބެހޭ ގޮތުން އިމްރާން ދެއްކެވި ވާހަކަތަކެއްގައި، ބޭއަދަބީ ބަސްތައް ބޭނުންކޮށް އެ ކޮމިޝަނަށް ފުރައްސާކުރި ކަމަށް ބުނެ އެވެ.

އެ ކޮމިޝަނުން ފުލުހުންގެ މައްޗަށް އަމުރު ނެރެފައި އޮތީ އިމްރާން ހައްޔަރުކޮށްގެން މިއަދު އެ ކޮމިޝަނަށް ހާޒިރުކޮށްދިނުމަށެވެ. އެ އަމުރު ނެރުމާ ގުޅިގެން ޔޫޓިއުބްގެ ޒަރީއާ އިން އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އޭނާ ހުންނެވީ ޖަލުގައި ހައްޔަރުވާން ވެސް ތައްޔާރަށް ކަމަށެވެ.

ޕާކިސްތާނުގެ މީޑިއާގައި އިމްރާން ޚާންގެ ވާހަކަތައް ފެތުރުމާއި އޭނާގެ ނަން ބޭނުންކުރުން ވެސް، އެ ގައުމުގެ މީޑިއާގެ ކަންތައް ބަލަހައްޓާ އިދާރާ އިން މަނާކުރުމާ ގުޅިގެން، އިމްރާން ޚާން އޭނާގެ ސަޕޯޓަރުންނަށް މިހާރު މެސެޖްތައް ދެއްވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތަކުންނެވެ.

އިމްރާން ޚާންގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކުގެ އިތުރުން، އެހެން މައްސަލައެއްގައި ދައުވާ ކުރުމަށް ވެސް މިހާރު އަންނަނީ ތަހުގީގުގެ މަރުހަލާ ފުރިހަމަ ކުރަމުންނެވެ. އެ ގައުމުގެ ދާޚިލީ ވަޒީރު ރަނާ ސަނާއުﷲ މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި މިހާރު ތަހުގީގު ކުރަމުން އަންނަނީ، ޕާކިސްތާނާއި އެމެރިކާއާ ދެމެދު ދެކެވިފައި ހުރި ރަސްމީ ސިއްރު ވާހަކަތަކެއް އާންމު ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ.