Roadha Mihaaru
ގިނައިން ކައިގެން ވެސް ބަރުދަން ލުއިކުރެވޭނެ

ގިނައިން ކައިގެން ވެސް ބަރުދަން ލުއިކުރެވޭނެ

28 އޯގަސްޓް 2022

ދުޅަހެޔޮ ސިއްހަތަކަށް ދިރިއުޅުން ބަދަލުކޮށް ހަށިގަނޑު ހިއްކާލުމަށް އެންމެ ފުރަތަމަ ވެސް ކުރަން ބުނާ އެއް ކަމަކީ ކެއުމުގެ އާދަތައް ބަދަލުކޮށް ކެއުން މަދުކުރުމެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ދުޅަހެޔޮ ސިއްހަތަކަށް ދިރިއުޅުން ބަދަލުކޮށް ހަށިގަނޑު ހިއްކާލުމަށް އެންމެ ފުރަތަމަ ވެސް ކުރަން ބުނާ އެއް ކަމަކީ ކެއުމުގެ އާދަތައް ބަދަލުކޮށް ކެއުން މަދުކުރުމެވެ.

ގިނައިން ކައިގެން ބަރުދަން ލުއި ކޮށްލެވިދާނޭ ބުންޏަސް އެއީ ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫނެވެ. ނަމަވެސް މިކަމުގެ ފަހަތުގައި ވެސް ސައިންސެއް އެބަ އޮތެވެ. މިއަށް ކިޔަނީ "އެނާޖީ ޑެންސިޓީ" އެވެ.

އެނާޖީ ޑެންސިޓީ އަކީ ކާ އެއްޗެހީގައި ހުންނަ ކެލޮރީގެ އަދަދެވެ. ހައި އެނާޖީ ޑެންސިޓީ ނަމަ އެ ކާއެއްޗެހީގެ ސައިޒް ކުޑަވި ނަމަވެސް އޭގައި ކެލޮރީ ހުންނަ މިންވަރު އިތުރުވާނެ އެވެ. ލޯ އެނާޖީ ޑެންސިޓީ ވެއްޖެ ނަމަ ކާ އެއްޗެހީގެ ސައިޒު ނުވަތަ ކާ މިންވަރު އިތުރުވި ނަމަވެސް ކެލޮރީގެ މިންވަރު މަދުވާނެ އެވެ.

.

.

މިސާލަކަށް މޭބިސްކަދުރެވެ. ހިކި މޭބިސްކަދުރަކީ ހައި އެނާޖީ ޑެންސިޓީ ހިމެނޭ އެއްޗެކެވެ. ނަމަވެސް އެއާ ހިލާފަށް ރޯ މޭބިސްްކަދުރަކީ ލޯ އެނާޖީ ޑެންސިޓީ މޭވާއެކެވެ. ހިކި މޭބިސްކަދުރު ޖޯޑެއްގައި 400 އަށްވުރެ ގިނަ ކެލޮރީ ހުންނަ އިރު ރޯ މޭބިސްކަދުރު ޖޯޑެއްގައި ހުންނާނީ 80 ވަރަކަށް ކެެލޮރީ އެވެ. މި ދެ ބާވަތުން ވެސް ބަނޑު ފުރޭނެ އެވެ. ނަމަވެސް ރޯ މޭބިސްކަދުރުން ކެލޮރީ ލިބޭ މިންވަރު މަދުވާނެ އެވެ. ސިއްރަކީ ވީހާ ވެސް ކެލޮރީ މަދު ކެއުންތައް އިތުރުކޮށް ކެލޮރީ މަތި ކެއުންތަކާ ދުރުވުމެވެ.

ނިއުޓްރީޝަނުން ލަފާ ދޭގޮތުގައި ޑައިޓަށް ވީހާ ވެސް ގިނައިން ތަރުކާރީ އިތުރުކުރުން ރަނގަޅެވެ. ގިނަ ތަރުކާރީތަކަކީ ލޯ އެނާޖީ ޑެންސިޓީ ހިމެނޭ އެއްޗިއްސެވެ. އެހެންވީމާ، ބޭނުން މިންވަރަކަށް ގިނަ އަދަދަތަކަށް ތަރުކާރީ ހިމެނޭ ޑިޝްތައް ހަަދަން ވަރަށް ރަނގަޅުވާނެ އެވެ. މިތަކެއްޗަކީ ކެލޮރީ މަދުވެފައި ބަނޑު ފުރާލަދޭނެ އެއްޗެއްސެވެ. އަދި ގިނައިން ކޭ ނަމަވެސް ތަރުކާރީގެ ސަބަބުން ބަރުދަން އިތުރެއް ނުވާނެ އެވެ. މިއީ އިންސާނާގެ ހަޖަމްކުރާ ނިޒާމާއި އެތެރެހައްޓަށް ވެސް މާ ފައިދާ ހުރި އެއްްޗެކެވެ.

ޕްރޮސެސް ކޮށްފައި ހުންނަ އެއްޗެހީގެ ބަދަލުގައި އެއަށް ތަރުކާރީއެއް އިތުރުކުރުން ވަރަށް ބުއްދިވެރި ވާނެ އެވެ. މީގެ ސަބަބުން ބަނޑު ފުރޭނެ އެވެ. އަދި ބަރުދަން ލުއި ކުރުމަށް ފަސޭހަ ވެސް ވާނެ އެވެ.

ނިއުޓްރީޝަނުން އިތުރަށް ލަފާ ދޭ ކަމަކީ ގަޑިގަޑިއަށް ކެއުމަށެވެ. އެއްވެސް ގޮތަކަށް ކާ ގަޑި އެޅުން ރަނގަޅެއް ނޫނެވެ. އަދި އޭގެ ސަބަބުން އިންސާނާގެ ކެއުމުގެ އާދަތަކަށް ބަދަލު އަންނާނެ އެވެ. އެހެންވީމާ އަބަދުވެސް އެއް އާދައެއްގެ މައްޗަށް ކޮންމެ ދުވަހަކު ކާ ގަޑިތަކުގައި ކެއުން ވަރަށް މުހިއްމެވެ.