Roadha Mihaaru
ކައުންސިލްތަކުގެ މައްސަލަތައް ހައްލުކުރާނަން: ރައީސް

ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރާނަން: ރައީސް

22 އޯގަސްޓް 2022

ލޯކަލް ކައުންސިލްތައް ހިންގުމުގައި ހައްލު ކުރަންޖެހޭ ކަންކަން ހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ލޯކަލް ކައުންސިލްތައް ހިންގުމުގައި ހައްލު ކުރަންޖެހޭ ކަންކަން ހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، އައްޑޫ ދާއިރާގެ މަޖިލިސް މެމްބަރުންނާއި އައްޑޫގެ މޭޔަރާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ އައްޑޫގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ހައްލު ކުރަން ޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކާއެކީ ކުރި ތަޖުރިބާ އިން، ކައުންސިލްތައް ހިންގުމުގައި ބައެއް ކަންކަން ހައްލު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާއި، އިޖްތިމާއީ މައްސަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެއްވި އެވެ.

އެކަންކަން ހައްލު ކުރަން ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫއަކީ އެއް އަތޮޅެއްގައި އެންމެ ގިނަ މަޝްރޫއު ހިންގި އަތޮޅު ކަމަށާއި އެ މަޝްރޫއުތަކާ ބެހޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރެއްވި ކަމަށެވެ. އޭގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއި ލިބުނު ފަސޭހަތަކާއި ހުރި ގޮންޖެހުންތައް ވެސް ރައީސް އަށް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާއި ކައުންސިލާ ހިމެނިގެން އައްޑޫ އަށް ދިމާވެފައި ހުރި މައްސަލަަތަކާއި ކުރިޔަށް ގެންދަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފަ،" ނިޒާރު ވިދާޅުވި އެވެ.