Roadha Mihaaru
ސިފައިން އުޅެނީ ޕާޓީ އުވާލައި، އަހަރެން ޖަލަށް ލާން

ސިފައިން އުޅެނީ ޕާޓީ އުވާލައި، އަހަރެން ޖަލަށް ލާން: އިމްރާން

07 ޖޫން 2023

ޕާކިސްތާނުގެ ސިފައިންނާއި ސިފައިންގެ އަސްކަރީ ޖާސޫސީ އިދާރާ އިން މަސައްކަތް ކުރަމުން ދަނީ، އިދިކޮޅު ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) ޕާޓީ އުވާލައި، އޭނާ ޖަލަށް ލާން ކަމަށް، އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ސިފައިންނާއި ސިފައިންގެ އަސްކަރީ ޖާސޫސީ އިދާރާ އިން މަސައްކަތް ކުރަމުން ދަނީ، އިދިކޮޅު ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) ޕާޓީ އުވާލައި، އޭނާ ޖަލަށް ލާން ކަމަށް، އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ޕީޓީއައި އުވާލަން ޕާކިސްތާނުގެ ސިފައިން މަސައްކަތް ކުރަމުން ދަނީ، އެކަމަށް އިންކާރު ނުކުރެވޭހާ ފާޅުކަން ބޮޑު ގޮތެއްގަ އެވެ. އަދި އެ މަސައްކަތުގެ ތެރެއިން އޭނާގެ މައްޗަށް އަސްކަރީ ކޯޓެއްގައި ދައުވާކޮށް ޖަލަށް ލާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިދިކޮޅު ޕީޓީއައި ޕާޓީގެ ބާރު ކަނޑުވައިލުމަށް އެ ގައުމުގެ ސިޔާސީ މައިދާނުގައި ބޮޑު ނުފޫޒެއް އޮންނަ އަސްކަރިއްޔާ އިން މަސައްކަތް ކުރަމުން ދާ ކަމަށް، މީގެ ކުރިން ވެސް އިމްރާން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"އެއީ މިހާރު ފެންނަން އޮތް ހަގީގަތެއް. އެ މީހުން އެކަން ކުރަމުން އެދަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި. އެއީ މިހާރު ސިއްރުން ކުރާ ކަމެއް ނޫން. އެ ހުރިހާ ކަމެއް ކުރަމުން އަންނަނީ ސިފައިން،" މިދިޔަ ހޮނިހިރު ދުވަހު ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 9 ވަނަ ދުވަހު އިސްލާމް އާބާދުގެ ހައި ކޯޓުގައި އިންނަވަނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށް އޭނާ ހައްޔަރުކުރުމާ ގުޅިގެން، ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ހިންގި ހަމަނުޖެހުންތަކަކީ ވެސް އޭނާ އަށް އަމާޒުކޮށްގެން ހިންގި އަމަލެކެވެ. އެ ހަމަނުޖެހުންތަކުގައި ސިފައިންގެ އިމާރާތްތަކަށް ބަޔަކު ގެއްލުންދިނީ، އޭނާގެ ބޮލުގައި އެ ތުހުމަތު އެޅުވުމުގެ މަގްސަދުގައި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އެ ހަމަނުޖެހުންތަކުގައި ސިފައިންގެ އިމާރާތްތަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްޗަށް އަސްކަރީ ކޯޓުގައި ދައުވާ އުފުލުމަށް ޕާކިސްތާނު ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަސްކަރީ ކޯޓުތަކުގައި މައިގަނޑު ގޮތެއްގައި ދައުވާ އުފުލަނީ، ސިފައިންގެ މައްޗަށާއި ދައުލަތުގެ އަދުއްވުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ މައްޗަށެވެ.

"އަހަރެން ޖަލަށް ލުމަށް އެ މީހުންނަށް އޮތް ހަމައެކަނި ގޮތަކީ އެއީ. ސިފައިންގެ އަމާޒަކީ ނޮވެމްބަރުގައި އޮންނަ އިންތިޚާބުގައި ވާދަކޮށް އަހަރެން ވެރިކަމަށް އައުމުގެ ދޮރު ބަންދުކުރުން. އަހަރެންގެ މައްޗަށް އުފުލާފައިވާ ގާތްގަނޑަކަށް 150 ދައުވާއަކީ، އެއްވެސް އަސާސެއް ނެތް، އަދި މަދަނީ ކޯޓެއްގައި ދައުވާކޮށްފި ނަމަ، ސާބިތު ނުވާނެ ދައުވާތަކެއް."

އިމްރާން ވިދާޅުވި ގޮތުގައި މެއި މަހު ކުރީކޮޅު އޭނާ ހައްޔަރުކުރުމާ ގުޅިގެން އާންމުން ކުރި މުޒާހަރާތައް ރޫޅައިލުމުގައި ސިފައިންގެ ޖާސޫސީ އިދާރާ، އިންޓަ ސާވިސަސް އިންޓެލިޖެންސްގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތެވެ. އޭނާ ވިދާޅުވި ގޮތުގައި އާންމުންގެ މުޒާހަރާތަކަށް ފަހު، ޕީޓީއައިގެ އިސް ދެ ބޭފުޅަކު އެ އިދާރާ އަށް ހާޒިރުކޮށް، ޕީޓީއައި އިން ވަކިވުމުން ނޫނީ އެ އިދާރާ އިން ނުނިކުމެވޭނެ ކަމަށް އެންގި އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ޕީޓީއައިއާ ދެމެދު އޮތް ނުތަނަވަސްކަން ފިލުވައިލުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ސިފައިންގެ އިސް ވެރިންނާ ބައްދަލުވެވޭތޯ ކުރި މަސައްކަތަށް ސިފައިން އެއްވެސް އިޖާބައެއް ނުދިން ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ޕާކިސްތާނުގެ ސިޔާސީ މަސްރަހުން އޭނާ އެއްފަރާތް ކުރަން، ސިފައިންގެ ވެރިޔާ ޖެނެރަލް އާސިމް މުނީރު މަސައްކަތް ކުރައްވަނީ ކީއްވެގެންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.