Roadha Mihaaru
އިމްރާން ޚާން ހައްޔަރުކުރުމުން ޕާކިސްތާނުގައި މުޒާހަރާ

އިމްރާން ޚާން ހައްޔަރުކުރުމުން ޕާކިސްތާނުގައި މުޒާހަރާ ކުރަނީ

06 އޯގަސްޓް 2023

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެ ގައުމުގެ ފުލުހުން އިއްޔެ އޭނާ ހައްޔަރުކުރުމާ ގުޅިގެން، ޕާކިސްތާނުގައި އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެ ގައުމުގެ ފުލުހުން އިއްޔެ އޭނާ ހައްޔަރުކުރުމާ ގުޅިގެން، ޕާކިސްތާނުގައި އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި އެވެ.

ފުލުހުން ގޮސް އޭނާ ހައްޔަރު ކުރީ ލާހޯރުގައި އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށެވެ. ކޮރަޕްޝަންގެ މައްސަލައިގައި އިއްވި ހުކުމުގައި ފުލުހުންގެ މައްޗަށް އަމުރުކޮށްފައި އޮތީ، އިމްރާން ޚާން ހައްޔަރުކޮށް، ހުކުމް ތަންފީޒުކުރުމުގެ ގޮތުން ޕަންޖާބުގެ ރާވަލްޕިންޑީގައި ހުންނަ މަރުކަޒީ ޖަލުގައި ބަނދުކުރުމަށެވެ.

ޣައިރު ހާޒިރުގައި އިމްރާންގެ މައްޗަށް އިއްވި މި ހުކުމް ދެމި އޮތްހާ ހިނދަކު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެއްވެސް އިންތިޚާބެއްގައި ވާދަ ކުރުމުގެ ހައްގު އޭނާ އަކަށް ނޯންނާނެ އެވެ.

އިމްރާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވީ، ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު (2018-2022) މަގާމުގެ ހައިސިއްޔަތުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ބައެއް ތަކެތި ޤާނޫނާ ޚިލާފަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި، އެ މުއާމަލާތުގެ މައުލޫމާތުތައް ސަރުކާރުގެ ރަސްމީ އިދާރާތަކަށް ސިއްރު ކޮށްފައި އޮތުމުންނެވެ.

އޭނާ ވިއްކަވައިލެއްވި ތަކެތީގެ އަގު 140 މިލިއަން ޕާކިސްތާން ރުޕީ (497500 ޑޮލަރު) އަށް އަރާ ކަމަށް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެ އެވެ. މި މައްސަލައިގެ ހުކުމުގައި ފަނޑިޔާރު ހުމައްޔޫން ދިލާވަރު ވިދާޅުވެފައިނީ އިމްރާން ޚާންގެ އަމާނާތްތެރިކަމެއް ނެތް ކަން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އޭގެ އިތުރުން، ދައުލަތުގެ މުދަލުން ވިޔަފާރިކޮށްގެން ލިބުނު މަންފާ ގަސްދުގައި އަދި އަމިއްލަ އިޚްތިޔާރުގައި ލިބިގެންފައިވުމުން، ކޮރަޕްޝަންގެ އަމަލުން އޭނާ ކުށްވެރިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ. މި ކުށް ސާބިތުވުމާ ގުޅިގެން، ތިން އަހަރަށް ޖަލަށް ލުމުގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 100000 ރުޕީ ކޯޓަށް ދެއްކުމަށް ވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.

މި ހުކުމާ އެކު ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާ ނުދައްކައިފި ނަމަ، އިތުރު ހަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ޕާކިސްތާނުގެ އިދިކޮޅު މައި ޕާޓީ ކަމުގައިވާ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީ (ޕީ.ޓީ.އައި)ގެ ލީޑަރު އިމްރާން ޚާންގެ މައްޗަށް މިހާރުވެސް 100 އަށް ވުރެ ގިނަ ޖިނާއީ މައްސަލަ ކޯޓުތަކުގައި ބަލަމުންދެ އެވެ.

އިމްރާން ހައްޔަރުކުރުމަށް އޭނާގެ ގެކޮޅަށް ފުލުހުން އައުމާ އެކު ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ، ޕާކިސްތާނުގެ އާންމު ރައްޔިތުން މަގުތަކަށް ނުކުމެ އެ ހުކުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައްވައިފަ އެވެ.

"އަހަރެން ކަލޭމެންގެ ކިބައި މި އެދެނީ އެންމެ ކަމަކަށް. ތިޔަ ގޮތަށް ގޭގައި އިށީނދެގެން ނުތިބޭ. އަހަރެން މި ހުރިހާ ތަކުލީފުތަކެއް މި އުފުލަނީ އަހަރެންގެ އަމިއްލަ ނަފްސަށްޓަކައެއް ނޫން. މިއީ އަހަރެންގެ ގައުމާއި ކަލޭމެންނަށްޓަކައި އުފުލާ ތަކުލީފުތަކެއް. ކަލޭމެންގެ ދަރިންގެ މުސްތަގުބަލަށްޓަކައި އުފުލާ ތަކުލީފުތަކެއް،" އިމްރާން ޚާންގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

"ކަލޭމެން ކަލޭމެންގެ ހައްގުތަކަށްޓަކައި ނުތެދުވެއްޖެ ނަމަ، ކަލޭމެން ދިރިއުޅެންޖެހޭނީ އަޅުންގެ ގޮތުގައި. އަޅުންނަކީ ދިރިއުޅުމުގެ ހައްގު ލިބިގެންވާ ބައެއް ނޫން."

ކުރީގެ ބޮޑުވަޒީރަކަށް ވުމުގެ އިތުރުން، ޕާކިސްތާނުގެ އާންމު ރައްޔިތުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ އިމްރާންގެ މި ގޮވައިލެއްވުމާ ގުޅިގެން ޕާކިސްތާނުގެ އެކި ސަހަރުތަކުގައި އެތައް ހާސް ބަޔަކު އިއްޔެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރި އެވެ. އަދި މިއަދު ވެސް ބައެއް ސަހަރުތަކުގައި އެތައް ހާސް ބަޔަކު ދަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

އޭގެ އިތުރުން ޕާކިސްތާނު މީހުން ދިރިއުޅޭ ވިލާތުގެ ބައެއް ގައުމުތަކުގައި ވެސް، އިމްރާން ޚާންގެ ޖަލު ހުކުމާ ދެކޮޅަށް ޕާކިސްތާނުގެ އާންމުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.