Roadha Mihaaru
ވޭވަށު ބަނދަރު ރަސްމީކޮށް ހުޅުވައިފި

ވޭވަށު ބަނދަރު ރަސްމީކޮށް ހުޅުވައިފި

28 އޯގަސްޓް 2022

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި މ. ވޭވަށު ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި މ. ވޭވަށު ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ދައުލަތުގެ ބަޖެޓުން 48 މިލިއަން ރުފިޔާ ހޭދަކުރި މި ބަނދަރު ހުޅުއްވައިދެއްވީ ވޭވަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ މަސްގަނެ ކައްކައި އޭގެއިން ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ވޭވަށުގައި، މިހާތަނަށް އައިއިރު އެ މަސައްކަތަށް ފަހިވާ ކަހަލަ ބަނދަރެއް ނެތް ކަމަށެވެ.

"މި ކަންކަން [މަސްކައްކައި ހިއްކުން] ފުޅާކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ފަސޭހަ ބަނދަރެއް މި ރަށުގައި ގާއިމްކުރުން. އިރާދަކުރެއްވިއްޔާ މިއަދު މިވަނީ އެ ބަނދަރު ހަދައި ގާއިމްކޮށް ހިދުމަތް ދޭން ފެށިފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިމަގުގައި އެއްވެސް ދައްޗެއް ނެތި ފަސޭހަކަމާ އެކު އެ ރަށު ރައްޔިތުންނަށް އެ ބަނދަރު ބޭނުން ކުރެވޭނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވޭވަށު ބަނދަރު ހުޅުއްވައިދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވޭވަށު ބަނދަރު ހުޅުއްވައިދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމްޓީސީސީން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައިފަ އެވެ. ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ އެކު ގާތްގަނޑަކަށް 115 ރަށުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އަދި އޭގެ ތެރެއިން 38 ރަށެއްގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރީ ސަރުކާރުން ވޭވަށުގެ ތަރައްގީއަށް ހަރަދުކުރީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ. މިއަދު ހަތަރު އަހަރު މި ސަރުކާރަށް ވެގެންދާއިރުގައި، މި ރަށަށް އެކަނި ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ހަރަދުކޮށްފިން،" ރައީސް ވިދާޅުވި އެވެ.

ވޭވަށުގައި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 15،875 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުންކޮށް، 294 މީޓަރުގެ އެއްގަމުތޮއްޓަކާއި 373 މީޓަރުގެ ބޭރުތޮއްޓަކާ އެކު ރިވެޓްމެންޓު ޖެހުމުގެ އިތުރުން ރޭމްޕެއް ވެސް ހަދައިފަ އެވެ.

ބަނދަރު ސަރަހައްދުގައި އެޅި 1470 އަކަ މީޓަރުގެ ޕޭވްމެންޓާއެކު މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ވޭވަށު ބަނދަރު ރައީސް ހުޅުއްވައިދެއްވީ އެމަނިކުފާނު މިހާރު މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދުގެ ޖަލްސާގައި އެމަނިކުފާނާ އެކު، ކެބިނެޓުގެ ބައެއް މިނިސްޓަރުންނާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުސައިނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ވޭވަށު ކައުންސިލް މެންބަރުންނާއި އެރަށުގެ ގިނަ ރައްޔިތުންނެއް ބައިވެރިވި އެވެ.