25 އޯގަސްޓް 2022
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިއަދު 5000 މީޓަރުގެ ރޭސް ކާމިޔާބުކޮށް، މިއަހަރު ތިންވަނަ ރަން މެޑަލް ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ހޯދައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިއަދު 5000 މީޓަރުގެ ރޭސް ކާމިޔާބުކޮށް، މިއަހަރު ތިންވަނަ ރަން މެޑަލް ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ހޯދައިފި އެވެ.
މާފަންނު ސްޓޭޑިއަމްގެ ސިންތެޓިކް ޓްރެކުގައި ކުރިއަށް ގެންދިޔަ 5000 މީޓަރުގެ ރޭސް ފަޒީލް ނިންމީ 16:08.60 (16 މިނެޓާއި 8.60 ސިކުންތު) އިންނެވެ.
ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ފަޒީލް، މިއަހަރު ހޯދި ފުރަތަމަ ރަން މެޑައްޔަކީ ފެބްރުއަރީ މަހު އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރަކް އަލް ހައިމާގައި ބޭއްވި ހާފް މެރަތަން ރޭހުގެ 5 ކިލޯމީޓަރުން އެއްވަނަ ވަނަ ހޯދައިގެން ކާމިޔާބު ކުރި ރަން މެޑަލް އެވެ. އޭގެ ފަހުން ޖޫން މަހު ބޭއްވި ޓީއެފްޖީ 10 ކިލޯމީޓަރުގެ ރޭހުން ވެސް ފަޒީލް އެއްވަނަ ހޯދި އެވެ.
އެސޯސިއޭޝަން ކަޕުގައި މިއަދު ހެނދުނު ފަޒީލް ވަނީ، 4 ގުނަ 400 މީޓަރުގެ ރޭހޫން ދިވެހި ސިފައިންގެ ކްލަބަށް އެއްވަނަ ހޯދައި ދިނުމުގައި ވެސް އެހީތެރި ވެފަ އެވެ. މިއަދު ހަވީރު 5000 މީޓަރުގެ ރޭސް ކާމިޔާބަށް ފަހު ފަޒީލް، "މިހާރު" އަށް ބުނީ ރަން މެޑަލް ހޯދުން އަދި ވެސް އޮތީ ކަމަށެވެ.
ފަޒީލް ރޭސް ނިންމަން އަންނަމުން އުފާފާޅު ކުރަނީ: އޭނާ ރޭސް ނިންމީ 16 މިނެޓާއި 8.60 ސިކުންތުން --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
"ގޯލްޑަށް ނޫނީ ވާދައެއް ނުކުރާނަން. އަދި ވެސް ފެންނާނެ ގޯލްޑް ހޯދާ އިވެންޓައް. މި މުބާރާތުގައި އެކަންޏެއް ވެސް ނޫން. ޓާގެޓަކީ މިއަހަރު ވާދަކުރާ ހުރިހާ ރޭހެއްގައި ފުލުފުލުގައި ރަން މެޑަލް ހޯދަމުން ދިއުން،" ރޭސް ނިންމުމަށް ފަހު އާދަޔާ ހިލާފް ޖޯޝެއްގައި ހުރި ދުވުންތެރިޔާ ބުންޏެވެ.
އޭނާ ވަނީ ނަސީރުގެ މަސައްކަތް އޭނާގެ ކާމިޔާބުގައި މުހިންމު ހިއްސާއެއް ވާ ކަމަށް ބުނެފަ އެވެ.
"ނަސީރު ކޯޗު ކައިރިއަށް އަޅުގަނޑު ޓްރޭނިން އަށް ދިޔައިރު ހުރީ އޭގެ ކުރިން ލިބުނު އަނިޔާއާ ގުޅިގެން ދަށް ވެލާފަ. ފޯމު ގެއްލިފަ. އެކަމަކު ކޯޗު ހިފާލީ އެންމެ މައްޗަށް. ޓާގެޓް ވެސް ކަނޑައެޅީ އެންމެ މައްޗަށް،" ފަޒީލް ބުންޏެވެ.
"އެތުލެޓިކްސްގައި ނަސީރު ވަރުގެ ކޯޗެއް ރާއްޖެ އަކުން ނުދެކެން. ކޯޗު ބުންޏެއްނު ފަޒީލަށް އިންޓަނޭޝަނަލް މެޑަލްއެއް ހޯދައި ނުދެވިއްޖެއްޔާ ތިމަންނަ ފަޒީލަށް ކޯޗުކޮށް ނުކޮށްދޭނަމޭ. އެންމެ ފުރަތަމަ ވެސް ޔޫއޭއީގައި އެ ޓާގެޓް ހާސިކު ކުރީ. އެހާ ހިސާބުން ފެށިގެން އަޒުމު ކަނޑައެޅީ މިއަހަރު ހުރިހާ ރޭހަކުން ކާމިޔާބު ނޫން އެއްޗެއް ބޭނުން ނެތޭ. ފުލުފުލުގައި މުބާރާތްތައް އޮތަސް އެ ނޫން އެއްޗަކަށް ނުވިސްނަން. އޮންލީ ގޯލްޑް."
މި މުބާރާތުގެ 1،500 މީޓަރުގެ ފައިނަލުގައި މާދަމާ ހަވީރު ވެސް ފަޒީލް ވާދަކުރާނެ އެވެ. އަދި 800 މީޓަރުގެ ކެޓަގަރީގެ ހީޓްގައި މާދަމާ ހެނދުނު ވާދަކުރާނެ އެވެ.
5000 މީޓަރުގެ ފައިނަލުގެ މެޑަލްތައް ގެންދިޔަ ދުވުންތެރިން ޔޫސުފް އިބްރާހިމް، މޯޑް އަދި ފަޒީލް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނާސީރު މިއަދު ބުނީ ފަޒީލް އާއެކު ޓާގެޓް މިހާރު މަތިކޮށްފައިވާ ކަމަށެވެ. މިހާރު ޓާގެޓަކީ މެދުރާސްތާ ދުވުންތަކުގައި ރާއްޖޭގެ ހުރިހާ ގައުމީ ރެކޯޑެއް ފަޒީލަށް ހާސިލުކޮށް ދިނުން ކަމަށް ރާއްޖޭގެ 800 މީޓަރުގެ ގައުމީ ރެކޯޑް މިހާރު ވެސް ހޯލްޑް ކުރާ ނަސީރު ބުންޏެވެ.
"އިރާދަ ކުރެއްވިއްޔާ އެއަށް ފަހު އޮންނާނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑައްޔެއް ހޯދުން،" ފާޒީލަށް އަންނަ އަހަރު އޮތް އެންމެ ބޮޑު ޓާގެޓާ ބެހޭ ގޮތުން ނަސީރު ބުންޏެވެ.
މިއަދު 5000 މީޓަރުގައި ފަޒީލް އާ ވާދަކުރީ ދިވެހި ސިފައިންގެ ކްލަބްގެ އަނެއް ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް) އެވެ. މިއަދު ހެނދުނު 1،500 މީޓަރުގެ ހީޓް އިވެންޓްގައި ފަޒީލް ބަލި ކުރި މޯޑް 5000 މީޓަރުގެ ފައިނަލުގައި ރޭސް ނިންމީ 16:15.12 އިންނެވެ.
ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮންނަ ނަސްރުﷲ އަހުމަދު (ނަސްރު) ގެ ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ މޯޑް ވަނީ ޓީއެފްޖީ ރަންގައި ވެސް ފަޒީލްއާ ވާދަކޮށްފަ އެވެ. ދިގުރާސްތާ ދުވުންތަކުގައި މިހާރު އެންމެ ވާދަވެރިކަން އޮތީ ފަޒީލް އާއި މޯޑް އާ ދެމެދުގަ އެވެ. ތިންވަނަ ނަކަށް އޮތީ ވެސް ނަސްރުގެ ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ ޔޫސުފް އިބްރާހިމް އެވެ. ނަސްރުގެ މެރަތަން ރަނާސް އިން ވާދަ ކުރި ޔޫސުފް މިއަދު 5000 މީޓަރުގެ ފައިނަލުގައި ތިންވަނައިގައި ރޭސް ނިންމައި ވަނީ ބްރޯންޒް މެޑަލް ހާސިލުކޮށްފަ އެވެ. އޭނާ ރޭސް ނިންމީ 16:47.26 ސިކުންތުންނެވެ.
ފަޒީލް އާއި ރިއްފަތު އިންޑިއާގެ ޓްރޭނިން ކޭމްޕާ ގުޅެނީ
މޮޅު އެތުލީޓުންނަކީ ސާއިދު، ހިމްނާ، އަޔާން، ދާނާ
100 މީޓަރުގައި ސާއިދު އާއި ހިމްނާއަށް އެއްވަނަ
އެންމެ މޮޅު އެތުލީޓް ފަޒީލް ގްރޯން ޕްރީން ނުފެންނާނެ
މޯޑާއި ފަޒީލް: ގައުމީ މުބާރާތުން ބޮޑު ވާދަވެރިކަމެއް
ސާއިދާއި ހިމްނާ އަށް ކާމިޔާބު ދުވަހެއް
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް
ރެކޯޑަކާ އެކު އެންމެ މޮޅު އެތުލީޓްގެ އެވޯޑް ފަސޫހާއަށް
އެތުލެޓިކްސްގެ ޖީއެސްގެ މަގާމު އަނެއްކާވެސް މުންތަގިމަށް
އުފަން ދުވަހު، ފަސޫހާ ގައުމީ ރެކޯޑް މުގުރާލައިފި