Roadha Mihaaru
ފެން ބޮޑުވުމުން ދުނިޔޭގެ އެހީއަށް ޕާކިސްތާނުން އެދިއްޖެ

ފެންބޮޑުވުމުން ދުނިޔޭގެ އެހީއަށް ޕާކިސްތާނުން ގޮވާލައިފި

28 އޯގަސްޓް 2022

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެކަމުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖްތަމައުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ގޮވާލައިފި އެވެ.

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެކަމުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖްތަމައުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ގޮވާލައިފި އެވެ.

ޕާކިސްތާނުގެ ދާޚިލިއްޔާ އިން ބުނި ގޮތުގައި މިހާރު ކުރިމަތިވެފައިވާ ފެން ބޮޑުވުމުގެ ހާދިސާގައި ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް އެމެރިކާ އާއި އިނގިރޭސި ވިލާތާއި އެމިރޭޓްސް އަދި އެހެން ބައެއް ގައުމުތަކުން މިހާރުވެސް ވަނީ ދީލަތި އެހީތަކެއް ދީފަ އެވެ. މިދިޔަ ޖޫން މަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާ އިރު، އިތުރު އެހީތެރިކަން ބޭނުންވާ ކަމަށް ޕާކިސްތާނުން ބުނެ އެވެ.

ދާޚިލީ ވުޒާރާގެ ތަރުޖަމާނު ސަލްމާން ސޫފީ ވިދާޅުވީ ފެން ބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ޕާކިސްތާނު ސަރުކާރުން ކުރެވެން އޮތް ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ. އެ ގައުމުގެ ހުޅަނގުއުތުރު ސަރަހައްދުގައި އޮންނަ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ކޯރުތައް ފުރިގެން ބަންޑުންވުމާ ގުޅިގެން ބޮޑު ސަރަހައްދެއްގައި ވަނީ ފެން ބޮޑުވެފަ އެވެ.

އޮގަސްޓް 27، 2022: ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި ފެންބޮޑުވެފައި. --އޭއެފްޕީ

އޮގަސްޓް 27، 2022: ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި ފެންބޮޑުވެފައި. --އޭއެފްޕީ

އެ ޕްރޮވިންސްގައި ފެން ބޮޑުވުމާ ގުޅިގެން ގިނަ ގެތަކެއް ވަނީ ދިރިނުއުޅެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ކޯރުތަކުގެ އައްސޭރިފަށުގައި އާދައިގެ ގޮތަކަށް ހަދާފައި ހުރި ގިނަ ގެތަކެއްވަނީ، ބޮޑުވި ފެންގަނޑުގެ ތެރެއަށް ގަނބައިގަނެ ނުވަތަ އޮޔާ ގޮސްފަ އެވެ. މި ހާދިސާތަކާ ގުޅިގެން އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދަތުރުކޮށްފަ އެވެ.

ޕާކިސްތާނުގެ އިރުދެކުނު ޕްރޮވިންސެއް ކަމަށްވާ ސިންދުގެ ވެސް ބޮޑު ބައެއްގައި ފެން ބޮޑުވެ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. ސިންދު ޕްރޮވިންސްގެ ހުރިހާ ސަރަހައްދުތަކެއްގައި ވެސް ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު އެބަ ތިބި ކަމަށާއި، ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް ހަމަޖައްސާފައި ހުރި ފައިސާ މިހާރު ވަނީ، ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަދަލުކޮށްފައި ކަމަށް ސަރުކާރުން ބުނެ އެވެ.

ޕާކިސްތާން: އޮގަސްޓް 27، 2022: މޫސުން ގޯސްވެ ޕާކިސްތާންގައި އާދަޔާ ހިލާފަށް ފެންބޮޑުވެފައި: މި ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ މީހުން ވަގުތީ ޓެންޓުތަކުގައި، މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާން: އޮގަސްޓް 27، 2022: މޫސުން ގޯސްވެ ޕާކިސްތާންގައި އާދަޔާ ހިލާފަށް ފެންބޮޑުވެފައި: މި ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ މީހުން ވަގުތީ ޓެންޓުތަކުގައި، މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި.-- ފޮޓޯ: އޭއެފްޕީ

އިގްތިސާދީ ގޮތުން ވެސް ދަތި ދުވަސްވަރެއްގައި މިފަދަ ބޮޑު ގުދުރަތީ ކާރިސާއެއް ކުރިމަތިވެފައިވާތީ، ބައިނަލްއަގުވާމީ މުޖްތަމައުގެ ބޮޑު އެހީތެރިކަމެއް ލިބިގެން ނޫނީ، ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިނުގަނެވޭނެ ކަމަށް ޕާކިސްތާނުގެ ދާޚިލިއްޔާ އިން ބުނެ އެވެ.

ވިއްސާރަ މޫސުމަށް ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތަކަކީ، ޕާކިސްތާނުގައި އާންމު ކަމަކަށް ވިޔަސް މިހާރު ކުރަމުންދާ ވިއްސާރައަކީ އާދައިގެ ކަމެއް ނޫން ކަމަށް، ޕާކިސްތާނުގެ އާންމު ރައްޔިތުން ބުނެ އެވެ. ސިންދު ޕްރޮވިންސްގެ ލަރްކާނާ ސަހަރުގައި، ކިސަޑާއި މަށިން ހަދާފައި ހުރި ގިނަ ގެތައް، ބޮޑުވެފައިވާ ފެންގަނޑުގެ ތެރެއަށް ދަމައިގަނެ، މުޅި ސަހަރުގައި ފެން ބޮޑުވެފައިވާ އިރު، 82 އަކަ ކިލޯމީޓަރުގެ އެ ސަހަރުގެ ގިނަ ސަރަހައްދުތަކުން މިހާރު ފެންނަނީ ބޮޑެތި ގަސްގަހުގެ ކުރި އެކަނި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޮގަސްޓް 27، 2022: ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގައި ފެންބޮޑުވުމުން ހާލުގައި ޖެހިފައިވާ ބަޔަކު ރައްކާތެރި ހިސާބަކަށް ގެންދިއުމުގައި ސިފައިން ހަރަކާތްތެރިވަނީ. --އޭއެފްޕީ

އޮގަސްޓް 27، 2022: ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގައި ފެންބޮޑުވުމުން ހާލުގައި ޖެހިފައިވާ ބަޔަކު ރައްކާތެރި ހިސާބަކަށް ގެންދިއުމުގައި ސިފައިން ހަރަކާތްތެރިވަނީ. --އޭއެފްޕީ

ފެން ބޮޑުވުމުގެ ހާދިސާގައި ގެދޮރު ގެއްލުނު ނަމަވެސް ފުރާނަ ސަލާމަތް ކުރެވުނު އެތައް ހާސް ބަޔަކު މިހާރު ތިބީ ކާބޯތަކެއްޗަށާއި ބޭހާއި ރަޖާ ފަދަ ތަކެއްޗަށް ވަރަށް ބޮޑަށް ބޭނުންޖެހިފަ އެވެ. ގިނަ ސަރަހައްދުތަކެއްގައި އަދިވެސް އެއްގަމު އުޅަނދު ނުދުއްވޭ ވަރަށް ފެންގަނޑު ބޮޑުވެފައިވާތީ، އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ސަރުކާރުގެ އިދާރާތަކަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. އޭގެ އިތުރުން، ބައެއް ސަރަހައްދުތަކުގައި މިހާރު ދަނީ ބޭރަށް ހިންގުމާއި ހުން އައުމާއި ހޮޑުލެވުމުގެ ރޯގާތައް ފެތުރެމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އާބާދީގެ 15 ޕަސެންޓް (33 މިލިއަން) މީހުންނަށް ގެއްލުން ލިބިފައިވާ ކަމަށެވެ. މީގެ ކުރިން މިހާ ގަދައަށް ވިއްސާރަކުރި 2010-2011 ވަނަ އަހަރުގެ ވިއްސާރަ މޫސުމާ އަޅައި ބަލާއިރު ވެސް، މިހާރު ކުރަމުންދާ ވިއްސާރައިގެ ގެއްލުން މާ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި މިހާރު އެ ގައުމަށް ކުރަމުން ދަނީ އާދައިގެ މަތިން އަހަރުގެ މި ދުވަސްވަރު ކުރާ ވިއްސާރަޔާ މުޅިން ތަފާތު ވިއްސާރައެކެވެ. އަދި މި ވިއްސާރައަކީ، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކުރާ އާދަޔާ ޚިލާފު ވިއްސާރައެއް ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.