Roadha Mihaaru
ނަޖީބް ރައްޒާގުގެ 12 އަހަރުގެ ހުކުމް ދަމަހައްޓައިފި

ނަޖީބް ރައްޒާގު 12 އަހަރުގެ ޖަލު ހުކުމުން ސަލާމަތެއް ނުވި

23 އޯގަސްޓް 2022

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ޚިޔާނާތުގެ ކުށުގައި 12 އަހަރަށް ޖަލަށް ލާން 2020 އަހަރު ކޮށްފައިވާ ހުކުމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ޚިޔާނާތުގެ ކުށުގައި 12 އަހަރަށް ޖަލަށް ލާން 2020 އަހަރު ކޮށްފައިވާ ހުކުމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ 210 މިލިއަން ރިންގިޓް (46.8 މިލިއަން ޑޮލަރު) އަށް ޚިޔާނާތްތެރިވިކަން ސާބިތުވެ ނަޖީބް ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފްގައި މެލޭޝިއާގެ ފެޑަރަލް ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. މަތީ ކޯޓުން މިގޮތަށް ނިންމުމާ އެކު ނަޖީބުގެ ހުކުމް ތަންފީޒުކުރަން ފަށަން ޖެހޭނެ އެވެ.

ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ތެންގްކޫ މައިމޫން ތުއަން މާތު ވިދާޅުވީ ނަޖީބް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމަށް ވާސިލްވުމުގައި ރިއާޔަތްކޮށްފައިވާ ހެކިތަކަށް ބަލާއިރު ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމް ދަމަހައްޓަނީ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ.

މި ހުކުމް އިއްވުމުގެ ކުރިން ނަޖީބްގެ ވަކީލުން ވަނީ އުއްތަމަ ފަނޑިޔާރުގެ ފިރިކަލުން 2018 ވަނަ އަހަރު ނަޖީބާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ނަންގަވައި، ބެންޗު އުއްތަމަ ފަނޑިޔާރު ވަކިކުރުމަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ޕޯސްޓާ އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ.

އެންމެ މަތީ ކޯޓުން ހުކުމާ މެދު ގޮތެއް ނިންމުމުގެ ކުރިން، ނަޖީބްގެ ފަރާތުން ވަނީ އަލުން ޝަރީއަތް ހިންގުމަށް އަމުރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު އެ ހުށަހެޅުން ކުރިން ވަނީ ބަލައިނުގަނެ އެވެ.

އުމުރުން 69 އަހަރުގެ ނަޖީބަށް 2018 ވަނަ އަހަރު އިންތިހާބުގައި ނާކާމިޔާބުވެ ވެރިކަން ގެއްލުނީ އެތައް ބިލިއަން ޑޮލަރެއް ހިމެނޭ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ސަބަބުންނެވެ. ގައުމުގެ އިންވެސްޓްމަންޓަތަށް ހާއްސަ މި ފަންޑުން ނަޖީބާއި އޭނާގެ ބައިވެރިން އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްވެ އަގުބޮޑު ގެދޮރާއި މުދަލާއި އަގުބޮޑު އާޓް ފަދަ ތަކެތި ވެސް ގަނެފައިވެ އެވެ.

ނަޖީބްގެ މައްޗަށް ހިންގި ދިގު ޝަރީއަތަށް ފަހު އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން އާއި 1އެމްޑީބީ އެކައުންޓްތަކުން ނަޖީބްގެ އަމިއްލަ އެކައުންޓްތަކަށް 10.1 މިލިއަން ޑޮލަރު ޓްރާންސްފާކުރިކަން ވެސް ސާބިތުވެފަ އެވެ.