Roadha Mihaaru
ތިމާވެށީގެ މިވަރުގެ ގަތުލުއާންމެއް ނުދެކެން: ގުޓަރޭސް

ތިމާވެށީގެ މިވަރުގެ ގަތުލުއާންމެއް ނުދެކެން: ގުޓަރޭސް

11 ސެޕްޓެމްބަރ 2022

ޕާކިސްތާނުން މިހާރު ފެންނަމުން ދާ ވަރުގެ، ތިމާވެށީގެ ގަތުލުއާންމެއް ދުވަހަކު ވެސް ދެކެވަޑައިނުގަންނަވާ ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުން މިހާރު ފެންނަމުން ދާ ވަރުގެ، ތިމާވެށީގެ ގަތުލުއާންމެއް ދުވަހަކު ވެސް ދެކެވަޑައިނުގަންނަވާ ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ބޯކޮށް ވާރޭ ވެހި ޕާކިސްތާނުގެ ތިން ބައިކުޅަ އެއްބައިގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާ އިރު، ގުޓަރެސް އިއްޔެ ވަނީ އެ ގައުމަށް ވަޑައިގެން، ފެން ބޮޑުވެފައިވާ ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި، ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައިފަ އެވެ. އަހަރުގެ މި ދުވަސްވަރު ބޯކޮށް ވާރޭ ވެހުނު ނަމަވެސް، މިއަހަރުގެ މި މޫސުމުގައި ކުރަމުންދާ އާދަޔާ ޚިލާފު ވިއްސާރައަކީ، މޫސުމީ ބަދަލުތަކުގެ ނަތީޖާކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، އެ ގެއްލުންތަކުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ، ޖައްވުގެ ތެރެއަށް އެންމެ ގިނައިން ވިހަ ގޭސްތައް ދޫކުރާ، މުއްސަނދި ގައުމުތަކުން ކަމަށް ވެސް ގުޓަރޭސް ވިދާޅުވި އެވެ. ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ، އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އިރު، ދަނޑުބިންތައް ހަލާކުވުމުގެ ސަބަބުން، ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ވެސް ވަނީ އެތައް ދަތިތަކެއް ކުރިމަތިވެފަ އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި އިންސާނީ މުސީބާތައް އަހަރެން ދުށިން. އެކަމަކު ވެސް މި މިންވަރަށް މޫސުމީ ބަދަލުތަކުގެ ގަތުލުއާންމެން ދުވަހަކު ވެސް ނުދެކެން. މިއަދު މި ފެނުނު ކަންތައް ސިފަކޮށްދޭނެ އިބާރާތެއް އަހަރެންނަކަށް ނޭނގޭ،" ޕާކިސްތާނުގެ ބަނދަރު ރަށެއް ކަމަށްވާ ކަރާޗީގައި ހުންނަވައި، ގުޓަރޭސް އިއްޔެ ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގައި، ތިން ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފަރުބަދަތަކުން ފައިބައިގެން އަންނަ ފެންތައް އެޅިގެން ކުޅިތަކާއި ކޯރުތައް ފުރިގެން ބަންޑުންވަމުން ދާއިރު، ކޯރުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ފަގީރުން، ރައްކާތެރި ތަންތަނަށް ގެންދިއުމަށް، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވިއްސާރައިގައި ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާ ކަމަށް ގުޓަރެސް ވިދާޅުވި އެވެ. އަދި އެކަމުގައި ބައިނަލްއަގުވާމީ މުޖްތަމައުން އެކަށީގެންވާ އެއްބާރުލުމެއް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.