Roadha Mihaaru
ޓޭލާ ސްވިފްޓުގެ އާ އަލްބަމެއް އޮކްޓޫބަރުގައި

ޓޭލާ ސްވިފްޓުގެ އާ އަލްބަމެއް އޮކްޓޫބަރުގައި

30 އޯގަސްޓް 2022

އެމެރިކާގެ މަޝްހޫރު ތަރި ޓޭލާ ސްވިފްޓުގެ އާ އަލްބަމެއް އޮކްޓޫބަރު މަހުގެ ތެރޭގައި ނެރޭނެ ކަމަށް ބުނެފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ މަޝްހޫރު ތަރި ޓޭލާ ސްވިފްޓުގެ އާ އަލްބަމެއް އޮކްޓޫބަރު މަހުގެ ތެރޭގައި ނެރޭނެ ކަމަށް ބުނެފި އެވެ.

ފޭނުންނަށް ބޮޑު ސަޕްރައިޒެއް ގޮތުގައި ޓޭލާގެ އާ އަލްބަމް އިއުލާނުކުރީ އިއްޔެ ބޭއްވި އެމްޓީވީ މިއުޒިކް ވީޑިއޯ އެވޯޑްސް ހަފުލާގެ ތެރޭގައި އެވޯޑާ ހަވާލުވާން ސްޓޭޖަށް އަރައިފަ އެވެ. ޓޭލާ މިދިޔަ އަހަރު ނެރުނު ލަވަ "އޯލް ޓޫ ވެލް"ގެ މިއުޒިކް ވީޑިއޯއަށް ވަނީ އެމްޓީވީގެ އެންމެ މޮޅު ޑައިރެކްޝަން އެވޯޑު ލިބިފަ އެވެ.

ޓޭލާ ބުނި ގޮތުގައި އަލަށް ނެރޭ އޭނާގެ 10 ވަނަ ސްޓޫޑިއޯ އަލްބަމް ރިލީޒް ކުރާނީ އޮކްޓޫބަރު މަހު 21 ގަ އެވެ.

"މިޑްނައިޓްސް" ކިޔާ އެ އަލްބަމްގައި ޓޭލާގެ މުޅިން އާ 13 ލަވަ ހިމެނޭނެ އެވެ. އެ އަލްބަމްގައި ހިމެނޭ ލަވަތަކީ ނިދި ނައިސްގެން އުޅުނު ރޭތަކުގައި ހިޔާލަށް އައި ލިރިކްސްތަކެއް ލަވައަށް ބަދަލުކޮށް ނެރޭ ލަވަތަކެކެވެ.

މި ފަހަކަށް އައިސް ޓޭލާ އަންނަނީ ތަފާތު އެކި މިއުޒިކް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން އޭނާގެ އާ މިއުޒިކް ނެރެފައިވަނީ 2020 ވަނަ އަހަރުގަ އެވެ. އެ އަހަަރު ވަނީ ޓޭލާ މުޅިން އާ ދެ އަލްބަމް ނެރެފަ އެވެ. "އެވަމޯ" އާއި "ފޯކްލޯ" ނަމަކަށް ކިޔާ ދެ އަލްބަމް ނެރެފައިވަނީ ފަސް މަހުގެ ތެރޭގަ އެވެ.

އެއަށްފަހު ޓޭލާ މިދިޔަ އަހަރު ވަނީ އޭނާގެ ކުރީގެ އަލްބަމްތަކުގެ ތެރެއިން "ރެޑް" ވަނީ އަލުން ރިކޯޑުކޮށް ރިލީޒްކޮށްފަ އެވެ. މިއީ އޭނާގެ ކުރީގެ އަލްބަމްތައް އޭނާގެ އަމިއްލަ ނަމަކަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުން ރިލީޒްކޮށްފައިވާ އަލްބަމެކެވެ.