Roadha Mihaaru
ރައީސް، އައްޑޫ މެމްބަރުންނާއި ކައުންސިލާއެކު ބައްދަލުވުމެއް

ރައީސް، އައްޑޫ މެމްބަރުންނާއި ކައުންސިލަރުންނާ ބައްދަލު ކުރައްވައިފި

19 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އައްޑޫ ދާއިރާތަކުގެ މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އައްޑޫ ދާއިރާތަކުގެ މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމަކީ، ރައީސާއި ނައިބު ރައީސް ރަސްމީކޮށް އޮފީހަށް ނުކުމެވަޑައިގެން ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ. މި ބައްދަލުކުރެއްވުމުގައި، އައްޑޫގެ ތަރައްގީއާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ނަމަވެސް މި ބައްދަލުވުމުގެ ތަފްސީލުތައް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އައްޑޫ ތަރައްގީ ކުރައްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އައްޑު އަށް މަޝްރޫއުތައް ހިންގެވި އެވެ. އެކަމަކު އެ މަޝްރޫއުތަކުން ރައްޔިތުންނަށްވީ ފައިދާއެއް ނެތް ކަމުގެ ފާޑުކިއުންތައް އެ މަނިކުފާނުގެ ސަރުކާރަށް އަމާޒުވި އެވެ.

ކެބިނެޓުގައި އައްޑޫ ބޭފުޅަކު ހިމެނުމާ ގުޅޭ ގޮތުން ކުރި ޓުވީޓެއް.

ރައީސް، އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ މި ބައްދަލު ކުރެއްވީ، އެ މަނިކުފާނުގެ ކެބިނެޓުގައި އައްޑޫގެ އެއްވެސް ބޭފުޅަކު ހިމެނިވަޑައިނުގަތުމަކީ ލިބުނު މާޔޫސް ކަމެއް ކަމަށް ބުނެ ބައެއް މީހުން ޝުއޫރު ފާޅު ކުރަމުން ދަނިކޮށެވެ. ރިޔާސީ އިންތިޚާބުގައި ކޯލިޝަނަށް 67 ޕަސެންޓް ދިނުމަކީ ކެބިނެޓުގައި އައްޑު އަށް ނިސްބަތްވާ ބޭފުޅަކު ހިމެނިވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް އެއް ބަޔަކު އަޑު އުފުލި ނަމަވެސް އެ ވިސްނުމާ ގިނަ ބަޔަކު ދެކޮޅު ހަދަ އެވެ.