Roadha Mihaaru
މޮޅު އެތުލީޓުންނަކީ ސާއިދު، ހިމްނާ، އަޔާން، ދާނާ

އެންމެ މޮޅު އެތުލީޓުންނަކީ ސާއިދު، ހިމްނާ، އަޔާން، ދާނާ

27 އޯގަސްޓް 2022

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް، ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން، ފާތިމަތު ދާނާ ސައީދު އަދި ޔޫސުފް އަޔާން އާމިރެ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް، ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން، ފާތިމަތު ދާނާ ސައީދު އަދި ޔޫސުފް އަޔާން އާމިރެ ހޯދައިފި އެވެ.

ސާއިދު އާއި ހިމްނާ ވަނީ އޯޕަން ޑިވިޝަންގެ ސްޕްރިންޓްގެ ހުރިހާ އިވެންޓްތަކުން ރަން މެޑަލް ހޯދައިފަ އެވެ. މިއަދު ބޭއްވި އަންހެނުންގެ 400 މީޓަރު ވެސް ހިމްނާ ކާމިޔާބު ކުރި އެވެ. ސާއިދު ވެސް ވަނީ 400 މީޓަރުން އެއްވަނަ ހޯދައިފަ އެވެ.

މިދިޔަ އަހަރު ބޭއްވި ގައުމީ މުބާރާތުގައި އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި ސާއިދު އާއި ހިމްނާ އަކީ މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ވެސް އެތުލެޓިކްސް އިން އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދީ ސާއިދު އާއި ހިމްނާ އެވެ.

އެންމެ މޮޅު އެތުލީޓުންގެ މަގާމަށް ހޮވުނު ހިމްނާ އާއި ސާއިދު: ވާދަކުރި ހުރިހާ ސްޕްރިންޓް ރޭސްތަކުގެ ރަން މެޑަލް ގެންދިޔައީ އެ ދެ ދުވުންތެރިން --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

އެންމެ މޮޅު އެތުލީޓުންގެ މަގާމަށް ހޮވުނު ހިމްނާ އާއި ސާއިދު: ވާދަކުރި ހުރިހާ ސްޕްރިންޓް ރޭސްތަކުގެ ރަން މެޑަލް ގެންދިޔައީ އެ ދެ ދުވުންތެރިން --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

މިއަދު ހަވީރު ފިރިހެނުންގެ 400 މީޓަރުގެ ރޭހުގައި ވާދަކޮށް ސާއިދު ވަނީ 49.69 ސިކުންތުން ރޭސް ނިންމައި މުބާރާތުގެ ރެކޯޑެއް ހަދައިފަ އެވެ. ފައިނަލުގައި އޭނާގެ ފަހަތުން ދެވަނައިގައި ނިންމީ ހުސައިން ރިޒާ (ކުޑަ ރިޒާ) އެވެ. އޭނާ ރޭސް ނިންމީ 50.50 ސިކުންތުންނެވެ. ތިންވަނަ ހޯދީ ޔޫސްފް އާއިޝް މުހައްމަދު ރޭސް ނިންމީ 52.29 ސިކުންތުންނެވެ.

އަންހެނުންގެ 400 މީޓަރު ފައިނަލުން ހިމްނާ އެއްވަނަ ހޯދީ 58.16 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ވަނީ މުބާރާތުގައި ރެކޯޑެއް ހަދައިފަ އެވެ. ދެވަނަ ހޯދީ އާމިނަތު ލަޔާނާ މުހައްމަދެވެ. އޭނާ ރޭސް ނިންމީ 1:00.79 އިންނެވެ. ތިންވަނަ ހޯދި ހައްވާ މުޒުނާ ފާއިޒު ރޭސް ނިންމީ 1:06.21 އިންނެވެ.

ޖޫނިއާ ބައިގައި އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދީ ދާނާ އާއި އަޔާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޖޫނިއާ ބައިގައި އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދީ ދާނާ އާއި އަޔާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުބާރާތުގެ 15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ހޯދީ ފާތިމަތު ދާނާ ސައީދު އެވެ. ސ. ހިތަދޫ ސްކޫލުން ވާދަކުރި ދާނާ ވަނީ އެ އުމުރުފުރާގެ 100 މީޓަރު، 200 މީޓަރުން އެއްވަނަ ހޯދައިފަ އެވެ. އުމުރުން 15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދީ އިސްކަންދަރު ސްކޫލްގެ ޔޫސުފް އަޔާން އާމިރެވެ. އޭނާ ވަނީ 100 މީޓަރު، 200 މީޓަރުން އެއްވަނަ ހޯދައިފަ އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކްލަބަކަށް ހޮވުނީ އެތުލެޓިކްސް އަށް އެންމެ ގިނަ އެތުލީޓުން ނެރޭ ދިވެހި ސިފައިންގެ ކްލަބުންނެވެ. އެ ކަލްބަކީ ވޭތުވެދިޔަ 16 ވަރަކަށް އަހަރު އެއް ކްލަބަކުން އެތުލެޓިކްސްގައި އެންމެ ބޮޑު ކާމިޔާބު ހޯދި ޓީމެވެ. އެންމެ މޮޅު އަންހެން ކްލަބަކަށް ހޮވުނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ. ގައުމީ މުބާރާތުގައި ވެސް އެންމެ މޮޅު ކްލަބަކަށް ހޮވުނު ކްލަބްގެ އެންމެ ފާހަގަ ކުރެވޭ އެތުލީޓަކީ ޑިސްޓެންސް ދުވުންތަކަށް ހާއްސަ އާމިނަތު ޖައިޝާ ޖުނީޒް އެވެ.